ބ.ތުޅާދޫގައި ބިނާކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒަށް “ޝަހީދު ހުސައިން އާދަމް” ގެ ނަމުން ނަންދިނުމަށް ތުޅާދޫ ކައުންސިލުން ނިންމާފައިވާކަމަށް، 1444 ވަނައަހަރުގެ ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ތުޅާދޫ ކައުންސިލްގެ ނައިބް ރައީސް މުޙައްމަދު އަލިމަނިކު އިޢުލާން ކުރައްވައިފިއެވެ.
ނައިބް ރައީސް މުޙައްމަދު ޢަލިމަނިކު ވިދާޅުވީ، އެ ޖަލްސާގައި އެމަނިކުފާނަށް ހަވާލުކޮށްފައިވާ ޒިންމާއަކީ، ތުޅާދޫ ކައުންސިލްގެ 116 ވަނަ އާންމު ޖަލްސާއިން ނިންމާފައިވާ ނިންމުން އާންމު ކުރެއްވުން ކަމަށެވެ. އެގޮތުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން ނައިބް ވިދާޅުވީ ތުޅާދޫގައި އެޅުމަށް ހަމަޖެހިފައިވާ ޕޮލިސް ސްޓޭޝަންގެ ޢިމާރާތަށް “ޝަހީދު ހުސައިން އާދަމް” ގެ ނަމުން ނަން ދިނުމަށް 2023 ފެބްރުއަރީ 19 ވަނަ ދުވަހު ބޭއްވި ތުޅާދޫ ރަށުކައުންސިލްގެ 04 ވަނަ ދައުރުގެ 116 ވަނަ އާންމު ޖަލްސާއިން ތުޅާދޫ ކައުންސިލްގެ އެންމެހާ މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައިވާ ކަމަށެވެ.
ތުޅާދޫގައި ސަރުކާރުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ފުލުހުންގެ މަރުކަޒަށް 3 ނޮވެމްބަރު 1988 ގެ ޢުދްވާނީ ޙަމަލާގައި ޝަހީދުވި ތުޅާދޫ މަބުސްތާނުގެ “ޙުސައިން މުހައްމަދު”ގެ ނަމުން ނަން ދިނުމަށް ތުޅާދޫގެ ރައްޔިތުންގެ ތެރެއިން ގިނައަދަދެއްގެ ބަޔަކުވަނީ ތުޅާދޫ ކައުންސިލްގައި އެދިފައެވެ. ނަމަވެސް މިއަހަރުގެ ޝަހީދުންގެ ދުވަހުގެ ޖަލްސާގައި ކައުންސިލްގެ ނައިބްރައީސް ޢިއުލާން ކުރައްވާފައިވަނީ ދިވެހި ފުލުހުންގެ މައިމަރުކަޒު “ޝަހީދު ޙުސައިން އާދަމް ބިލްޑިންގ” ގެ ނަން ފާހަގަކުރައްވައި ތުޅާދޫގައި އަޅާ ފުލުހުންގެ މަރުކަޒުގެ ނަމަކީވެސް ހދ. ކުޅުދުއްފުއްޓަށް ނިސްބަތްވެ ވަޑައިގަންނަވާ، ހިތްވަރުގަދަ ޤައުމީ ބަޠަލް “ޝަހީދު ޙުސައިން އާދަމް”ގެ ނަން ކަމުގައި ކަނޑައެޅުމަށް 19 ފެބްރުއަރީ 2023 ގައި ބޭއްވި ތުޅާދޫ ކައުންސިލްގެ އާންމު ޖަލްސާއިން ނިންމަވާފައިވާ ކަމަށެވެ.
ޝަހީދުންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ކައުންސިލަރުންގެ ފަރާތުން، ކައުންސިލްގެ 116 ވަނަ އާންމު ޖަލްސާގައި ނިންމާފައިވާ ކަންކަން އިޢުލާންކުރެއްވުމުގެ ޒިންމާ ހަވާލު ކުރައްވާފައި ވީނަމަވެސް ރަސްމީ މިފަދަ ޖަލްސާއެއްގައި ދުވަހާއި ނުގުޅޭ ގިނަ ވާހަކަ ތަކެއްގެ އިތުރުން އަމިއްލަ އާއިލީ ޒާތީ ވާހަކަތަކެއް ނައިބް ވަނީ ރަސްމީ މި ޖަލްސާގައި ހިއްސާ ކުރައްވާފައެވެ.




One Response
ފިތުނަ އުފެއްދުން ހުއްޓާލާފަ ރަށުތެރޭން އެހެން ކަމަކާ އުޅެބަލަ. ތިވާހަކަ އަޑުއަހާނެ މީހަކު ނެތް