މާޅޮސްމަޑުލު ދެކުނބުރީ ތުޅާދޫގެ “ލޭންޑް ޔޫޒް ޕްލޭން” ފާސްވެއްޖެއެވެ.
ތުޅާދޫގެ ލޭންޑް ޔޫޒް ޕްލޭން ފާސްވެފައި ވަނީ ތައްޔާރު ކޮށްފައި ހުށަހެޅިފަހުން 4 ފަހަރެއްގެ މަތިން އިސްލާހު ކޮށްގެންކަން ފާހަގަ ކުރެވެއެވެ.
ލޭންޑް ޔޫޒް ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރިޔަށް ދިޔަ ދުވަސްވަރު ކައުންސިލްގެ ފަރާތުން ވަނީ ރައްޔިތުންނާއި ބައްދަލުކޮށް ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދާފައެވެ.
ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދި ނަމަވެސް ލޭންޑް ޔޫޒް ޕްލޭން އެކުލަވާލައި ހުށަހަޅާފައި ވަނީ ރައްޔިތުން ދީފައިވާ ޚިޔާލުތަކާއި މަޝްވަރާތަކުގައި ކޮޅުފައިން ޖަހާ، ކައުންސިލްގެ ނުފޫޒުގަދަ ބައެއް ވެރިން ބޭނުންވާ ގޮތަށް ކަމަށް، ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ޚިއްޞާކުރި ކައުންސިލްގެ އިދާރީ މުވައްޒަފަކު ވިދާޅުވިއެވެ.
ލޭންޑް ޔޫޒް ޕްލޭން ފާސްކުރަން ފޮނުވިއިރު، ތުޅާދޫ ރައްޔިތުންގެ އުންމީދުތައް މިވަގުތު އެންމެ ބޮޑަށް ގުޅިގައިވާ، “ފިޝަރީޒް ކޮމްޕްލެކްސް” އެޅުމަށް ބިންހިކުމަށް، ފަޅުން އެފަރާތުން އެދުނު ސަރަޙައްދުގެ ބަދަލުގައި ހުށަހެޅި ޕްލޭންގައި ކަނޑައަޅާފައި ވަނީ މުޅިން އެހެން ސަރަޙައްދެއް ކަމަށްވެސް އެ އިދާރީ މުވައްޒަފު ވަނީ ފާހަގަ ކޮށްފައެވެ.
އިދާރީ މުވައްޒަފު އިތުރަށް ވިދާޅުވީ، ލޭންޑް ޔޫސް ޕްލޭން ފާސްވެގެން އައިއިރު “ފިޝަރީޒް ކޮމްޕްލެކްސް” އެޅުމަށް ބިންހިކުމަށް، ފަޅުން ކަޑައަޅާފައިވާ ސަރަޙައްދު ނުވެސް ނެތްކަމަށެވެ.
ތުޅާދޫ ކައުންސިލްގެ 04 ވަނަ ދަޢުރަށް ކައުންސިލަރުން އިންތިޙާބް ވުމަށްފަހު، ތުޅާދޫގައި ތަފާތު އެކިއެކި ބޭނުންތަކަށް ބިން ދޫކުރެވެން ނެތްކަމަށް ވިދާޅުވެ ކައުންސިލަރުން އުޒުރެއްގެ ގޮތުގައި ދައްކަވާފައި ވަނީ “ލޭންޑް ޔޫޒް ޕްލޭން” ފާސް ނުވަނީސް އެއްވެސް ބޭނުމަކަށް ބިން ދޫކުރެވެން ނެއްކަމަށެވެ.
ތުޅާދޫ ކައުންސިލުން 2022 ވަނަ އަހަރު “ބިމު ކުލި” ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 1488،768.40 ރުފިޔާއެވެ. ނަމަވެސް 2022 ވަނަ އަހަރު ނިމުނު އިރު “ބިމު ކުލި” ގޮތުގައި ތުޅާދޫ ކައުންސިލަށް ލިބިފައި ވަނީ، 151،806.97 ރުފިޔާއެވެ. މި އީ ތުޅާދޫ ކައުންސިލުން ލިބޭނެ ކަމަށް އަންދާޒާކުރި އަދަދަށްވުރެ އެތަށް ގުނައެއް ދަށް އަދަދެކެވެ.
“ފާސް ކުރެވިފައިވާ ލޭންޑް ޔޫޒް ޕްލޭން ރައްޔިތުންނާ ޙިއްޞާކުރުމަށް ބައްދަލުވުން ބާއްވާނެ ދުވަހެއް ކަނޑައެޅުން” ތުޅާދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 119 ވަނަ ޢާއްމު ޖަލްސާއަަށް އިދާރާއިން ހުށަހަޅާ މައްސަލައެއްގެ ގޮތުގައި އެޖެންޑާ ކޮށްފައި ވެއެވެ.



