ތުޅާދޫގައި އެޅުމަށް ތައްޔާރުވަމުންދާ “ފިޝަރީޒް ކޮމްޕްލެކްސް” ގެ ޕްރޮޕޯސަލް ރައްޔިތުންނާއި ޙިއްޞާކުރުމަށް ބައްދަލުވުމުގެ މަސައްކަތް ކައުންސިލުން ފަށައިފިއެވެ.
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލަށް ހުށަހެޅިފައިވާ މަސްފެކްޓްރީގެ ޕްރޮޕޯސަލް ރައްޔިތުންނާ ޙިއްޞާކުރުމަށް ބައްދަލުވުމެއް ބާއްވާނެ ދުވަހެއް ކަނޑައެޅުމަށް ތުޅާދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 119 ވަނަ ޢާއްމު ޖަލްސާ އަށް ވަނީ އެޖެންޑާ ކޮށްފައެވެ.
މި މައްސަލަ އެޖެންޑާ ކޮށްފައި ވަނީ އިދާރާއިން ހުށަހަޅާ މައްސަލައެއްގެ ގޮތުގައެވެ.
ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަމިއްލައަށް ބިން ހިއްކައިގެން ފިޝަރީޒް ކޮމްޕްލެކްސް އެއް އެޅުމަށް އަމިއްލަ ފަރާތަކުން ތުޅާދޫ ކައުންސިލްގައާއި ސަރުކާރުގައި އެދިފައި ވަނީ ތުޅާދޫ އައިސްޕްލާންޓްގެ އިރުން ކަދުރު ޕާކުގެ އުތުރަށް އޮންނަ ފަޅުތެރޭގައެވެ.
ނަމަވެސް މި އޮންލައިނަށް މަޢުލޫމާތު ޙިއްޞާކުރި ކައުންސިލްގެ އިދާރީ މުވައްޒަފަކު ވިދާޅުވީ ލޭންޑް ޔޫޒް ޕްލޭން ފާސްކުރަން ފޮނުވިއިރު، ތުޅާދޫ ރައްޔިތުންގެ އުންމީދުތައް މިވަގުތު އެންމެ ބޮޑަށް ގުޅިގައިވާ، “ފިޝަރީޒް ކޮމްޕްލެކްސް” އެޅުމަށް ބިންހިކުމަށް، ފަޅުން އެފަރާތުން އެދުނު ސަރަޙައްދުގެ ބަދަލުގައި ހުށަހެޅި ޕްލޭންގައި ކަނޑައަޅާފައި ވަނީ މުޅިން އެހެން ސަރަޙައްދެއް ކަމަށެވެ.
އިދާރީ މުވައްޒަފު އިތުރަށް ވިދާޅުވީ، ލޭންޑް ޔޫސް ޕްލޭން ފާސްވެގެން އައިއިރު “ފިޝަރީޒް ކޮމްޕްލެކްސް” އެޅުމަށް ބިންހިކުމަށް، ފަޅުން ކަޑައަޅާފައިވާ ސަރަޙައްދު ނުވެސް ނެތްކަމަށެވެ.
މަސްފެކްޓްރީގެ ޕްރޮޕޯސަލް ރައްޔިތުންނާ ޙިއްޞާކުރުމަށް ބައްދަލުވުމެއް ބާއްވާނެ ދުވަހެއް ކަނޑައެޅުމަށް ބާއްވާ ކައުންސިލްގެ 119 ވަނަ ޢާއްމު ޖަލްސާ އޮންނާނީ މިއަދު 13:00 ގައި ކައުންސިލް މީޓިންގ ރޫމުގައެވެ.
ކައުންސިލުން ބާއްވާ ޢާއްމު ޖަލްސާތައް އަޑުއެހުމަށް ވަނުމުގެ ފުރުޞަތު އެންމެހާ ރައްޔިތުންނަށް ވަނީ ހުޅުވާލާފައެވެ. ކައުންސިލް ޢާއްމު ޖަލްސާއެއް އަޑުއެހުމަށް ބޭނުންވާ ފަރާތްތަކުން ކައުންސިލުން އެކަމަށް ކަނޑައަޅާފައިވާ “ކައުންސިލްގެ ބައްދަލުވުންތައް އަޑުއެހުމަށް ވަނުމަށް އެދޭ ފޯމް” ފުރިހަމަ ކުރުމަށްފަހު، ޖަލްސާ ފެށުމުގެ 01 ގަޑިއިރު ކުރިން އެ ފޯމް ކައުންސިލް އިދާރާއަށް ހުށަހަޅަން ޖެހެއެވެ.



