ބ.ތުޅާދޫގައި ދިރިއުޅޭ ބިދޭސީންތަކެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ތުޅާދޫ އޮންލައިންއަށް މިހާތަނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި 6 ބިދޭސީއަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ކައުންސިލްގެ ފަރާތުން ތުޅާދޫ ގޭގެއިން ކުނި ނަގައި އުކާލުމުގައި މަސައްކަތް ކުރާ މުވައްޒަފެއް ހިމެނެއެވެ.
މީގެ އިތުރުން ފެހުމުގެ މަސައްކަތް ކުރާ ދެ ތަނެއްގެ 2 މުވައްޒަފަކާއި، ކޮންޓްރަކްޝަން މަސައްކަތް ކުރާ ތަނެއްގެ މުވައްޒަފަކާއި ކެފޭއެއްގެ ކައްކާއެއްވެސް ވަނީ ޕޮޒިޓިވް ވެފައެވެ.
ތުޅާދޫން މިހާތަނަށް ޖުމްލަ 360 ސާމްޕަލެއްވަނީ ނަގާފައެވެ. މީގެތެރެއިން 272 މީހުން މިބައްޔަށް ނެގެޓިވް ވެފައިވާއިރު، ޖުމްލަ 31 މީހުން ވަނީ ތުޅާދޫއިން ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވް ވެފައެވެ. އަދި މިހާތަނަށް ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 57 ސާމްޕަލްގެ ނަތީޖާ ވަނީ ނުލިބިއެވެ.



