މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލް މެމްބަރު ރިޝާދާ މުޙައްމަދު ސިޔާސީ ގޮތުން ހުށަހެޅި 02 މައްސަލަވެސް ފާހެއްނުވިއެވެ.
ތުޅާދޫ ކައުންސިލްގެ 04 ވަނަ ދަޢުރުގެ 118 ވަނަ ޢާއްމު ޖަލްސާއަށް ކައުންސިލަރު ރިޝާދާ މުޙައްމަދު ހުށަހަޅާފައިވާ އެއް މައްސަލައަކީ “ލައުޑުސްޕީކަރު ބޭނުންކުރުމާއި، އަޑުގަދަކޮށް ލަވަޖެހުމާބެހޭ ޤަވާޢިދު” ގެ 05 ވަނަ މާއްދާގައި ބަޔާންކުރާ އިދާރާތަކުގެ ކައިރީގައި ލައުޑުސްޕީކަރު ބޭނުން ކުރެވޭނެ ވަގުތު ކަނޑައެޅުމާއި، އެ ޤަވާޢިދުގެ 06 ވަނަ މާއްދާގައި ބަޔާންކުރާ އިދާރާތަކުގެ ކައިރީގައި ލައުޑުސްޕީކަރު ބެހެއްޓޭނެ ދުރުމިނެއް ކަނޑައެޅުމާމެދު ގޮތެއް ނިންމުމެވެ.
118 ވަނަ ޢާއްމު ޖަލްސާގައި މި މައްސަލައާއިމެދު ބަހުސްކޮށް ފާސްކޮށްފައިވަނީ “ލައުޑުސްޕީކަރު ބޭނުންކުރުމާއި، އަޑުގަދަކޮށް ލަވަޖެހުމާބެހޭ ޤަވާޢިދު” ގެ 05 ވަނަ މާއްދާގައި ބަޔާންކުރާ އިދާރާތަކުގެ ކައިރީގައި ލައުޑުސްޕީކަރު ބޭނުން ކުރެވޭނެ ވަގުތު ކަނޑައެޅުމަށް ނުފެންނަ ކަމަށާއި އެ ޤަވާޢިދުގެ 06 ވަނަ މާއްދާގައި ބަޔާންކުރާ އިދާރާތަކުގެ ކައިރީގައި ލައުޑުސްޕީކަރު ބެހެއްޓޭނެ ދުރުމިނެއް ކަނޑައެޅުމަށްވެސް ނުފެންނަ ކަމަށެވެ.
މީގެ އިތުރުން ކައުންސިލަރު ރިޝާދާ މުޙައްމަދު ހުށަހަޅުއްވާފައި ވަނީ ޤައުމީ ފެންވަރުގައާއި އަތޮޅު ފެންވަރުގައި އަދި ރަށު ފެންވަރުގައި ބާއްވާ ޚާއްޞަ އިވެންޓްތައް ހިނގަމުންދާ ދުވަސްވަރު ނުވަތަ ފާހަގަކުރާ އެކިއެކި މުނާސަބާތަކަށް ތައްޔާރު ވަމުންދާއިރު، ބަނދަރު އެއްގަމު ތޮއްޓާއި ހުރަސް 02 ތޮށިން ފެށިގެން އެއްގަމަށް 100 ފޫޓް ހިމެނޭ ސަރަޙައްދާއި، ބޭރު ތޮށިން ފެށިގެން އެއްގަމަށް 530 ފޫޓް ހިމެނޭ ސަރަޙައްދުގައި އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތްވާ ނުވަތަ ސިޔާސީ ލީޑަރަކަށް ނިސްބަތްވާ ކުރެހުމެއް، ޕޯސްޓަރެއް، ދިދައެއް ނުވަތަ ބެނާރއެއް ނުވަތަ ފޮތިގަނޑެއްވިޔަސް ނުބެހެއްޓޭނެކަމަށް ކަނޑައަޅާ ކައުންސިލުން އަމުރެއް ނެރުމާމެދު ގޮތެއް ނިންމުމަށެވެ.
ކައުންސިލަރު ރިޝާދާ މުޙައްމަދު ހުށަހެޅުއްވި މިމައްސަލާގައި ބަހުސް ކުރުމަށްފަހު ފާސްކޮށްފައި ވަނީ ކައުންސިލަރ ރިޝާދާ ހުށަހެޅުއްވި ފަދަ އަމުރެއް ނެރުމަށް، ފާސްކުރުމަށް ނުފެންނަ ކަމަށެވެ.
ތުޅާދޫ ކައުންސިލުގައި 07 ކައުންސިލަރުން ތިއްބަވާއިރު މި މައްސަލަ އެޖެންޑާކުރި އާންމު ޖަލްސާއަށް ހާޟިރުވެފައި ވަނީ 06 ކައުންސިލަރުންނެވެ. ކައުންސިލްގެ ނައިބް ރައީސް މުޙައްމަދު ޢަލިމަނިކް ޖަލްސާއަށް ހާޟިރު ވެފައި ނުވަނީ ސަލާމުގައި ހުންނެވުމުގެ ސަބަބުން ކަމަށް، އާންމު ކޮށްފައިވާ 118 ވަނަ އާންމު ޖަލްސާގެ ނިންމުމުގައި ވެއެވެ.
ތުޅާދޫ ކައުންސިލްގެ ޖަލްސާތަކުގެ ނިންމުންތައް ޢާއްމު ކުރަމުންދާ ފޯމެޓްގައި ވަކިވަކި މައްސަލަތަކަށް ކައުންސިލަރުން ވޯޓްދެއްވާފައިވާ ގޮތުގެ ތަފްސީލް ހާމާކޮށްފައެއް ނުވެއެވެ.



