މިއަހަރުގެ އަންހެނުންގެ ދުވަސް ބ.ތުޅާދޫގައި ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް ތުޅާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ނިންމައިފިއެވެ.
ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ބ.ތުޅާދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ ދޫމާ އަބްދުލްކަރީމް ވިދާޅުވީ، އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ރޭވިފައިވާ ހަރަކާތްތަކުގެ ތެރޭގައި މިއަދު ހަވީރު ތުޅާދޫ ފްޓްސަލް ދަނޑުގައި އަންހެން ކަނބަލުންނަށް ޙާއްޞަ ކޮށްގެން ބާއްވާ އެކުވެރިކަމުގެ ފްޓްސަލް މެޗެއް ކުޅުމުގެ އިތުރުން ޙާއްޞަ ސައިފޮދެއްވެސް އެސަރަޙައްދުގައި ކުރިޔަށް ގެންދިއުމަށް ރާވާފައިވާ ކަމަށެވެ.
ދުވަހާއި ގުޅިގެން ކުރިޔަށް ގެންދެވޭ ފްޓްސަލް މެޗްގައި ބައްދަލު ކުރާނީ ތުޅާދޫގެ މުޢައްސަސާތަކުން ހޮވާލެވޭ ޓީމަކާއި ތުޅާދޫގައި ދިރިއުޅޭ ކަނބަލުންގެ ތެރެއިން ހޮވާލެވޭ ޓީމެކެވެ. މި ފްޓްސަލް މެޗްގެ ކަންކަން އިންތިޒާމް ކުރަނީ ތުޅާދޫ ފެނަކަ ބްރާންޗް އާއި އ.ތ.މކ ގުޅިގެންކަމަށް ރައީސާ ވިދާޅުވިއެވެ.
މީގެ އިތުރުން ދުވަހާއި ގުޅުވައިގެން ކުރިޔަށް ގެންދެވޭ އަންހެން ކަނބަލުންގެ ފަންކުޅުން، ތުޅާދޫ ބޮޑުމަގުގައި މާދަމާ ހަވީރު ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށްވެސް ރައީސާ ވިދާޅުވިއެވެ.
ކަނބަލުންނަށް ޙާއްޞަ ކޮށްގެން ދުވަހާއި ގުޅުވައި ކުރިޔަށް ގެންދެވޭ މި ހަރަކާތްތަކުގައި ބ.ތުޅާދޫގައި ދިރިއުޅޭ އެންމެހާ ކަނބަލުން، ޢަމަލީގޮތުން ބައިވެރިވުމަށް ރައީސާ ވަނީ އެދިލައްވާފައެވެ. އަދި އެ ކޮމިޓީން ކުރިޔަށް ގެންދާ މިފަދަ އެންމެހާ ހަރަކާތްތަކުގައި ތުޅާދޫގައި ދިރިއުޅޭ އެންމެހާ ކަނބަލުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް އެންމެހާ ފަރާތްތަކަށް ވަނީ ޝުކުރު އަދާ ކޮށްފައެވެ.
އަންހެނުންގެ ދުވަހާއި ގުޅުވައިގެން އެ ކޮމިޓީން ތައްޔާރުކޮށްފައިވާ ޙާއްޞަ ބެޖެއްވެސް މިއަދު ތުޅާދޫގެ ކަނބަލުންނަށް ވަނީ ހަދިޔާ ކޮށްފައެވެ.
އ.ތ.މ.ކ ގެ ރައީސާ ވަނީ އެ ކޮމިޓީގެ އެންމެހާ މެމްބަރުންގެ ފަރާތުން އަންހެނުންގެ ދުވަހުގެ ތަހުނިޔާ އެންމެހާ ކަނބަލުންނަށާއި ޙާއްޞަކޮށް ތުޅާދޫގައި ދިރިއުޅޭ އެންމެހާ ކަނބަލުންނަށް އަރިސް ކޮށްފައެވެ.



