މިސަރުކާރުގެ ބޯހިޔާވަހި ކަމުގެ މަޝްރޫއު “ބޯހިޔާވަހިކަން އެންމެނަށް” ރޭ އިފްތިތާހް ކޮށްފިއެވެ.
މި މަޝްރޫއު އިފްތިތާހް ކުރުން އޮތީ ރޭ ދަރުމަވަންތަ ހޮސްޕިޓަލުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. “ބޯހިޔާވަހިކަން އެންމެނަށް” މަޝްރޫއު އިފްތިތާހް ކޮށްދެއްވީ ހައުސިންގ މިނިސްޓަރ ޑރ.އަބްދުﷲ މުއްތަލިބެވެ.
މި ރަސްމިއްޔާތުގައި ވާހަކަދެއްކެވި ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ނާޒިމް މުހައްމަދު ވިދާޅުވީ، މިރޭ އިފްތިތާހް މިކުރެވުނު ބޯހިޔާވަހިކަމުގެ ސިޔާސަތު ކަނޑައަޅާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ގެދޮރު ބޭނުންވާ 18 އަހަރުން މަތީގެ އެންމެން އޭގައި ޝާމިލުވާނެ ގޮތަށް ކަމަށެވެ.
“ބޯހިޔާވަހިކަން އެންމެނަށް” މި މަޝްރޫއާ ގުޅޭ މުހިއްމު މައުލޫމާތުތައް ރޭ ގެޒެޓް ކުރާ ގޮތަށް އޮތީ ހަމަޖެހިފައެވެ.
މިސަރުކާރުގެ އެންމެ ބޮޑު ވައުދަކީ ބޯހިޔާވަހި ކަމުގެ މައްސަލަ ހައްލު ކުރުމަށް ވެފައިވާ ވައުދެކެވެ. މިދިޔަ ހަފްތާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު އިއުލާނު ކުރައްވާފައި ވަނީ މާލެ ސަރަހައްދުން 7000 ފްލެޓާއި ރަސްމާލެއިން 15000 ގޯތި ދޫކުރެއްވުމަށް ވަރަށް އަވަހަށް ހުޅުވާލައްވާނެ ކަމަށެވެ.



