ބ.ތުޅާދޫ ކައުންސިލް ރައީސް އާއި މެމްބަރުން

ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިންޖަހާ ހޮސްޕިޓަލްއަޅާ ބިން ކައުންސިލުން ބަދަލުކޮށްފި

ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިންޖަހާ ހޮސްޕިޓަލްއަޅާ ބިން ކައުންސިލުން ބަދަލުކޮށްފި

Share on twitter
Share on telegram

މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިންޖަހާ ހޮސްޕިޓަލްއަޅާ ބިން ކައުންސިލުން ބަދަލުކޮށްފިއެވެ.

ތުޅާދޫގައި ހޮސްޕިޓަލެއް އަޅައި ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހު އިޢުލާން ކުރެއްވުމާއެކު ތުޅާދޫގައި ހޮސްފިޓަލް އަޅާނެ ބިމަކާއި ގުޅޭގޮތުން ރައްޔިތުންގެ ހިޔާލާއި މަޝްވަރާހޯދުމަށް ތުޅާދޫ ކައުންސިލުން ވަނީ ރައްޔިތުންގެ ބައްދަލުވުމެއް ބާއްވާފައެވެ.

ތުޅާދޫ ކައުންސިލްގެ 4 ވަނަ ދަޢުރުގައި ބޭއްވި ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން އެންމެ ގިނަ ރައްޔިތުން ހާޟިރުވި ބައްދަލުވުމުގައި ރައްޔިތުންގެ އިއްތިފާގުން ނިންމާފައި ވަނީ ތުޅާދޫގައި ސަރުކާރުން އިމާރާތް ކޮށްދެއްވާ ހޮސްޕިޓަލް އިމާރާތްކުރަންވާނީ މިހާރު ތުޅާދޫގައި ސިއްޙީ ޚިދުމަތްދޭ މަރުކަޒް ވަށައިގެން ވާ ހުސްބިން ހިމެނޭ ސަރަޙައްދުގައި ކަމަށެވެ.

ރައްޔިތުންނާއި މަޝްވާރަކުރުމަށް ބޭއްވި މި ބައްދަލުވުމުގައި އެ ބިމުގައި ހޮސްޕިޓަލް އެޅުމުގައި ގޮންޖެހުންތަކެއް ހުރިކަމަށް ކައުންސިލަރުންގެ ތެރެއިން ބައެއް ކައުންސިލަރުން ބުނިނަމަވެސް ރައްޔިތުންގެ ތެރެއިން ދޮށީއުމުރުގެ ފަރާތްތަކުންވަނީ ކައުންސިލުން ދެއްކެވި ވާހަކަފުޅުތަކަށް ހައްލު ހޯދާނެ ގޮތާއި އެބިމުގައި އެކަން ކުރެވޭނެ ގޮތްތައް ކިޔާދީ ރައްޔިތުންނަށް ފަހުމްވާނޭ ފަދައިން އޮޅުންފިލުވައި ދެއްވަވާފައެވެ.

މޫދާ 300 ފޫޓު ކައިރި ބިމެއްގައި ހޮސްޕިޓަލް ނޭޅޭނެ ކަމަށް ހެލްތް މިނިސްޓްރީން އަންގާފައިވާ ކަމަށް، ރައްޔިތުންނާއެކު ބޭއްވި މި ބައްދަލުވުމުގައި ކައުންސިލްގެ ފަރާތުން މަޢުލޫމާތު ހިއްޞާ ކުރުމުން ރައްޔިތުން ވަނީ އެކަމާ ހިއްހަމަނުޖެހުން ފާޅުކޮށްފައެވެ. އަދި ކައުންސިލުން ހޮސްޕިޓަލް އެޅުމަށް ބޭނުންވާ ބިމުގައި ހޮސްޕިޓަލް އަޅައިފިނަމަ ކުރު މުއްދަތެއްގެ ތެރޭގައި ލޮނުގެ އަސަރުކޮށް އިމާރާތުގެ އާބާތުރަ ފިލުވަން ބޮޑު ހޭދައެއް ދަޢުލަތުން ކުރަންޖެހޭނެކަން ފާހަގަކޮށް، މީގެ ދޮޅު އަހަރެއްހާ ދުވަސްކުރިން ތުޅާދޫގައި އެޅި އައުޓްޑޯ ޖިމަށް ލޮނުގެ އަސަރުކޮށް އެތަނުގައިވާ އާލާތްތައް ބޭނުން ނުކުރެވޭކަން ވަނީ ފާހަގަ ކޮށްފައެވެ.

ސިއްޙީމަރުކަޒް އިމާރާތް ކުރިފަހުން 23 އަހަރު ފާއިތުވެގެން ދިޔަ ނަމަވެސް ލޮނުގެ އަސަރު ކޮށްގެން އެއްވެސް ޓިނުގަނޑެއްވެސް ބަދަލު ކޮށްފައި ނުވާކަން ފާހަގަކޮށް، އެ އިމާރާތް އަޅާފައިވާ ބިމަކީ އެފަދަ ކަމަކަމަށް އެންމެ އެކަށީގެންވާ ބިންކަމަށް ބުނެ ރައްޔިތުން ވަނީ ޝުއޫރު ފާޅު ކޮށްފައެވެ.

ކައުންސިލުން ރައްޔިތުންނާއި ބައްދަލުކޮށް ހިޔާލާ މަޝްވަރާ ހޯދައި، ރައްޔިތުންގެ ވޯޓެއް ނަގައި ރައްޔިތުން ބަސްބުނެފައި ވަނިކޮށް، ހޮސްޕިޓަލް އެޅުމަށް އެމްޓީސީސީ އާއި ބިން ހަވާލުކޮށްފައި ވަނީ ރައްޔިތުންގެ ނިންމުމުގައި ކޮޅުފައިންޖަހާފައެވެ.

ކައުންސިލްގެ ނޭއްގާނީ މިޢަމަލާއި ގުޅިގެން ރައްޔިތުންގެ ކަންބޮޑުވުންތައް ފާހަގަކޮށް، ޕެޓިޝަނެއްގައި ސޮއިކޮށް، ދިވެހިރާއްޖޭގެ ރައީސުލް ޖުމްޙޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުގެ އިތުރުން ކަމާ ގުޅޭ ވުޒާރާތަކަށް މިހާރު ވަނީ ޕެޓިޝަން ހުށަހަޅާފައެވެ.

މިއަހަރުގެ ޖެނުއަރީމަހު ތުޅާދޫގައި 30 އެންދުގެ ހޮސްޕިޓަލެއް އިމާރާތްކުރުމަށް ސަރުކާރުން އެމްޓީސީސީ އާއި ހަވާލުކޮށްފައި ވަނީ 123،667،047.03 (އެއްސަތޭކަ ތޭވީސް މިލިއަން ހަސަތޭކަ ފަސްދޮޅަސް ހަތްހާސް ސާޅީސް ހަތެއް) ރުފިއާއަށް 540 ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ. ހޮސްޕިޓަލް އެޅުމުގެ މަސައްކަތް ސަރުކާރުން ހަވާލުކުރިތާ 180 ދުވަސް ފާއިތުވެގެން ދިޔަ އިރުވެސް ޢަމަލީ އެއްވެސް މަސައްކަތެއް ފެށިފައެެއް ނުވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.