ބ.ތުޅާދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް - ފޮޓޯ: އަޙުސަމް ޔޫސުފް

100 ހައުސިންގ ޔުނިޓްގެ މައްސަލަ: ކައުންސިލުން އިތުރު މަޝްވަރާތަކަކަށް

100 ހައުސިންގ ޔުނިޓްގެ މައްސަލަ: ކައުންސިލުން އިތުރު މަޝްވަރާތަކަކަށް

Share on twitter
Share on telegram

ބ.ތުޅާދޫގައި އިމާރާތް ކުރަމުންދާ 100 ހައުސިންގ ޔުނިޓްގެ މައްސަލައިގައި ތުޅާދޫ ކައުންސިލުން އިތުރު މަޝްވަރާތަކެއް ކުރުމަށް ނިންމައިފިއެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ބ.ތުޅާދޫގައި ޢިމާރާތްކުރާ 100 ހައުސިންގ ޔުނިޓް ދޫކުރުމުގެ އުޞޫލުގައި މައްސަލަ އުޅޭނަމަ އަދި އެ މައްސަލައަކީ އިޢުލާން ބާޠިލްކުރާ ފަދަ އުޒުރެއް ކަމުގައިވާނަމަ، ތުޅާދޫ ކައުންސިލާއި ހައުސިންގ ޔުނިޓް ދޫކުރުމަށް އެކުލަވާލާފައިވާ ވިލަރެސް ކޮމިޓީގެ މަޝްވަރާގެ މަތިން ކުރިޔަށް ގެންދިއުމަށް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އިން ވަނީ ތުޅާދޫ ކައުންސިލަށް އަންގާފައެވެ.

މި މައްސަލައާއި ގުޅިގެން މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 115 ވަނަ ޢާއްމު ޖަލްސާއިން ނިންމާފައި ވަނީ ވިލަރެސް ކޮމިޓީ އާއިއެކު ކައުންސިލުން ބައްދަލުކޮށް، ސާފުކުރަން ބޭނުންވާ މަޢުލޫމާތު ސާފުކުރުމަށްފަހު ތުޅާދޫ ކައުންސިލާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އާއިއެކު ބައްދަލުވުމެއް ބޭއްވުމަށެވެ.

މީގެ އިތުރުން މިނިސްޓްރީ އާއިއެކު ބާއްވާ ބައްދަލުވުމަށްފަހު، މި މައްސަލާގައި ޤާނޫނީ ލަފާ ހޯދައި އެހެން ޖަލްސާއަކަށް އަލުން މި މައްސަލަ އެޖެންޑާ ކުރުމަށް ފެންނަކަމަށްވެސް ކައުންސިލަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން ކައުންސިލުން ބޭއްވި މި ޖަލްސާގައި ކައުންސިލްގެ ގިނަ މެންބަރުން ވަނީ ހައުސިންގ ޔުނިޓްގެ ކަންކަމުގައި ވިލަރެސް ކޮމިޓީން ޢަމަލުކުރާ ގޮތަށް ފާޑުވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ވިލަރެސް ކޮމިޓީން ހައުސިންގ ޔުނިޓްތަކާއި ގުޅިގެން ކުރެވެމުންދިޔަ މަސައްކަތްތައް ކައުންސިލަށް ޙިއްޞާ ކުރުމަށް މިހާތަނަށް އެއްވެސް ބައްދަލުވުމެއް ބާއްވާފައި ނުވާކަމުގެ ކަންބޮޑުވުމާއި ވިލަރެސް ކޮމިޓީގެ ބައްދަލުވުންތައް ކޯރަމް ހަމަނުވަނީސް ކުރިޔަށް ގެންދާކަމުގެ ޝަކުވާ އާއި ހައުސިންގ ޔުނިޓްތަކަށް އެދި ރައްޔިތުން ހުށަހަޅަހަޅާފައިވާ ފޯމްތަކުގެ ތެރެއިން މިހާތަނަށް އިވެލުއޭޓް ކޮށްފައިވަނީ 100 އެއްހާ ފޯމުކަމަށާއި، ބާކީތިބި 600 އެއް ރައްޔިތުންގެ ފޯމްތައް އިވެލުއޭޓް ނުކޮށް ފްލެޓް ދޫކުރުން އަވަސްއަރުވާލައިގެން ކުރިޔަށް ގެންދާ ކަމުގެ ޝަކުވާގެ އިތުރުން ރައްޔިތުން ހުށަހަޅާފައިވާ ފޯމުތައް ކައުންސިލުގެ އިދާރީ މުވައްޒަފުންގެ ބެލުމުގެ ދަށުގައި ނުބަހައްޓާއި ވަކިވަކި ކައުންސިލަރުންގެ އަތްފުޅުގައި ބަހައްޓައި ކޯރަމް ހަމަނުކޮށް ވިލަރެސް ކޮމިޓީގައި ހިމެނޭ ކައުންސިލަރުންނަށް ފެންނަ ގޮތަކަށް މާރކްސް ދޭކަމުގެ ކަންބޮޑުވުންތައްވެސް ކައުންސިލަރުން ވަނީ ފާޅު ކޮށްފައެވެ.

ހައުސިންގ ޔުނިޓްތަކުގެ އުޞޫލަށް ބަދަލު ގެންނަނަމަ، އެންމެ ރަނގަޅުގޮތަކީ ކުރިން ކޮށްފައިވާ އިޢުލާނާއި، އެ އިޢުލާނާއި ގުޅިގެން ލިބިފައިވާ ފޯމްތަށް ބާޠިލްކޮށް އަލުން އިޢުލާން ކުރުން ކަމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓަރަކްޗަރ އިން ވަނީ ތުޅާދޫ ކައުންސިލަށް އަންގާފައެވެ.

 

 

ހިޔާލުފާޅު ކުރައްވާ!

One Response

  1. ތިނަށް ވަދެ ތި ތިބީ ރައްޔިތުންގެ މަސްލަހަތަށްވުރެ އަމިއްލަ މަސްލަހަތު އިސްކޮށް ކަންތަށް ކުރަން ބޭނުން ވެގެންތޯ؟

Leave a Reply

Your email address will not be published.