2023 ވަނަ އަހަރުގެ މުބާރާތުގައި އަލް ސްޓްރައިކާގެ އަންސަރު ލަނޑު ޖެހުމަށްފަހު އުފާފާޅުކުރަނީ: އަންސަރު ވަނީ މިމެޗުގައި ދެ ލަނޑު ޖަޙާފައި --

ތުޅާދޫ ކައުންސިލް ފުޓްސަލް މުބާރާތް: އަލް ސްޓްރައިކާ އިން ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި

ތުޅާދޫ ކައުންސިލް ފުޓްސަލް މުބާރާތް: އަލް ސްޓްރައިކާ އިން ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފި

Share on twitter
Share on telegram

ތުޅާދޫ ކައުންސިލް ފުޓްސަލަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު މެޗު ކާމިޔާބުކޮށް އަލް ސްޓްރައިކާ އިން މުބާރާތުގައި ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފިއެވެ.

ތުޅާދޫ ފުޓްސަލް ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު އަލް ސްޓްރައިކާ އިން ކާމިޔާބުކުރީ ޓާގެޓް ފުޓްބޯޅަ ކުލަބާ ވާދަކޮށް 4-3 ގެ ނަތީޖާއަކުންނެވެ. އަލް ސްޓްރައިކާ އިން ވަނީ އިއްޔެ ކުޅުނު އެޓީމުގެ ފުރަތަމަ މެޗު ޓީމް ދެފަށްލާ ވާދަކޮށް 12-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައިވާއިރު މި މެޗުގައި އަލް ސްޓަރައިކާ އިން ޖެހި 4 ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހައި ހެޓްރިކް ހަދާފައިވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އަންސަރު އިބްރާހިިމްއެވެ. ދެން ލަނޑު ޖަހައިދިނީ އިފްހާމް ރަޝާދުއެވެ. މިމެޗުގައި ޓާގެޓް ފުޓްބޯޅަ ޓީމަށް ލަނޑުތައް ޖަހައިދިނީ ދެ ލަނޑު ޖެހި އީވާން އިބްރާހިމް ޒުބައިރު އާއި އުމައިރު ޝަފީޤްއެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަންސަރު އިބްރާހިިމަށް ޓްރޮފީ ހަވާލުކޮށްްދެނީ —

ތުޅާދޫ ކައުންސިލް ފުޓްސަލް މުބާރާތުގައި މިރޭ ދެ މެޗެއް ކުޅޭނެއެވެ. އެގޮތުން ފުރަތަމަ މެޗުގައި ވާދަކުރާނީ އަންހެން ޑިވިޜަންގެ ދެ ޓީމުކަމަށްވާ އެމީޓީ އާއި ނޮރިންމައެވެ. މިމެޗު މިރޭ 20:15 ގައި ފަށާއިރު، މިރޭ 21:15 ގައި ކުޅޭ މެޗުގައި ވާދަކުރާނީ ފިރިހެން ޑިވިޜަންގެ ދެ ޓީމު ކަމަށްވާ ކުލަބް ތޮޅިހެލޭ އާއި ސަކްސަސް ސިޓީއެވެ.

ޖުލައި 14 އިން 21 އަށްް ތުޅާދޫގައި ކުރިއަށް ގެންދާ މި މުބާރާތުގައި މިއަހަރު 12 ޓީމަކުން ބައިވެރިވެއެވެ. އެއީ އަންހެން ތިން ޓީމާއި ފިރިހެން ނުވަ ޓީމެވެ. ފިރިހެން ޑިވިޜަން ކުރިއަށްދަނީ ތިން ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުންވެސް އެއްވަނަ ޓީމު ސެމީ ފައިނަލަށް ދާގޮތަށެވެ. އަދި ކޮންމެ ގްރޫޕަކުންވެސް ދެވަނަ އަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމަކަށް ސެމީ ފައިނަލުން ޖާގަ ލިބިގެންދާނެއެވެ. މުބާރާތުގެ އަންހެން ޑިވިޜަންގައި އެއް ގްރޫޕް ހިމެނޭއިރު، އަންހެން ޑިވިޜަން ކުރިއަށްދަނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެޓީމު ފައިނަލަށް ދާގަޮތަށެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.