ދިވެހިންނާ ކުރިމަތިލާން ޖެހުނު އާ އަހަރާ އެކު، ބޮޑު ޓެކުހެއް ދައްޖަން ޖެހި ގޮންޖެހުންތަކާ ދިމާވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެއެވެ.
އަދި ބޮޑު ކުރި ޓެކުހާ އެކީގައި އިންފްލޭޝަން މައްޗަށް ގޮސް ތަކެތީގެ އަގު ވެސް ބޮޑުވާނެ އަހަރަކަށް މި އަހަރު ވެގެން ދާނެ ކަމުގައި ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވެރިކަމެއްގައި ރައްޔިތުން އަތުން ނަގާ ޓެކްސް ކުޑަ ކުރައްވާނެ ކަމަށް ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދު މީގެ ދުވަސްކޮޅެއް ކުރިން ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުން ނަޝީދު ވިދާޅުވީ މުސޫމީ ބަދަލުތަކާ އެކީ ކުރިމަތިވާ މައްސަލަތައް ބޮޑުވަމުން ދިޔަ ނަމަވެސް ރަނގަޅު މިސްރާބަކަށް ކަންކަން ދާނެކަމުގެ އުންމީދު އޮތް ކަމަށެވެ.
ތަކެތީގެ އަގުތައް ބޮޑުވެގެން ގޮސްފައި ވަނީ ޖީއެސްޓީއަށް އައި ބަދަލާ އެކުގައެވެ. މީގެ ކުރިން ޖީއެސްޓީގެ ގޮތުގައި ނަގަމުން ގޮސްފައި ވަނީ %6 އެވެ. އަދި ޓޫރިޒަމް ޓެކްސް ނަގަމުން ގޮސްފައި ވަނީ %12ގައެވެ. ނަމަވެސް ރޭ 12 އިން ފެށިގެން މުދަލާއި، ހިދުމަތުގެ އަގަށް މި ވަނީ ބަދަލު އައިސްފައެވެ.
އެގޮތުން ޓޫރިޒަމް ދާއިރާގެ ޓީޖީސެސްޓީ ރޭޓް %16 އަށް އަދި އެހެން ދާއިރާތަކުގެ ޖީއެސްޓީ %8 އަށް މި ވަނީ ބަދަލުވެފައެވެ. މިއާއެކު ފިހާރަތަކުން ވިއްކާ ތަކެތީގެ އަގު މިހާރަށްވުރެ އިތުރަށް ބޮޑުވެގެން ދާނެއެެވެ. އެއީ ޖީއެސްޓީއަށް އިތުރުވި %2 އާ އެކުގައެވެ.
ހަނޑޫ، ހަކުރު، ފުށް، ލޮނު، ކިރު، ކައްކާ ތެޔޮ، ބިސް، ސައިފަތް، ކަނޑުގެ މަހާއި، ފަރުމަހާއި، ރައްޖޭގައި ޕެކްކޮށްފައި ހުންނަ ހުރިހާ ބާވަތެއްގެ މަހާއި، ރިހާކުރު، އާފަލު، ފިޔާ، ކެރެޓް، ކެބެޖް، ޓޮމާޓޯ ފަދަ ތަރުކާރީގެ ބާވަތްތަކާއި، ހުރިހާ ބާވަތެއްގެ މޭވާ، ތުއްްތު ކުދިންގެ ޑައިޕަރސް، ތުއްތު ކުދިންގެ ކާނާ،ކައްކާ ގޭސް، ޑީސަލް، ޕެޓްރޯލް ބޮޑެތި މީހުންގެ ޑައިޕަރސް ފަދަ ބާވާތްތަކުން ޓެކުހެއް ނުނަގައެވެ. އެހެންވެ، މި ތަކެތީގެ އަގަށް އެއްވެސް ބަދަލެއް ނާންނާނެއެވެ.
ފަތުރުވެރިކަމާއި އާންމު މުދާތަކުން ނަގާ ޖީއެސްޓީ ބޮޑުކުރަން ނިންމީ ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށެވެ. އެގޮތުން މި ބޮޑު ކުރުމާއެކު އިތުރު 3.6 ބިލިއަން ރުފިޔާ އިތުރުވާނެ ކަަމަށް 2023 އަށް ލަފާކުރާ ބަޖެޓުގައި އަންދާޒާކޮށްފައިވެއެވެ.



