ތުޅާދޫގައި މިހާރު ކުރިއަށްދާ ކައުންސިލް ފުޓްސަލް މުބާރާތުގެ ފިރިހެން ޑިވިޜަން ގްރޫޕް ސީގައި މިއަދު ކުޅުނު މެޗު ކާމިޔާބުކޮށް ކްރޭޒީ ތޮޅިހެލޭއިންވެސް މުބާރާތް މޮޅަކުން ފަށައިފިއެވެ.
ތުޅާދޫ ފުޓްސަލް ދަނޑުގައި މިއަދު ހަވީިރު ކުޅުނު މެޗު ކްރޭޒީ ތޮޅިހެލޭއިން ކާމިޔާބުކުރީ އަހިވައް ކަންމައްޗާ ވާދަކޮށް 2-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މި ލަނޑުތައް ކްރޭޒީ ތޮޅިހެލޭއަށް ކާމިޔާބުކޮށްދިނީ ހައްޔާން ޙަސަން ޙުސައިން އާއި އަޙްމަދު މިންހާލް ޢަބްދުލް މުހައިމިންއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އަޙްމަދު ހިޝާމްއެވެ.

ތުޅާދޫ ކައުންސިލް ފުޓްސަލް މުބާރާތުގައި މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ ދެ މެޗުގެ ތެރެއިން ދެވަނަ މިހާރު ކުޅެވެމުންދާއިރު، މި މެޗުގައި ވާދަކުރަނީ އަލް ސްޓްރައިކާ އާއި ޓާގެޓް ފުޓްބޯޅަ ޓީމެވެ. އަދި މިރޭ ފިރިހެން ޑިވިޜަންގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު، މިރޭ 21:15 ގައި ވާދަކުރާނީ ކުލަބް ތޮޅިހެލޭ އާއި ސަކްސަސް ސިޓީއެވެ.



