ޔޫއްޕެ ޕްރޮޑަކްޝަން އާއި ޝައި ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭ ބިރުވެރި ފިލްމު “ސާޔާ” މި އޮގަސްޓް މަހުގެ 15 ވަނަ ދުވަހުގެރޭ ތުޅާދޫ ސިލްވަރ ޝައިން ކްލަބްގެ ސްކްރީންގައި އެޅުވުމަށް ނިންމައިފި އެވެ.
މި ފިލްމުގެ ޓީޒާ ނެރެފައިވާއިރު، މި ފިލްމު އޮލިމްޕަހުގައި ރިލީޒް ކޮށްފައި ވަނީ މި އޮގަސްޓް މަހުގެ ހަތްވަނަ ދުވަހު އެވެ.
“ސާޔާ” އަކީ މަޝްހޫރު އެކްޓަރު އަދި ޑައިރެކްޓަރު ޔޫސުފް ޝަފީއު (ޔޫއްފެ) ޑައިރެކްޓް ކޮށްފައިވާ ލޯބީގެ ބިރުވެރި ފިލްމެކެވެ. މިފިލްމުގައި ލީޑް ތަރިންގެ ތެރޭގައި ޔޫއްޕެ ވެސް ފެނިގެންދާއިރު، މި ފިލްމުގައި އިތުރު ތަރިންގެ ތެރޭގައި އިބްރާހިމް ޖިހާދު (ޖީމީ)، އައިމިނަތު ރަޝްފާ (އާޝާ)، މުހައްމަދު މަނިކު އަދި އަހްމަދު ނިމާލު ވެސް ހިމެނެ އެވެ.
ފިލްމުގެ ޓްރެއިލަރުން މާ ގިނަ މައުލޫމާތުތަކެއް އާންމު ނުވި ނަމަވެސް ސަސްޕެންސް ވަނީ ވަރަށް ބޮޑަށް އިތުރު ކޮށްލާފައެވެ. އަދި ފިލްމުގެ ޕްރޮޑިއުސަރު ވެސް ބާރުދެނީ މި ސަސްޕެންސަށެވެ.
އިސްމާއީލް ޝަފީގު ދާދި ފަހުން ބުނެފައިވަނީ ސާޔާ އަކީ ތާފާތު ފިލްމަކަށް ވާނެ ކަމަށެވެ. އޭނާ ބުނެފައިވަނީ މި ފިލްމަކީ މިއަހަރު އަޅުވާ އެންމެ ބިރުވެރި އަދި ތަފާތު ފިލްމުގެ އިތުރުން އެންމެ އަސަރުގަދަ ލޯބީގެ ފިލްމަށް ވެސް ވާނެ ކަމަށެވެ.
އޭނާ ބުނީ މި ފިލްމު ވާނީ މުޅިި އޯޑިއަންސް ތެރެ އެއްކޮށް ގުގުމާލާ ވަރުގެ ބިރުވެރި ފިލްމަކަށް ކަމަށެވެ. އެހެންވީމާ މި ފިލްމު ކޮންމެހެން ވެސް ބަލަން ޖެހޭ ކަމަށް އިޝާރާތް ކޮށްފައިވެއެވެ.
މީގެ އިތުރުން ޝައި ޕްރޮޑަކްޝަން އިން ވަނީ ބިރުވެރި ކޮމެޑީއެއް އުފައްދާފަ އެވެ. އެއީ “ފޯޓީ ޕްލަސް” އެވެ. މިއީ އެ ސްޓޫޑިއޯ އިން އުފައްދާ ލޯބީގެ ބިރުވެރި ފުރަތަމަ ފިލްމެވެ.
އެހެން ނަމަވެސް މިއީ ޔޫއްޕެ ޑައިރެކްޓްކުރާ ފުރަތަމަ ބިރުވެރި ފިލްމެއް ނޫނެވެ. މީގެ ކުރިން ޔޫއްޕެ ވަނީ “އެ ދަތުރު” އާއި “ދައުވަތު” ފަދަ ބިރުވެރި ފިލްމު ޑައިރެކްޓްކޮށްފަ އެވެ. އަދި މިދިޔަ އަހަރު މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދާ އެކު ވަނީ “ކަޅަކި” ނަމުގައި ވެސް ބިރުވެރި ފިލްމެއް ވަނީ ބެލުންތެރިންނަށް ގެނެސްދީފަ އެވެ.
ދިވެހި ފިލްމް “ސާޔާ” ތުޅާދޫގައި އެޅުވުމަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާއިރު، ފިލްމްގެ ޓިކެޓްވެސް ދަނީ ވިއްކަމުންނެވެ. ޓިކެޓު ނެގުމަށް ގުޅާނީ 9490022 އަށެވެ.



