ބަޑި ބުރާސްފަތި ރަށުފެންވަރުގައި ކުލަގަދަކޮށް ފާހަގަކުރުމަށް މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫގައި ކައުންސިލުން ނިންމައިފިއެވެ.
03 ނޮވެމްބަރު 1988 ގެ އުދުވާނީ ޙަމަލާގައި ތުޅާދޫއަށް ނިސްބަތްވާ ދަރިއަކު (ބ.ތުޅާދޫ / މަބުސްތާނުގެ، ޙުސައިން މުޙައްމަދު) ޝަޙީދުވެފައިވާތީ، ޝަހީދު ޙުސައިން މުޙައްމަދުގެ ޒިކުރާ އައުކުރުމުގެ ގޮތުން ކޮންމެ އަހަރަކު ނޮވެމްބަރު މަހުގެ 03 ވަނަ ދުވަސް ރަށުފެންވަރުގައި ކުލަގަދަކޮށް ފާހަގަކުރުމާއި ބެހޭގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށް، ތުޅާދޫ ކައުންސިލުގެ 04 ވަނަ ދައުރުގެ 118 ވަނަ ޢާއްމު ޖަލްސާއަށް މި މައްސަލަ ހުށަހަޅުއްވާފައި ވަނީ ކައުންސިލް މެމްބަރު ރިޝާދާ މުޙައްމަދު އެވެ.
މި މައްސަލައާއި ގުޅޭގޮތުން އެ ޖަލްސާގައި މަޝްވަރާކުރުމަށްފަހު ކައުންސިލް މެމްބަރު ރިޝާދާ މުޙައްމަދު ހުށަހެޅުއްވި ހުށަހެޅުން ވަނީ ފާސް ކޮށްފައެވެ.
ޕްރައިވެޓް ހުސެއިން މުހައްމަދު (މަސްތަކާ) ޒޯން ޑިއުޓީގައި އުޅުއްވަމުން ގެންދަވަނިކޮށް މެދުޒިޔާރަތްމަގުން މުލިޔާގެ މައިގޭޓާއި ހިސާބުންދިން ބަޑީގެ ހަމަލާއިން ވަޒަން އަރައި ޝަހީދުވިއެވެ.
ޕްރައިވެޓް ހުސެއިން މުހައްމަދު ޝަހީދުވެގެން ވެއްޓިފައިވަނީ މުލިޔާގެ މައިގޭޓާއި ދިމާއިން މެދު ޒިޔާރަތް މަގަށެވެ. އޭނާ ޝަހީދުވިއިރު ސިފައިންގެ ހިދުމަތުގައި އުޅުއްވާތާ 17 އަހަރާއި 3 މަހާއި 18 ދުވަސްވެއްޖެއެވެ.
ޕްރައިވެޓް ހުސެއިން މުހައްމަދު ޝަހީދުވެފައިވަނީ ސިފައިންގެ ޑިއުޓީގައި ހުންނަވަނިކޮށް ކަމަށްވާތީ ދިވެހި ދައުލަތުން މިކަން ފާހަގަކުރައްވާ ޕްރައިވެޓެއްގެ މަގާމުން ކޯޕްރަލްގެ މަގާމަށް މަގާމުގެ ކުރިއެރުން ދެއްވާ ހުރަވީ މެޑަލް އާއީ ތިނެއް ނޮވެމްބަރުގެ މެޑަލް އާއި ޖިހާދުގެ ރަތް މެޑަލްދީފައިވެއެވެ. ޝަހީދުވިއިރު އުމުރުފުޅަކީ 38 އަހަރެވެ.
ޝަހީދު ކޯޕްރަލް ހުސެއިން މުހައްމަދަކީ، މުހައްމަދު ހުސެއިން އާއި ހައްވާ ޔޫސުފްއަށް ލިބިފައިވާ ދަރިއެކެވެ. އޭނާގެ ދާއިމީ އެޑްރެހަކީ މަބުސްތަނުގެ، ބ.ތުޅާދޫ އެވެ.
ތުޅާދޫ ކައުންސިލުގައި 07 ކައުންސިލަރުން ތިއްބަވާއިރު މި މައްސަލަ އެޖެންޑާކުރި އާންމު ޖަލްސާއަށް ހާޟިރުވެފައި ވަނީ 06 ކައުންސިލަރުންނެވެ. 01 ކައުންސިލަރު ޖަލްސާއަށް ހާޟިރު ވެފައި ނުވަނީ ސަލާމުގައި ހުންނެވުމުގެ ސަބަބުން ކަމަށް، އާންމު ކޮށްފައިވާ 118 ވަނަ އާންމު ޖަލްސާގެ ނިންމުމުގައި ވެއެވެ.
ތުޅާދޫ ކައުންސިލްގެ ޖަލްސާތަކުގެ ނިންމުންތައް ޢާއްމު ކުރަމުންދާ ފޯމެޓްގައި ވަކިވަކި މައްސަލަތަކަށް ކައުންސިލަރުން ވޯޓްދެއްވާފައިވާގޮތް ހާމާކޮށްފައެއް ނުވެއެވެ،



