ރައްޔިތުން ބޭނުންވަނީ ގައުމުގައި އިސްލާމީ ދީނީ ޝަރީއަތާ އިސްލާމްދީން ގާއިމްކުރުމުގެ ހިތްހަމަޖެހުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވެރިކަންކުރާ ޕީއެންސީ އިން ބޭއްވި “ދިވެހިންގެ ރާއްޖެ” ޖަލްސާގައި ރައީސް ވިދާޅުވީ ޖަލްސާގާއި ބައިވެރިވެވަޑައިގަންނަވަން ބޭނުންވި މީހުންގެ ތެރެއިން 10 ބައިކުޅަ އެއްބައި ކުޅަ މީހުން ބައިވެރިވެވަޑައިގެންނެވި އިރުވެސް ތަން ފުރިފައިވާ ކަމަށެވެ.
ރާއްޖޭގައި ކުރިއަށްއޮތްތާގައިވެސް ހަމަޖެހުން ގާއިމްވެފައި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވަމުން ރައީސް ވިދާޅުވީ މި މިންގަނޑުގެ ތެރެއިން އެއްވެ އުޅުމުގެ މިނިވަންކަންވެސް އޮންނާނެ ކަމަށެވެ.
“ކުރީގައި އޮންނަނީ އެތާ ކަންމަތީގައި އޮންނަ ކާނިވާ ސަރަހައްދުގައި އެކަނި އެއްވެވެން. އެހެންނަމަވެސް މި ސަރުކާރުން ހަތަރު ފަސްތަނެއް އިތުރުކޮށްދީފަ އޮންނާނެ އެއްވެސް ހުއްދައެއް ނުދީ އެއްވަން. އެއްވާތަނެއްވެސް ނުފެނޭ. ހަމަ އެއްވާންވީނޫންތޯ، ކޮންމެ ރެއަކުވެސް އެއްވާންވީއޭ ކާކުތޯ ހުއްޓުވަނީ އެއްވާން.އެ މިނިވަންކަން ނެތްކަަމަށް ދައްކަން މިއުޅޭ ސަބަބެއްވެސް އަޅުގަނޑަކަށް ނުވިސްނޭ ހަމަ އެއްގޮތަކަށްވެސް.” ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފުރުސަތުގެ ބޭނުން ހިފާ 24 ގަޑިއިރުވެސް އެއްވެގެންތިބެ އިސްލާމީ ހުދޫދުގެ ތެރެއިން ހިޔާލު ފާޅުކުރުމުގެ ހައްގު ހުރިހާ ރައްޔިތުންނަށްވެސް އޮންނާނެ ކަމަށެވެ. އަދި މިކަމުގެ ސަބަބުން އެއްވެސް މީހަކު ސިޔާސީ އެއްވެސް ހައްޔަރެއް ނޯންނާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
ރައީސް ތަކުރާރުކޮށް އިސްލާމީ ހުދޫދުގެ ތެރެއިން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދީފައިވާ ކަން ފާހަގަކުރައްވަމުން ވިދާޅުވީ މި ސިސްޓަމްގެ ތެރެއިންނާއި މި އޮތް މިނިވަންކަމުގެ ތެރެއިން ގައުމުގެ ހަމަޖެހުން ގާއިމްކުރުމަށް ހުރިހާ ރައްޔިތުންވެސް މަސައްކަތްކުރެއްވުމަށެވެ.



