އޮފީސްތަކަށް ނުގޮސް އޮންލައިންކޮށް އައިޑީކާޑު ހެއްދޭގޮތް ހަދައިފި

އޮފީސްތަކަށް ނުގޮސް އޮންލައިންކޮށް އައިޑީކާޑު ހެއްދޭގޮތް ހަދައިފި

Share on twitter
Share on telegram

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހައްދަން ބޭނުންވާ ފަރާތްތަކުން ދައުލަތުގެ އެއްވެސް އޮފީހަކަށް ނުގޮސް އޮންލައިންކޮށް އެކަމަށް އެދެވޭގޮތް ހަދައިފިއެވެ.

ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަނުން ކައުންސިލްތަކަށް ފޮނުވާފައިވާ ސާކިއުލަރއެއްގައި ބުނެފައިވަނީ، އައިޑީކާޑު ހެއްދުމުގެ ހިދުމަތް އޮންލައިން ކުރުމަށްޓަކައި މިހާރު ތައްޔާރު ކޮށްފައިވާ ކަމަށެވެ.

އެގޮތުން، ޑީއެންއާރުގެ ވެބްސައިޓް މެދުވެރިކޮށް ޕޯޓަލްއަށް ވަނުމުން ކޮންމެ މީހަކަށް ވެސް އެމީހެއްގެ އައިޑީކާޑު އަދި އޭނާގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކުގެވެސް ކާޑު ހެއްދުމަށް އޮންލައިންކޮށް އެދެވޭނެކަމަށް ޑީއެންއާރުން ބުނެއެވެ.

މި ހިދުމަތާއިއެކު ކާޑު ހެއްދުމަށް އޮފީސްތަކާއި ރަށްރަށުގެ ކައުންސިލް އިދާރާތަކުން ދެން ދާން ނުޖެހޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ އިތުރުން ވެސް، ޕޯޓަލް މެދުވެރިކޮށް ހުށަހަޅާއިރު އިތުރު ފޯމެއްވެސް ފުރަން ނުޖެހޭނެ ކަމަށާއި ކާޑު ނަގަން ބޭނުންވާ ރަށްވެސް ޕޯޓަލްއިން ސެލެކްޓް ކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ. ކާޑުތައް ދޫކުރާނީ ޑީއެންއާރުގެ އިތުރުން (ކަލެކްޝަން ސެންޓަރު) ކައުންސިލްތަކުންނެވެ.

ޑީއެންއާރުން ބުނީ، މި ހިދުމަތް ފެށުމާއިއެކު ރަށްރަށުގެ ކައުންސިލްތަކުން މިކަމާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ތަފާތުވާނެ ކަމަށާއި ދެން ކުރަންޖެހޭނީ، ފިންގަރޕްރިންޓް އަދި ސޮއި ނަގަންޖެހިއްޖެ ހާލަތެއްގައި އެކަމަށް އެދޭ މީހާއަށް އެ ހިދުމަތް ދިނުންކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް ކާޑަށް އެދެން ޖެހޭނީ ޕޯޓަލް އިން ކަމަށާއި ކައުންސިލްތަކުންވެސް ކާޑު ހެއްދުމުގެ މަސައްކަތް ނުކުރާނެ ކަމަށް ޑީއެންއާރުން ބުނެއެވެ.

އައިޑީކާޑު ހެއްދުން އޮންލައިން ކޮށްފައި މިވަނީ އެންސީއައިޓީގެ ފަރާތުން ޑިޖިޓަލް އައިޑީކާޑު ތައާރަފުކުރަން ތައްޔާރުވަމުން ދަނިކޮށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.