ތުޅާދޫ ކައުންސިލް ފުޓްސަލް މުބާރާތުގެ ފިރިހެން ޑިވިޜަންގެ ފައިނަލުން އަލް ސްޓްރައިކާ ޖާގަ ހޯދައިފިއެވެ.
ތުޅާދޫ ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު ސެމީ ފައިނަލް މެޗު އަލް ސްޓްރައިކާ އިން ކާމިޔާބުކުރީ ކުލަބް ތޮޅިހެލޭ އާ ވާދަކޮށް 3-1 އިންނެވެ.
މިމެޗުގައި އަލް ސްޓްރައިކާ އިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަންސަރު އިބްރާހިމްއެވެ. ދެން ލަނޑު ޖަހައިދިނީ މުޙައްމަދު ތަސްނީމްއެވެ. މިމެޗުގައި ކުލަބް ތޮޅިހެލޭގެ ހަމައެކަނި ލަނޑު ޖަހައިދިނީ އަޙްމަދު ސާދިންއެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޖުލައި 21 ވަނަ ދުވަހުއެވެ.
ޖުލައި 14 އިން 21 އަށް ކުރިއަށް ގެންދާ މި މުބާރާތުގެ ޗެމްޕިއަން ޓީމުތަކަަށް 25،000 ރުފިޔާގެ ދިނުމަށް ހަމަޖެހިފައިވާއިރު، ރަނަރަޕް ޓީމުތަކަށް 15،000 ރުފިޔާ ހުށަހަޅާފައިވެއެވެ.
މި މުބާރާތަކީ ތުޅާދޫގެ ޒުވާނުންގެ ހިތްތަކުގައި ކުޅިވަރަށް ލޯބި ޖައްސުވައި ކުޅިވަރުގެ ފަންނާއި، ރޫޙު ދިރުވައި އާލާކޮށް، އަތޮޅާއި ޤައުމީ ފެންވަރުގައި ވާދަކުރާނެ އެކުވެރި، ހުނަރުވެރި، ކުޅިވަރުގެ ޖީލެއް ބިނާކޮށް އެ ކަމަށް ތަރުޙީބު ދިނުމުގެ މަގުޞަދުގައި ބާއްވާ މުބާރާތެއްކަމަށް ތުޅާދޫ ކައުންސިލުން މަޢުލޫމާތު ދެއެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ 12 ޓީމަކުން ބައިވެރިވެފައިވެއެވެ.



