ފޯޅަވައްސަކީ މޮރިޝަސްގެ ބައެއް ކަމަށާއި އެކަން ދިވެހި ސަރުކާރުން ގަބޫލުކުރުމަކީ ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލުމަށް ސަރުކާރުން އެއްބަސްވުން ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގުވާމީ ކަނޑުތަކާއި ބެހޭ ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ އަޑުއެހުންތަކުގައި ޗާގޮސްގެ ރަށްތައް އިނގިރޭސި ވިލާތުން މޮރިޝަސްއާ ހަވާލުކުރަން އދ. އިން ނިންމި ނިންމުމަށް ވޯޓު ދޭނެ ކަމަށް ރާއްޖެއިން ވަނީ ހާމަކޮށްފަ އެވެ. އެހެންނަމަވެސް މިގޮތަށް ނިމިއްޖެނަމަ ރާއްޖޭގެ ދެކުނުން އޮންނަ ބޮޑު ކަނޑުގެ ސަރަހައްދެއްގެ މިލްކުވެރިކަން މޮރިޝަސްއަށް ލިބޭނެ އެވެ.
މިކަމަށް ފާޑުކިޔުން އަމާޒުވެފައިވާ ދުވަސްވަރެއްގައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ހިސާން ވިދާޅުވީ ކޯޓުގައި ކުރިއަށް މިދަނީ އިސްތިއުމާރުކޮށްގެން ލިބި ބަޔަކު މިނިވަން ކުރުމުގެ މައްސަލަ ކަމަށެވެ. މޮރިޝަސް މިނިވަންވެގެން ދިޔައިރު އިނގިރޭސިން ޗާގޯސް އައިލެންޑްސް ނުވަތަ ފޯޅަވަހީގެ މައްޗަށް ކޮލޮނައިޒޭޝަންގެ ބާރު ހިންގަންވެގެން އެ ނިންމި ނިންމުމަކީ މިއަދު އައިސީޖޭ އިން އެބުނާ ގޮތުން ރަނގަޅު ނިންމުމެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.
“އިސްތިއުމާރަކީ އަޅުގަނޑުމެން އިންސާނެއްގެ ހައިސިއްޔަތުން އެކަމަށް ދެކޮޅުހަދަން ޖެހޭ ކަމެއް. ގައުމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ދެކޮޅު ހަދަންޖެހޭ ކަމެއް.”
– މެމްބަރު ހިސާން ހުސައިން
ހިސާން ވިދާޅުވީ ރާއްޖެއިން ބާރު އަޅަނީ ކުރިންވެސް އޮތް ގޮތަށް ފޯޅަވަހީގެ މިލްކުވެރިކަން މޮރިޝަސްއަށް ދިނުމަށެވެ. އަދި ރާއްޖޭގެ އިން ވަކިކުރުމުގެ މައްސަލަ އަކީ މުޅިން އެހެން މައްސަލައެއް ކަމަށާއި ބައެއް ބޭފުޅުން އެނޫން ގޮތަކަށް މިހާރު ވާހަކަ ދައްކަމުން ދަނީ ކަން އޮތް ގޮތް އޮޅުވާލުމުގެ ބޭނުމުގައި ކަމަށް ހިސާން ވިދާޅުވި އެވެ.
ހިސާން މިފަދައިން ވިދާޅުވި ނަމަވެސް މޮރިޝަސްއިން ހުށަހަޅާފައިވާ ކަންކަމުގެ ތެރޭގައި ރާއްޖޭގެ އިގްތިސޯދީ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ހިމަނާފައިވާ 96،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ހަމަހަމަ އުސޫލުން މޮރިޝަސްއަށް ހޯދުން ހިމެނެ އެވެ. އެހެންކަމުން ޓްރައިބިއުނަލްގައި މޮރިޝަސްއާއި އެއްކޮޅަށް މައްސަލަ ނިމިއްޖެނަމަ ރާއްޖެއިން ބައެއް ގެއްލިގެން ހިނގައިދާނެ އެވެ.
މިއަދު މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ފޯޅަވައްސަކީ ރާއްޖޭގެ ބައެއް ކަމަށެވެ. އެހެންކަމުން އިނގިރޭސިވިލާތުގެ އިސްތިއުމާރުން އެތަން މިނިވަން ވާނަމަ އެތަނުގެ މިލްކުވެރިކަން ލިބެންވާނީ ރާއްޖެއަށް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވ އެވެ. މަޖިލީހުގައި ވާހަކަދެއްކެވި ގިނަ މެމްބަރުންވެސް ވާހަކަ ދެއްކެވީ މިމޭރުމުންނެވެ.



