ތުޅާދޫ ހޮސްޕިޓަލްގެ ބިންގާ އެޅުމަށް ވަމުންދާ ތައްޔާރީތައް ...

ރައްޔިތުން ޕެޓިޝަން ހުށަހަޅާފައި ވަނިކޮށް ހޮސްޕިޓަލްގެ ބިންގާ އެޅުމަށް ހެލްތު މިނިސްޓަރ ތުޅާދޫއަށް

ރައްޔިތުން ޕެޓިޝަން ހުށަހަޅާފައި ވަނިކޮށް ހޮސްޕިޓަލްގެ ބިންގާ އެޅުމަށް ހެލްތު މިނިސްޓަރ ތުޅާދޫއަށް

Share on twitter
Share on telegram

ތުޅާދޫގައި ހޮސްލިޓަލް އެޅުމަށް ރައްޔިތުން ނިންމާފައިވާ ސަރަޙައްދު ނޫން ސަރަޙައްދެއްގައި ސަރުކާރުން ހޮސްޕިޓަލް އެޅުމަށް މަސައްކަތް ކުރަމުންދަތީ، ތުޅާދޫ ރައްޔިތުންގެ ފަރާތުން ހެލްތު މިނިސްޓަރަށް ޕެޓިޝަނެއް ހުށަހަޅާފައި ވަނިކޮށް، ތުޅާދޫ ހޮސްޕިޓަލްގެ ބިންގާ އެޅުމަށް މިނިސްޓަރ މާދަމާ ތުޅާދޫއަށް ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.

ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރައްޔިތުންގެ ކަންބޮޑުވުންތައް ޕެޓިޝަނެއްގެ ސިފައިގައި މިނިސްޓަރަށް ހުށަހެޅުމުގެ އިތުރުން ތުޅާދޫ ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ އެ ކަންބޮޑުވުންތަކާއި ގުޅިގެން މިނިސްޓަރާއި ބައްދަލުކުރުމަށް 2023 މެއި 2 ވަނަ ދުވަހު އެޕޮއިންޓްމަންޓަކަށްވެސް އެދިފައެވެ. ނަމަވެސް އަދާ ހަމައަށްވެސް މިނިސްޓަރާ ބައްދަލުވެފައެއް ނުވެއެވެ. އަދި ރައްޔިތުންގެ ޕެޓިޝަނާއި ގުޅިގެން މިނިސްޓަރ ނުވަތަ މިނިސްޓްރީގެ ފަރާތުންވެސް މިހާތަނަށް ތުޅާދޫ ރައްޔިތުންނާ ބައްދަލުކޮށް އެއްވެސް މަޝްވަރާއެއް ކޮށްފައެއް ނުވެއެވެ.

ތުޅާދޫ ރައްޔިތުންގެ ފަރާތުން ހުށަހެޅި ޕެޓިޝަން ހެލްތު މިނިސްޓްރީން ބަލައިގަތް ކަމުގެ ރިސިޕްޓް …

ރައްޔިތުންގެ ޕެޓިޝަނާއި ގުޅިގެން މިނިސްޓަރ އެއްވެސް މަޝްވަރާއެއް ތުޅާދޫ ރައްޔިތުންނާއެކު ކޮށްފައި ނުވާތީ، މިނިސްޓަރ މާދަމާ ތުޅާދޫއަށް ވަޑައިގެންނެވުމުން ރައްޔިތުންގެ ކަންބޮޑުވުންތައް މިނިސްޓަރަށް އަޑު އިއްވުމަށް ތުޅާދޫ ރައްޔިތުން ދަނީ ތައްޔާރުވަމުންނެވެ.

ތުޅާދޫ އިސް ރަށްވެއްސަކު ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ދީފައިވާ ގޮތުގައި މި ސަރުކާރުން ހޮސްޕިޓަލެއް އަޅައިދޭނެ ކަމަށް ބުނި ނަމަވެސް، މި ދައުރުގައި ބާކީ އޮތް 49 ދުވަހުގެ ތެރޭގައި ހޮސްޕިޓަލެއް އަޅާދޭނެ ގޮތެއް ހަމަ ނުވިސްނޭކަމަށެވެ. ރިޔާސީ އިންތިޙާބާއި ދިމާކޮށް ހޮސްޕިޓަލެއް އަޅާދެނީ ކަމަށް ބުނެ ބިންގާ އެއް އެޅިކަމުގައި ވިޔަސް، މި ސަރުކާރަށް ހޮސްޕިޓަލެއް ނޭޅޭނެ ކަމަކާއި ހޮސްޕިޓަލެއް އަޅާކަން ދައްކަން ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމަށް ސަރުކާރަށް ކުރެވޭނެ ކަމަކީ ފަސްބާޑި ޖެހުންކަމަށްވެސް އެފަރާތުން މަޢުލޫމާތު ދިނެވެ.

ތުޅާދޫ ހޮސްޕިޓަލް ބިންގާ އެޅުމުގެ ރަސްމިއްޔާތަށް ވަޑައި ގަންނަވާ ފަރާތްތައް ތިބޭނެ މާލަން ތައްޔާރު ކުރުން …

ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ޙިއްޞާކުރި ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ އިސް ވެރިޔަކު ވިދާޅުވީ ރައްޔިތުންގެ ނިންމުމާއި ދެކޮޅަށް ސަރުކާރުން ހޮސްޕިޓަލެއް އަޅާދެނީ ކަމަށް ބުނެ، ރައްޔިތުންގެ ބޯހިޔާވަހިކަމަށް ކަނޑައަޅާފައިވާ ބިމެއްގައި ބިންގާ އެޅިކަމުގައި ވީނަމަވެސް، ކުރިޔަށް އޮތް ރިޔާސީ އިންތިޙާބު ކާމިޔާބުކޮށް ތުޅާދޫ ރައްޔިތުން އެދޭ ސަރަޙައްދަށް ހޮސްޕިޓަލް ބަދަލު ކޮށްދެއްވާނެ ކަމަށެވެ.  އޭނާ އިތުރަށް ވިދާޅުވީ މި ދަޢުރުގެ ބާކީ މިއޮތް ދުވަސް ކޮޅުތެރޭގައި ބިންގާ އެޅުން ފިޔަވާ އިތުރު ކަމެއް ތުޅާދޫގައި ސަރުކާރުން ކުރާނެ ކަމަށް ނުދެކޭ ކަމަށާއި މި ސަރުކާރުން ރައްޔިތުންނާ ދެކޮޅަށް ބިންގާ އެޅި ނަމަވެސް ތުޅާދޫ ހޮސްޕިޓަލް އަޅާދޭނީ ތުޅާދޫ ރައްޔިތުން އެދޭ ސަރަޙައްދެއްގައި ކަމަށެވެ.

ތުޅާދޫގައި ހޮސްޕިޓަލެއް އަޅައި ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހު އިޢުލާން ކުރެއްވުމާއެކު ތުޅާދޫގައި ހޮސްފިޓަލް އަޅާނެ ބިމަކާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާހޯދުމަށް ތުޅާދޫ ކައުންސިލުން ވަނީ ރައްޔިތުންގެ ބައްދަލުވުމެއް ބާއްވާފައެވެ.

ތުޅާދޫ ކައުންސިލްގެ 4 ވަނަ ދަޢުރުގައި ބޭއްވި ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން އެންމެ ގިނަ ރައްޔިތުން ހާޟިރުވި ބައްދަލުވުމުގައި ރައްޔިތުންގެ އިއްތިފާގުން ނިންމާފައި ވަނީ ތުޅާދޫގައި ސަރުކާރުން އިމާރާތް ކޮށްދެއްވާ ހޮސްޕިޓަލް އިމާރާތްކުރަންވާނީ މިހާރު ތުޅާދޫގައި ސިއްޙީ ޚިދުމަތްދޭ މަރުކަޒް ވަށައިގެން ވާ ހުސްބިން ހިމެނޭ ސަރަޙައްދުގައި ކަމަށެވެ.

ރައްޔިތުންނާއި މަޝްވާރަކުރުމަށް ބޭއްވި މި ބައްދަލުވުމުގައި އެ ބިމުގައި ހޮސްޕިޓަލް އެޅުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް ކައުންސިލަރުންގެ ތެރެއިން ބައެއް ކައުންސިލަރުން ބުނިނަމަވެސް ރައްޔިތުންގެ ތެރެއިން ދޮށީއުމުރުގެ ފަރާތްތަކުންވަނީ ކައުންސިލުން ދެއްކެވި ވާހަކަފުޅުތަކަށް ހައްލު ހޯދާނެ ގޮތާއި އެބިމުގައި އެކަން ކުރެވޭނެ ގޮތްތައް ކިޔާދީ ރައްޔިތުންނަށް ފަހުމްވާނޭ ފަދައިން އޮޅުންފިލުވައި ދެއްވަވާފައެވެ.

މޫދާ 300 ފޫޓު ކައިރި ބިމެއްގައި ހޮސްޕިޓަލް ނޭޅޭނެ ކަމަށް ހެލްތް މިނިސްޓްރީން އަންގާފައިވާ ކަމަށް، ރައްޔިތުންނާއެކު ބޭއްވި މި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން މަޢުލޫމާތު ހިއްޞާ ކުރުމުން ރައްޔިތުން ވަނީ އެކަމާ ހިއްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި ކައުންސިލުން ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ބިމުގައި ހޮސްޕިޓަލް އަޅައިފިނަމަ ކުރު މުއްދަތެއްގެ ތެރޭގައި ލޮނުގެ އަސަރުކޮށް އިމާރާތުގެ އާބާތުރަ ފިލުވަން ބޮޑު ހޭދައެއް ދަޢުލަތުން ކުރަންޖެހޭނެކަން ފާހަގަކޮށް، މީގެ ދޮޅު އަހަރެއްހާ ދުވަސްކުރިން ތުޅާދޫގައި އެޅި އައުޓްޑޯ ޖިމަށް ލޮނުގެ އަސަރުކޮށް އެތަނުގައިވާ އާލާތްތައް ބޭނުން ނުކުރެވޭކަން ވަނީ ފާހަގަ ކޮށްފައެވެ.

ސިއްޙީމަރުކަޒް އިމާރާތް ކުރިފަހުން 23 އަހަރު ފާއިތުވެގެން ދިޔަ ނަމަވެސް ލޮނުގެ އަސަރު ކޮށްގެން އެއްވެސް ޓިނުގަނޑެއްވެސް ބަދަލު ކޮށްފައި ނުވާކަން ފާހަގަކޮށް، އެ އިމާރާތް އަޅާފައިވާ ބިމަކީ އެފަދަ ކަމަކަމަށް އެންމެ އެކަށީގެންވާ ބިންކަމަށް ބުނެ ރައްޔިތުން ވަނީ ޝުއޫރު ފާޅު ކޮށްފައެވެ.

ތުޅާދޫ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 50 ހައުސިންގ ޔުނިޓް އެޅުމަށް ކަނޑައޅާފައިވާ ސަރަޙައްދު، މިހާރު އެސަރަޙައްދުގައި ހޮސްޕިޓަލް އެޅުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުން …

ކައުންސިލުން ރައްޔިތުންނާއި ބައްދަލުކޮށް ހިޔާލާ މަޝްވަރާ ހޯދައި، ރައްޔިތުންގެ ވޯޓެއް ނަގައި ރައްޔިތުން ބަސްބުނެފައި ވަނިކޮށް، ސަރުކާރުގެ ފަރާތުން ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިންޖަހާފައެވެ.

މިއަހަރުގެ ޖެނުއަރީމަހު ތުޅާދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އިމާރާތްކުރުމަށް ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ 123،667،047.03 (އެއްސަތޭކަ ތޭވީސް މިލިއަން ހަސަތޭކަ ފަސްދޮޅަސް ހަތްހާސް ސާޅީސް ހަތެއް) ރުފިއާއަށް 540 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.