ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
ރައީސް އެންޓޯނިއޯ އާއި ބައްދަލު ކުރައްވާފައިވަނީ އެމަނިކުފާނު ތިން ގައުމަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ގަތަރުގެ ވެރިރަށް ދޯހާގައެވެ.
މިބައްދަލުވުމުގައި ރާއްޖޭގެ ތަރައްގީއަށް ކުރާ މަސައްކަތުގައި އދ އާއި އދ. ގެ އޭޖެންސީތަކުގެ އެހީތެރިކަމާއި ދައުރާ ބެހޭ ގޮތުގައި ރައީސް އާއި އެންޓޯނިއޯ ވަނީ ވާހަކަފުޅު ދައްކުވާފައެވެ.
ގަތަރަށް ވަޑައިގެން ޔުނައިޑެޓް ނޭޝަންގެ ފަސް ވަނަ ކޮންފަރެންސްގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ. މި ފަހަރުގެ ކޮންޕަރެންސް ކުރިއަށް ގެންދަނީ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކާއި ގުޅޭގޮތުންނެވެ.
އެއަށް ފަހު ރައީސް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ސާބިޔާއަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެ ގައުމަށް ވަޑައިގެން ސާބިޔާގެ ސަރުކާރާއިރު އެއްބަސްވުންތަކެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ރައީސްގެ ދަތުރުފުޅުގައި އެންމެ ފަހުން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޖަރުމަނު ވިލާތަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެ ގައުމަށް ކުރައްވާ ދަތުރުފުޅުގައި ޖަރުމަނުގެ ރައީސް ފްރޭންކް ވޯލްޓާ ސްޓެއިންމިއާއާ ބައްދަލު ކުރައްވާނެއެވެ. އަދި ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.



