ޓެކްސް ގާނޫނެއްގެ ދަށުން ނުވަތަ ގަވާއިދެއްގެ ދަށުން ރަޖިސްޓާ ކުރަންޖެހޭ ފަރާތަކުން ރަޖިސްޓާ ކޮށްފައި ނުވާނަމަ 5،000ރ. އިން ޖޫރިމަނާ ކުރެވޭ ގޮތަށް ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު އިސްލާހުކޮށްފި އެވެ.
މިއަދު ގެޒެޓްކޮށް އަމަލުކުރަންފެށި އެ އިސްލާހުގައި ވާގޮތުން ރަޖިސްޓްރީ ކުރަންޖެހި، އެކަން ނުކުރާނަމަ، ކުށުގެ އަދަބަކީ 5،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.
އަދި އެ ކުށުގެ ޖިނާއ އަދަބަކީ ކުށް ކުރި ފަރާތް އެއް މަސް ދުވަހާއި، ހަ މަސްދުވަހާ ދެމެދުގެ މުއްދަތަކަށް ގޭގައި ބަންދުކުރުމެވެ.
ކުރީގައި ގަވާއިދު އޮންނަ ގޮތުން، ވިޔަފާރި ރަޖިސްޓްރީ ނުކުރުމުގެ ކުށުގެ އަދަބަކީ، ރަޖިސްޓަރީނުކޮށް ވޭތުވާ ކޮންމެ ދުވަހަކަށް، 50 ރުފިޔާގެ މަގުން އެ ފަރާތް ޖޫރިމަނާ ކުރުމެވެ. ކުށުގެ ޖިނާއީ އަދަބަކަށް އޭރުވެސް އޮންނަނީ އެއް މަހާއި ހަ މަހާއި ދެމެދުގެ ގޭބަންދެވެ.
އަލަށް ގެނައި އިސްލާހުގައި ވާގޮތުން ޓެކްސް ދައްކާ ފަރާތުން މީރާއަށް ހުށަހަޅާ ލިޔެކިޔުމަކީ ފުރިހަމަ ލިޔެކިޔުމެއް ނޫންކަމަށް މީރާއަށް ގަބޫލުކުރެވޭ ނަމަ، އެ ލިޔެކިޔުމެއް ގަބޫލު ނުކުރުމުގެ އިހްތިޔާރު އެ އިދާރާއަށް ލިބިގެންވެ އެވެ.
ލިޔެކިޔުންތަކާއި މާލީ ހިސާބުތައް ނުބެލެހެއްޓުމުގެ އަދަބަކީ ވެސް 5،000ރ. އަށްވުރެ ބޮޑުނޫން އަދަބުން ޖޫރިމަނާ ކުރުން ކަމަށް އާ އިސްލާހުގައި ހިމަނާފައިވެ އެވެ. އަދި އެއް މަސްދުވަހާއި ހަ މަސްދުވަހުގެ ގޭބަންދުގެ އަދަބެއް ރެކޯޑު ނުބެލެހެއްޓުމުގެ ޖިނާއީ ކުށުގެ އަދަބުގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ.
އަދި މީރާއަށް ހުށަހަޅަން އަންގާ ލިޔެކިޔުން ހުށަނާޅައިފި ނަމަ، އެކަމުގެ އަދަބެއްގެ ގޮތުން، ލިޔެކިޔުން ހުށަނާޅައި ހިނގާ ކޮންމެ ދުވަހަކަށް 50،ރ. އަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް އިސްލާހުގައި ބުނެ އެވެ. އަދި ގޭބަންދުގެ ޖިނާއީ އަދަބު އަންނާނެ އެވެ.



