ރާއްޖޭގެ ކޮންޓެންޓް އުފައްދާ މީހުންނަށް ހާއްސަކޮށްގެން ތައާރަފުކުރާ ލޯން ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަނުން ހުޅުވާލައިފި އެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތައް ރާއްޖޭގެ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެދާއިރާގައި އިތުރަށް ހަރަކާތްތެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުމުގެ މަގުސަދުގައި ދޫކުރާ ލޯން ސްކީމެކެވެ.
ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަކޮށްގެން ލުއިލޯނު ދިނުމުގެ ސްކީމެއް ހުޅުވާލުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް މިހާރު ނިމުމަކާއި ހަމައަށް ގޮސްފައިވާކަން ރައީސް މީގެ 2 ހަފްތާ ކުރިން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފަ އެވެ.
މި ސްކީމު ފަރުމާކޮށްފައިވަނީ، މީޑިއާ ކޮންޓެންޓް، އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، އެންޓަޓެއިންމަންޓްގެ އިތުރަށް ސޭލްސް އާއި މާކެޓިންއަށް ހާއްސަ ކޮންޓެންޓްގެ ދާއިރާއަށް ފުރުސަތު ލިބޭގޮތަށެވެ.
މި ސްކީމްގެ ދަށުން ރަހުނަކާއެކު 500،000(ފައްސަތޭކަ ހާސް) ރުފިޔާ އަދި ރަހުނަކާއި ނުލައި 150،000 (ސަތޭކަ ފަންސާސް ހާސް) ރުފިޔާގެ ލޯނު ދޫކުރާއިރު، މިއީ %9.5 ގެ ޕްރޮފިޓް ރޭޓެއްގައި 6 މަސްދުވަހުގެ ގްރޭސް ޕީރިއެޑަކާއެކު ދޫކުރާ ލޯނެކެވެ. އަދި ލޯނު ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބެ އެވެ.
އެސްޑީއެފްސީން ބުނީ މިލޯނުން ކޮންޓެންޓު އުފައްދާ މީހުންނަށް އެމީހުން ބޭނުންވާ ސާމާނު ގަތުމާއި އުފެއްދުމަށް ބޭނުންވާ އެކި ހަރަދުތައް ހަމަޖެއްސޭނެ ކަމަށެވެ.
ދިވެހިރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ބިނާކޮށް، ފަންނުވެރި އަދި އީޖާދީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، އެ ސިނާއަތްތައް އިތުރަށް ކުރިއެރުވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހާއްސަ ތަސައްވުރެކެވެ.
ރާއްޖޭގައި ކްރިއޭޓިވް އިކޮނޮމީއެއް ގާއިމުކުރުމަކީ މެނިފެސްޓޯގެ މުހިންމު ވައުދުފުޅަކަށްވާއިރު، 2030 ވަނަ އަހަރު އަންނަން ވާއިރަށް ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ %15 ހިއްސާއަކީ ކްރިއޭޓިވް އިންޑަސްޓްރީއަށް ހެދުމަކީ ސަރުކާރުގެ އަމާޒަކެވެ. ރައީސް ވަނީ މި އަމާޒު ހާސިލްވާނެ ކަމުގެ ޔަގީންކަން ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެފަ އެވެ.
އަންނަ އަހަރަކީ ގައުމީ އުފެއްދުންތެރިކަމުގެ އަހަރެއްގެ ގޮތުގައި ކަނޑައެޅުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.



