މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫގެ 50 ހައުސިންގ ޔުނިޓް އިމާރާތްކޮށްފައިވާ ސަރަޙައްދުގައި އަޅާ ޕާކަކީ 3.4 މިލިޔަން ރުފިޔާގެ އަގުހުރި ޕާކެއްކަން ހާމަވެއްޖެއެވެ.
ތުޅާދޫ އޮންލައިންނަށް މަޢުލޫމާތު ޙިއްޞާކުރި 50 ހައުސިންގ ޔުނިޓް ސަރަޙައްދުގައި ދިރިއުޅޭ ތުޅާދޫ ރައްޔިތަކު ބުނީ، ސޯޝަލް ހައުސިންގ ޔުނިޓް ސައިޓްގައި ޕާކް ތަރައްޤީ ކުރާނެ ގޮތުގެ ޗާޓް ހިމެނޭ ޕޯސްޓަރއެއް ސައިޓް ސަރަޙައްދުގައި ހަރުކޮށްފައި ވަނީ 2023 ޖެނުއަރީ 13 ވަނަ ދުވަހު ކަމަށެވެ. އަދި އެދުވަހު ޗާޓް ހަރުކުރިއިރު، ޗާޓް ހިމެނޭ ޕޯސްޓަރގެ މެދުތެރޭގައި ކަޅު ކުލައިގެ ޓޭޕް ފަށެއް ހުރަހަށް ދަމާލާފައި ވީނަމަވެސް އެ ޓޭޕް ފަށުގެ ދަށުގައި ޕާކް އެޅުމަށް އެގްރިމެންޓް ކުރެވުނު މަސައްކަތުގެ އަގު ފޮރުވާފައި ވެދާނެކަމަށް އޭރު ޤަބޫލު ނުކުރެވޭ ކަމަށްވެސް އެފަރާތުން ބުނެއެވެ.

“ހޫނު ގަދަ ސަރަޙައްދެއްގައި ބަހައްޓާފައިވާ އެ ފޯސްޓަރުގައި ތަތްކޮށްފައިވާ ޓޭޕް ފަށް ނެއްޓެން ފެށުމުން، ފެނިގެން ދިޔައީ މުޅިން އެހެން މަންޒަރެއް، ޓޭޕްފަށް ނެއްޓުނު ވަރަކުން ފެންނަމުން ދިޔައީ އެ އަޅާ ކުޑަ ކުޑަ ޕާކަށް އެކަށީގެން ނުވާ ވަރުގެ ބޮޑު އަގަކަށް، މިރަށުގައި 100 ހައުސިންގ ޔުނިޓް އަޅާ، ފްލެކްސިން ކުންފުންޏާ ހަވާލުކޮށްފައި ވާކަން. ޤަބޫލުކުރަންވެސް ދަތި. މި އަށްވުރެ މާ ބޮޑު ސަރަޙައްދެއްގައި ތުޅާދޫ އުތުރު ފަރާތުގައި ވަރަށް ފުރިހަމަ ޕާކެއް އެންމެ 08 ލައްކައަށް އަޅާފައިވޭ. ހިތާމަޔަކީ، ޕާކް ތަރައްޤީ ކުރާނެ ގޮތުގެ ޗާޓް ހިމެނޭ ޕޯސްޓަރެއް އެ ސަރަޙައްދުގައި ހަރުކުރިއިރު މަސައްކަތުގެ އަގު ފޮރުވުމަށް ކަޅު ޓޭޕް އެޅުން. މިކަން އެނގޭނެ ކައުންސިލަރުން ތިބޭނެ. ފެންނަ މަންޒަރުތަކުން، މި މަސައްކަތުގައި ބައި އެޅޭނެ ކައުންސިލަރުން ތިބޭނެ ކަމަށް ޤަބޫލު ކުރެވޭ. ރައްޔިތުންނަށް މިފަދަ ބޮޑު އޮޅުވާލުމެއް އޮޅުވާލުމުގައި އެ ކައުންސިލަރުންގެ ބައިވެރިވުން ވާނެކަން ޔަޤީން.” އޭނާ އިތުރަށް ޙިއްޞާ ކުރިއެވެ.

50 ހައުސިންގ ޔުނިޓް ސަރަޙައްދުގައި 3،411،756.18 (ތިން މިލިޔަން ހަތަރު ލައްކަ އެގާރަ ހާސް ހަތްސަތޭކަ ފަންސާސް ހަރުފިޔާ އަށާރަ ލާރި) ރުފިޔާއަށް ޕާކެއް ތަރައްޤީ ކުރަން ފްލެކްސިންއާ ހަވާލުކޮށް މަސައްކަތް ފަށަން ކަނޑައަޅާފައިވާ ތާރީޙަކީ 2022 އޮކްޓޯބަރު 13 ވަނަ ދުވަސް ކަމަށް ވީނަމަވެސް އެ ޕާކް އެޅުމުގެ މަސައްކަތް ފަށާފައިވަނީ މަސައްކަތް ފަށަންޖެހޭނެ ކަމަށް ބަޔާން ކޮށްފައިވާ ތާރީޙަށްވުރެ 03 މަސް ފަހުންކަން ފާހަގަ ކުރެވެއެވެ.

ތުޅާދޫގައި 50 ހައުސިންގ ޔުނިޓް އިމާރާތް ކޮށްފައިވާއިރު ކޮންމެ ހައުސިންގ ޔުނިޓެއްގެ އަގަކަށް ޖެހިފައި ވަނީ 5،60،000 (ފަސް ލައްކަ ފަސްދޮޅަސް ހާސް) ރުފިޔާ އެވެ. ތުޅާދޫގައި ތަރައްޤީކުރެވޭ މި ޕާކްގެ އަގަކީ، ތުޅާދޫގައި އިމާރާތްކޮށްފައިވާ 06 ހައުސިންގ ޔުނިޓް އިމާރާތްކުރުމަށް ހޭދަކޮށްފައިވާ ޚަރަދާއި އެއް މިންވަރެއްގެ އަގެކެވެ.



