ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން - ފޮޓޯ: ރާއްޖެ ޓީވީ

މާގަދައަށް ރިއެކްޓް ކުރުމުން ވެއްޓެނީ ވެރިކަން – ހިސާން

މާގަދައަށް ރިއެކްޓް ކުރުމުން ވެއްޓެނީ ވެރިކަން – ހިސާން

Share on twitter
Share on telegram

މާ ގަދައަށް “ރިއެކްޓް” ކުރުމުން ބައެއް ފަހަރު ވެރިކަން ވެއްޓެނީ ކަމަށް ވިދާޅުވެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ރޭ ފާޑުވިދާޅުވެއްޖެއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަންކަމުގައި ރިއެކްޓް ނުކުރައްވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ގެންދަވަނީ ސަރުކާރަށް ފާޑުވިދާޅުވަމުނެނެވެ.

ނ.ވެލިދޫގައި ރޭ ބޭއްވި “އިބޫ 2023” ޖަލްސާގައި ހިސާން ވިދާޅުވީ ގައުމެއްގެ ވެރިއަކު ކުއްލި ކުއްލިއަށް ރިއެކްޓް ކުރުމަކީ މާގަދަ ކަމެއް ނޫން ކަމަށާއި މާއަވަހަށް އަދި މާބޮޑަށް ރިއެކްޓް ކުރުމުން ނިކުންނަ ނަތީޖާ އެހާ “ސަޅި” ނޫން ކަމަށެވެ.

އެގޮތުން ބައެއް ފަހަރު މާ ބޮޑަށް ރިއެކްޓް ކުރުމުން ރިޔާސީ ދައުރެއްގައި ތިން ނައިބު ރައީސުން އައްޔަން ކުރަންޖެހޭ ހާލަތުވެސް އަންނަ ކަމަށް ހިސާން ވިދާޅުވި އެވެ.

“އަނެއްބައި ފަހަރު މާ ގަދައަށް ރިއެކްޓް ކުރެއްވީމަ ވެރިކަން އެބަ ވެއްޓިގެންދޭ، އަނެއް ބައި ފަހަރު ކުއްލި ނުރައްކާގެ ހާލަތު އިއުލާންކޮށްގެން ނޫނީ ވެރިކަން ނުއެއް ދެމެހެއްޓޭ، ބައެއް ފަހަރު ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން އެތާ ތިއްބަވާ ފަނޑިޔާރުން ދަމާ ކޫތާ ނެރެން އެބަޖެހޭ.” ހިސާން ވިދާޅުވި އެވެ.

މާގަދައަށް ރިއެކްޓް ކުރުމުން ވެރިކަން ވެއްޓޭ ކަމަށް ވިދާޅުވެ ނަޝީދަށް ހިސާން ފާޑުވިދާޅުވިއިރު 2012 ވަނަ އަހަރު ނަޝީދުގެ ވެރިކަން ވެއްޓުނުއިރު ނަޝީދަށް ގާނޫނީ ލަފާ އަރުވަން އެމަނިކުފާނުގެ ލީގަލް ސެކެޓްރީގެ މަގާމުގައި ހުންނެވީ ހިސާން އެވެ. ނަޝީދުގެ އިސްތިއުފާގެ ސިޓީ ވެސް އެމަނިކުފާނު ހަވާލު ކުރެއްވީ ހިސާން އާއިއެވެ.

ހިސާން މިރޭ ވިދާޅުވީ މިފަދަ ރިއެކްޝަންތަކުގެ ނަތީޖާ އަކީ ރައްޔިތުން މަގުމަތިވުން ކަމަށާއި ރައްޔިތުން ޖެހެނީ މަގުމަތީގައި ގަނަތެޅެން ކަމަށެވެ. އެގޮތުން ފާއިތުވި ހަތް އަހަރު އޭނާގެ ދުވަސް ފެށެނީ ވެސް ހައްޔަރީންގެ ލިސްޓުން ކަމަށާއި ނަމަވެސް ރައީސް ސޯލިހު ފާއިތުވި ހަތަރު އަހަރު ދުވަހު ހިތްފަސޭހަކަން ހޯދާދީފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ.

“މި ޕާޓީގެ މެމްބަރުން އަލުން އަނބުރާ މަގުމައްޗަށް ދާން ބޭނުމެއް ނޫން. މި ޕާޓީގެ މެމްބަރުން އެތައް ގުރުބާނީއެއް ވެއްޖެ މަގުމަތީގައި. މިއަދު ހަމަޖެހިގެން ހިންދަމާލައިގެން ދިރިއުޅެވެން އޮތް ދުވަހު އަލުން އަނބުރާ ގައުމު ހަލަބޮލިކޮށް އަލުން އަނބުރާ ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ވަންނާކަށް ބޭނުމެއް ނޫން.” ހިސާން ވިދާޅުވި އެވެ.

ހިސާން އަކީ ކުރިން ނަޝީދުގެ ވަރަށް އަރިސް މެންބަރެއްގެ ގޮތުގައި ފާހަގަ ކުރެވުނު ބޭފުޅެކެވެ. ނަމަވެސް ފަހަކަށް އައިސް އޭނާ މަސައްކަތް ކުރަނީ ރައީސް ސޯލިހަށް ތާއިދުކުރާ މެންބަރުންނާއިއެކުއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.