މާޅޮސް މަޑުލު ދެކުނުބުރީ ތުޅާދޫގައި ފެނުގައި ގަސްއިންދާ ނިޒާމް ޤާއިމް ކުރުމުގެ ޕްރޮގްރާމް ހިންގުމަށް ތުޅާދޫއިން ބިމެއް ދޫކުރަން ކައުންސިލުން ނިންމައިފިއެވެ.
މި މަސައްކަތަށް ބިމެއް ދޫކުރުމަށް ތުޅާދޫ ކައުންސިލުން ނިންމާފައި ވަނީ އެ ކައުންސިލްގެ 4 ވަނަ ދަޢުރުގެ 128 ވަނަ ޢާއްމު ޖަލްސާގައެވެ.
ފެނުގައި ގަސްއިންދާ ނިޒާމް ޤާއިމްކުރުމުގެ ޕްރޮގްރާމް ހިންގުމަށް ދޫކުރުމަށް ނިންމާފައި ވަނީ، ފާސްކޮށްފައިވާ އެލްޔޫޕީގައި ވާ ގޮތުން ޕޮކެޓް ޕާރކެއް އެޅުމަށް ކަނޑައަޅާފައިވާ (52.3 ނަންބަރު) ބިމެވެ.

ތުޅާދޫ ކައުންސިލުގައި 07 ކައުންސިލަރުން ތިއްބަވާއިރު މި މައްސަލަ އެޖެންޑާކުރި އާންމު ޖަލްސާއަށް ހާޟިރުވެފައި ވަނީ 04 ކައުންސިލަރުންނެވެ. ކައުންސިލް ނައިބް ރައީސް މުޙައްމަދު ޢަލިމަނިކާއި ކައުންސިލަރ ޝާމަތު ޢަބްދުއްސައްތާރު އާއި ކައުންސިލަރ ރިޝާދާ މުޙައްމަދު ޖަލްސާ އަށް ފިޒިކަލީ ހާޟިރުވެ ބައިވެރިވެފައި ވާއިރު ކައުންސިލަރ ސުނާނާ އިދުރީސް މި ބައްދަލުވުމުގައި ބައިވެރިވެފައި ވަނީ އޮންލައިން ކޮށެވެ. ކައުންސިލްގެ ރައީސް އިބްރާޙީމް ޢަދިލް އާއި ކައުންސިލަރ އިސްމާޢީލް ދާއޫދު ހުންނެވީ އަހަރީ ޗުއްޓީގައެވެ. އަދި ކައުންސިލަރ އަޙްމަދު ޢާދިލް ހުންނެވީ ސަލާމުގައެވެ.
ތުޅާދޫ ކައުންސިލްގެ ޖަލްސާތަކުގެ ނިންމުންތައް ޢާއްމު ކުރަމުންދާ ފޯމެޓްގައި ވަކިވަކި މައްސަލަތަކަށް ކައުންސިލަރުން ވޯޓްދެއްވާފައިވާގޮތް ހާމާކޮށްފައެއް ނުވެއެވެ.



