މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލުން ބ.ތުޅާދޫގައި އިމާރާތް ކޮށްދެއްވި 02 ކޮޓަރީގެ އެޕާރޓްމަންޓް “ރަށްވެހި ހިޔާ” ނިމި 02 އަހަރު ފާއިތުވާއިރުވެސް ކުއްޔަށް ދޫކުރެވޭ ގޮތްވެފައި ނުވަނީ އުޞޫލު ނުހެދޭތީކަމަށް ތުޅާދޫ ކައުންސިލުން ބުނެފިއެވެ.
ތަފާތު އެކިއެކި އަމިއްލަ ފަރާތްތަކުން 02 ކޮޓަރީގެ އެޕާރޓްމަންޓް އެކިއެކި ބޭނުންތަކުގައި ކުއްޔަށް ހޯދަން އެދުމުން ކޮންމެ ފަރަތަކަށްވެސް ކައުންސިލުން ދެމުންދާ ޖަވާބަކީ ކުއްޔަށް ދޫކުރެވޭނީ އުޞޫލު ނިމިގެން ކަމަށް އެފަރާތްތަކުން ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ދެއެވެ.
ބ. އަތޮޅު ކައުންސިލުން ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ދެއްވި އިސް އޮފިޝަލަކު ވިދާޅުވީ އަތޮޅު ކައުންސިލްގެ ފަރާތުން ތުޅާދޫގައި އިމާރާތް ކޮށްފައިވާ 02 ކޮޓަރީގެ އެޕާރޓްމަންޓަކީ އަތޮޅުގެ އެހެން ރަށްރަށެކޭ އެއްގޮތަށް އިމާރާތްކޮށް ފްލީ ފަރނިޝް ކުރުމަށްފަހު 2021 ވަނަ އަހަރު ތެރޭގައި ތުޅާދޫ ކައުންސިލާއި ހަވާލުކޮށްފައިވާ އިމާރާތެއް ކަމަށެވެ.
“އެ އެޕާރޓްމަންޓްތައް އިމާރާތްކޮށް ކައުންސިލްތަކާ ހަވާލުކުރިތާ 02 އަހަރު މިވަނީ. ތުޅާދޫ ކައުންސިލް ފިޔަވާ ހުރިހާ ކައުންސިލްތަކަކުން އެ އެޕާރޓްމަންޓްތައް ކުއްޔަށް ދީ ނަފާ ހޯދަމުންދާތާ 02 އަހަރު ވަނީ. ރަށް ރަށުގެ ކައުންސިލްތަކުގެ ފުދުންތެރިކަން އިތުރު ކޮށްދިނުމަށް އަތޮޅުކައުންސިލުން ބިނާ ކޮށްދީފައިވާ އެ އެޕާރޓްމަންޓްތަކުގެ ބޭނުން ގިނަ ރަށްރަށުން ހެޔޮ ގޮތުގައި ދަނީ ހިފަމުން.” އިސް އޮފިޝަލް އިތުރަށް ވިދާޅުވިއެވެ.
ބ.ތުޅާދޫ ކައުންސިލުން އާންމު ކޮށްފައިވާ ކައުންސިލްގެ 04 ވަނަ ދަޢުރުގެ 122 ވަނަ ޢާއްމު ޖަލްސާގެ އެޖެންޑާގައި ވާގޮތުން މާދަމާ އޮންނަ ކައުންސިލް ޢާންމު ޖަލްސާއަށް ވަނީ 02 ކޮޓަރީގެ އެޕާރޓްމަންޓާއި ގުޅޭ މައްސަލައެއް އެޖެންޑާ ކޮށްފައެވެ.
2023 ޖެނުއަރީ 18 ވަނަ ދުވަހު ބޭއްވި ކައުންސިލްގެ 04 ވަނަ ދަޢުރުގެ 111 ވަނަ ޢާންމު ޖަލްސާއިން ފާސްކޮށްފައިވާ، “ދެކޮޓަރި އެޕާރޓްމަންޓް ކުއްޔަށް ދޫކުރާނެ އުޞޫލު” ބާޠިލްކޮށް، ޑްރާފްޓް ކުރެވިފައިވާ “ދެކޮޓަރި އެޕާރޓްމަންޓް ކުއްޔަށް ދޫކުރާނެ ޤަވާޢިދު” މާދަމާ އޮންނަ ކައުންސިލްގެ ޢާއްމު ޖަލްސާގައި ފާސްކުރުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.
ކައުންސިލްގެ 04 ވަނަ ދަޢުރުގެ 111 ވަނަ ޢާންމު ޖަލްސާގައި 02 ކޮޓަރި އެޕާރޓްމަންޓަށް ކިޔާނެ ނަމެއްގެ ގޮތުގައި “ރަށްވެހި ހިޔާ” ކިޔުމަށް ވަނީ ފާސްކޮށްފައެވެ.



