ބ.ތުޅާދޫ، ހިތާދޫ އަދި ފަޅުތެރެއާއި މާލެއާ ދެމެދު ހެޔޮ އަގެއްގައި ދަތުރުކުރެވޭނެ ޖާގަ ތަނަވަސް ފެރީއެއް ހަމަޖެހިއްޖެއެވެ.
ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ތުޅާދޫ، ހިތާދޫ އަދި ފަޅުތެރެއިން ހެޔޮއަގެއްގައި މާލެގޮސް އެނބުރި ރަށަށް ދެވޭނެ ފެރީ ނިޒާމެއް ޤާއިމްކޮށްފައި ވަނީ އެ 5 ރަށުގެ ޒުވާނުން ގުޅިގެންނެވެ.

ފެރީ ދަތުރުތައް އިންތިޒާމް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ އަޙްމަދު ތަޙްލީމް ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ބުނީ ބ. އަތޮޅުގެ މި 5 ރަށަށާއި މާލެއާއި ދެމެދު ދަތުރު ކުރަމުން މިވަގުތު ދަނީ އެންމެ ފަރާތަކުން ކަމުގައި ވާތީއާ، ވާދަވެރި އިތުރު ފަރާތެއް ނެތުމުގެ ސަބަބުން މިވަގުތު ދަތުރު ކުރަމުންދާ ފަރާތުން ބޭނުން އިރަކު އަގަށް ބަދަލު ގެނެސް ރައްޔިތުންނަށް އަތްނުފޯރާ ފަށަށް ދަތުރުތަކުގެ އަގު އުފުލާފައި ވާކަމަށާއި، ރައްޔިތުން މާލެއިންގެންނަ އަދި ރަށުން ފޮނުވާ ކުދި ކުދި ކޮތަޅުތަކަށްވެސް ރައްޔިތުންނަށް ކެތްނުވާ ވަރުގެ ބޮޑު އަގު ނަގަމުންދާކަމަށެވެ.
“ރިލެކްސް” ގެ މަގުޞަދަކީ މި 5 ރަށުގެ ކުދިބޮޑު އެންމެނަށް ހެޔޮ އަގެއްގައި ޖާގަ ތަނަވަސް ފެރީއެއްގައި ދަތުރު ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ އިތުރުން އެއްތަނުން އަނެއްތަނަށް ގެންދަންޖެހޭ ތަކެތި ހެޔޮ އަގެއްގައި އުފުލައިދިނުން ކަމަށްވެ ތަޙްލީމް މަޢުލޫމާތު ދެއެވެ.

ޢީދު ބަންދާ ދިމާކޮށް “ރިލެކްސް” އިން ކުރާ ފުރަތަމަ ދަތުރު އަންނަ ބުދަ ދުވަހު މާލެއިން ފުރުމަށް ހަމަޖެހިފައި ވަނީ ހެނދުނު 10:00 ގައެވެ. އަދި އެނބުރި މާލެ ދިއުމަށް ފުރުމަށް ހަމަޖެހިފައި ވަނީ މެންދުރު ފަހު 14:00 ގައެވެ.
ތަޙްލީމް މަޢުލޫމާތު ދޭ ގޮތުގައި ޢީދު ބަންދަށް ޓިކެޓެއްގެ އަގު 650 ރުފިޔާއަށް ހުރި ނަމަވެސް ޢީދު ބަންދު ނިންމާ ކުރާ ދަތުރުތަކުގެ އަގު ބޮޑުތަނުން ކުޑަކުރާނެކަމަށެވެ. އަދި މި ފެރީގައި ޓިކެޓް ބައްލަވައިގަންނަވާއިރު އެބޭފުޅަކު ބައްލަވައި ގަންނަވާ “ޝީޓެއް” އެބޭފުޅަކަށް ރިޒާވް ކުރެވިގެން ދާނެ ކަމަށްވެސް ތަޙްލީމް މަޢުލޫމާތުދެއެވެ.
“ރިލެކްސް” އޭޖެންޓްސް
ގޮއިދޫ – 7952011
ފުޅަދޫ – 7787992
ފެހެންދޫ – 7245933
ހިތާދޫ – 7745660
ތުޅާދޫ – 7754520
މާލެ – 7731759



