އުންމަތެއް ނުވަތަ ގައުމެއް ދިރިގެން އައުމުގެ އަސްލަކީ އަންހެނުން- މެޑަމް ސާޖިދާ

އުންމަތެއް ނުވަތަ ގައުމެއް ދިރިގެން އައުމުގެ އަސްލަކީ އަންހެނުން- މެޑަމް ސާޖިދާ

Share on twitter
Share on telegram

އުންމަތެއް ނުވަތަ ގައުމެއް ދިރިގެން އައުމުގެ އަސްލަކީ އަންހެނުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުއްހަމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ، 2024 ވަނަ އަހަރާއި 2025 ވަނަ އަހަރުގެ ރެހެންދި އެވޯޑް ދިނުމަށް ރޭ ބޭއްވި ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ކޮންމެ އިންސާނެއްގެވެސް ފުރަތަމަ މުދައްރިސް، އެހީތެރިޔާ، ހިޔާވަހި އަދި މަދަރުސާ އަކީ މައިމީހާކަން ހަނދުމަކޮށްދެއްވާ އެކަމަނާ ވަނީ، ޤައުމަށް އެކި ރޮނގުރޮނގުން ހިދުމަތްކުރާ މީހުން ބިނާކުރުމުގައި މައިން ވާ ގުރުބާނީ އާއި އަދާކުރާ ޒިންމާތަކާއި، ދޭ ލޯތްބާއި، ދައްކާ ނަމޫނާގެ މައްޗަށް ވާހަކަފުޅުދައްކަވާފައެވެ. އަދި އަންހެނުން، ކޮންމެ ވާޖިބެއް އަދާކުރިކަމުގައިވިޔަސް، މައިވަންތަކަމުގެ ވާޖިބު ހަނދާނުގައި ބަހައްޓަންޖެހޭކަން ފާހަގަކުރައްވައި، އަންހެނުން އެކި ރޮނގުރޮނގުން ކުރިއަރައިދަނީ އެ ޒިންމާތަކާ އެކުގައިކަމަށް އެކަމަނާ ވިދާޅުވިއެވެ.

ބަދަލުވަމުން އަންނަ ގެވެށި، ފަންނީ އަދި އިޖުތިމާޢީ ޒިންމާތަކަށް އިޝާރާތްކުރައްވަމުން، އެކަމަނާ ވަނީ، ފަންނިއްޔާތަށް އަހުލުވެރިވުމާއި، ވިޔަފާރީގެ އާ ގޮތްތައް އީޖާދުކުރުމާއި، ސިޔާސީ ފުރުސަތުތަކަށް ތައްޔާރުވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ތާރީހުގެ ސަފުހާތަކަށް ހަވާލާދެއްވައި، ދިވެހި އަންހެނުންނަކީ، އިލްމީ، ވިސްނުންތެރި، ދުރުވިސްނޭ، އަބުރުވެރި، ހުޝިޔާރު އަދި ގާބިލު ބައެއްކަން އެކަމަނާ ހަނދުމަފުޅުކޮށްދެއްވިއެވެ.

ރޭގެ ރަސްމިއްޔާތުންވެސް ސާބިތުވެގެންދިޔައީ ދިވެހި އަންހެނުންގެ ގާބިލުކަމާއި، ހީވާގިކަމާއި، މުރާލިކަން އަދި ނަތީޖާ ހާސިލުކުރުމުގައި ވާ ގުރުބާނީކަމަށް ވިދާޅުވެ އެކަމަނާ ވަނީ، އެކި ދާއިރާތަކުން ރެހެންދި އެވޯޑް ހާސިލުކުރެއްވި ފަރާތްތަކަށް ތަހުނިޔާ އާއި މުބާރަކުބާދީ ވިދާޅުވެފައެވެ.

2024 ވަނަ އަހަރާއި 2025 ވަނަ އަހަރު، 14 ބޭކަނބަލަކަށާއި، ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމުޢިއްޔާއަކަށް ރެހެންދި އެވޯޑު ލިބިފައިވެއެވެ. މިރޭގެ ހަފުލާގައި އެފަރާތްތަކަށް އެވޯޑާއި ބްރޫޗް ހަވާލުކޮށްދެއްވީ ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.

ރެހެންދި އެވޯޑަކީ، ގައުމީ ހިދުމަތުގައި އެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، މުޖުތަމައު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ގައުމީ ފެންވަރެއްގައި ވަޒަންކޮށް، ދިވެހިރާއްޖޭގެ ގައުމީ ތަރައްގީއަށާއި، އަންހެނުންގެ ކުރިއެރުމަށް އަގުހުރި ހިދުމަތްތައް ކޮށްދެއްވާފައިވާ ފަރާތްތަކަށް، އިޖުތިމާއީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ދެއްވާ ހާއްސަ އެވޯޑެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.