ބ. ތުޅާދޫ ސްކޫލުގެ 2021-2022 ވަނަ ދިރާސީ އަހަރު ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމު ޢިއްޒަތު ނަޒީރު ހޯދައިފިއެވެ.
ތުޅާދޫ ސްކޫލުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް ހޯދި ޢިއްޒަތު ވަނީ ކްލާސް ޕްރައިޒާއި ޤްރުއާން، އިސްލާމް، ބައެލޮޖީ، ކެމިސްޓްރީ އަދި ޓްރެވަލް އެންޑް ޓްވަރިޒަމުން ސަބްޖެކްޓް ޕްރައިޒް ހޯދާފައެވެ. އަދި އޮނަލިސްޓެޑް އެވޯޑާއި ހައި ޑިސްޓިންގޝަން އެވޯޑުގެ އިތުރުން ބެސްޓް އޯލްރައުންޑް ގައިޑުގެ މަޤާމުވެސް ޢިއްޒަތު ވަނީ ހޯދާފައެވެ.
މީގެ އިތުރުން ސްކޫލް ލެވަލް އިން ޓޮޕް އެޗީވަރސް އެވޯޑާއި ނެޝަނަލް ލެވަލްއިން ޓޮޕް އެޗީވަރސް އެވޯޑްވެސް އިއްޒަތު ހޯދާފައި ވެއެވެ.

މިދިޔަ އަހަރު ތުޅާދޫ ސްކޫލުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމު ހޯދި ޢިއްޒަތު ނަޒީރަށް އެވޯޑާއި އިނާމުތައް ހަވާލުކޮށް ދެއްވާފައިވަނީ ދިވެހިބަހުގެ އެކެޑަމީގެ ރައީސް ޑރ. އަޝްރަފް ޢަބްދުއްރަޙީމެވެ.
ތުޅާދޫ ސްކޫލްގެ މިދިޔަ އަހަރުގެ އެންމެ ރަނގަޅު ދަރިވަރު ހޮވާފައިވަނީ ހަމައެކަނި ކިޔެވުމަށް ބަލައިގެން ނޫންކަމަށް އެ ސްކޫލުން ބުނެއެވެ. މިގޮތުން އިތުރު ހަރަކާތުގައި ދަރިވަރު ހޯދާފައިވާ ކާމިޔާބީތަކަށްވެސް ވަނީ ބަލާފައެވެ.
ތުޅާދޫ ސްކޫލުގެ މިދިޔަ އަހަރު ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރުގެ މަޤާމު ހޯދި ޢިއްޒަތު ވަނީ، އޯލެވެލް އިމްތިހާނުގެ ޤައުމީ ގަދަ ދިހައެއްގެ ތިން ވަނަ މަޤާމުވެސް ހޯދާފައެވެ.

މި ޖަލްސާގައި ތުޅާދޫ ސްކޫލުގެ ޕްރިންސިޕަލް އިބްރާހީމް ރަޝީދު ވަނީ، ސްކޫލް ހަޔާތް ނިންމުމަށްފަހު ދަރިވަރުން ދިރިއުޅުމުގެ އަމަލީ މައިދާނަށް ނިކުންނައިރު، މުދައްރިސުން ދެއްވި އަގުހުރި ނަސޭހަތުގެ ބޭނުންކުރުމަށް ދަރިވަރުންނަށް ގޮވާލައްވާފައެވެ.

މިގޮތުން މިއަދު މިދެކޭ ގޮންޖެހުން ބޮޑު މުޖުތަމައުއަށް ދަރިވަރުން ނިކުންނަން ވާނީ ވަރަށް ރަނގަޅަށް ތަންދޮރު އޮޅުންފިލައި ތިބެ، ހެވާއި ނުބައި ރަނގަޅަށް ވަޒަންކުރަން އެނގިގެންކަމަށް ޕްރިންސިޕަލް ވިދާޅުވިއެވެ.
“ތިޔަ ނިކުމެވެނީ ގޮންޖެހުން ބޮޑު ދުނިޔެއަކަށް. މިދުވަސް އައުމުގެ މާކުރިންވެސް ތިޔަ ދަރިވަރުންނަށް މުދައްރިސުން ވާނީ މިދުވަސް ސިފަކޮށްދީފައި. މިދުވަސް ތިޔަކުދިންނާ ބައްދަލުވާނޭކަން މުދައްރިސުން ވާނީ ހަނދާންވެސް ކޮށްދީފައި. ސްކޫލް ނިންމައި މުޖުތަމައުއަށް ނިކުމެ ޒިންމާދާރު މީހެއްގެ ގޮތުގައި ނިކުމެ ޖީލެއް ބިނާކުރަންޖެހޭނެ ދުވަހެއް ކޮންމެ ކުއްޖަކާވެސް ބައްދަލުކުރާނޭ ދުވަހެއް އަންނާނޭކަން މުދައްރިސުން ވާނީ ބުނެދެއްވާފައި،”
ތުޅާދޫ ސްކޫލްގެ ޕްރިންސިޕަލް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.
ތުޅާދޫ ސްކޫލްގެ ނިމިގެންދިޔަ ދިރާސީ އަހަރުގެ ދަރިވަރުންގެ ނަތީޖާ، ކުރީ އަހަރަށްވުރެ، މިއަހަރު ރަނގަޅުކަމަށް ސްކޫލުން މަޢުލޫމާތުދެއެވެ. މިގޮތުން ފަސް މާއްދާއިން ފާސްވި ކުދިންގެ ނިސްބަތް މިދިޔަ އަހަރު ވަނީ ކުރީ އަހަރަށްވުރެ އިތުރުވެފައެވެ.

ތުޅާދޫ ސްކޫލަކީ، ރާއްޖޭގެ ސްކޫލްތަކުގެ ތެރެއިން އެންމެ ގިނަ ދުވަސްވީ އެއް ސްކޫލެވެ. ތުޅާދޫ ސްކޫލް ވުޖޫދަށް އައިސްފައިވަނީ، 1936 ވަނަ އަހަރެވެ.
ތުޅާދޫ ސްކޫލަށް 87 އަހަރު ފުރިފައިވާއިރު، މި ސްކޫލަކީ ރާއްޖޭގައި އުނގަންނައިދިނުމަށް ތިން ވަނައަށް ރަޖިސްޓްރީކުރި ސްކޫލެވެ. ތުޅާދޫ ސްކޫލުގައި މިހާރު 400 ދަރިވަރުން ތައުލީމް ހާސިލްކުރަމުން ގެންދެއެވެ. ތުޅާދޫ ސްކޫލަކީ ރާއްޖޭގެ އަދަބިއްޔާތައް ޚިދުމަތްތެރި އެތައް ބޭފުޅުންނެއް ނެރެދީފައިވާ ސްކޫލެކެވެ.




One Response
އޮޅިގެން ކަމްއެއް ނުކުރެވޭތަ މި އަހަރު…..މި ބުނީ ހައިޑިސްޓިންގްޝަން ދޭން ޖެހޭ ތަންތަން ރަނގަޅަށް ހޭ ލިޔެވުނީ