ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓްރީ އަތުން 4-0 އިން އޮޑި ސްޕޯޓްސް ކްލަބް މޮޅުވެއްޖެއެވެ.
ގަލޮޅު ދަނޑުގައި އިއްޔެ ކުޅުނު މެޗު ފަށައިގެން އޮޑީގެ ފަރާތުން ފެނިގެންދިޔައީ ވަރުގަދަ ކުޅުމެކެވެ. އެ ގޮތުން މެޗު ފެށިގެން 28 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑެއް ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑަކީ އޮޑީގެ އަބްދުﷲ ލޫތު އިބްރާހީމް ކާމިޔާބު ކުރި ލަނޑެކެވެ.
1-0 ގެ ލީޑަކާއެކު ދެވަނަ ހާފަށް ނިކުތް އޮޑިން ވަނީ މެޗުގެ 52 ވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑު ޖަހާ މެޗުގެ ލީޑު އިތުރަށް ފުޅާ ކޮށްފައެވެ. ގޯލްކީޕަރު ވެސް ކަޓުވާލުމަށްފަހު މި ލަނޑު އޮޑިއަށް ކާމިޔާބު ކޮށްދިނީ އިބްރާހީމް ވަހީދެވެ.
މެޗުގެ 76 ވަނަ މިނެޓުގައި އޮޑިން ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ. މި ލަނޑަކީ ރީތި ތުރޫ ބޯޅައެއްގެ ފައިދާ ނަގައިގެން ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލައިގެން އަހުޒަމް ރަޝީދު ކާމިޔާބު ކުރި ލަނޑެކެވެ.
އޮޑީގެ ފަހު ލަނޑު ފެނިގެންދިޔައީ މެޗުގެ 89 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ހުސްކޮށް ލިބުނު ފުރުސަތެއް ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން މުޒްދާން ހަސަން ކާމިޔާބު ކުރި ލަނޑެކެވެ.
މި ލަނޑާއެކު އޮޑިން ވަނީ ފުރަތަމަ ޑިވިޝަނުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގެ 4-0 އިން ކާމިޔާބު ކޮށް, އުއްމީދާއެކު އާ ސީޒަން ފަށާފައެވެ.



