މުދައްރިސުންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން - ފޮޓޯ: ތުޅާދޫ ސްކޫލް ފޭސްބްކް

މުދައްރިސުންގެ ދުވަސް

މުދައްރިސުންގެ ދުވަސް

Share on twitter
Share on telegram

މިއަދު އޮކްޓޫބަރ 05 ކީ ބައިނަލަޤުވާމީ މުދައްރިސުންގެ ދުވަހެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ތައުލީމަށް މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް މުދައްރިސުން ދުވަހުގެ މުނާސަބަތުގައި ފަށްފަށުން ޝުކުރު ދަންނަވާ ހާލު މަރުހަބާ އާއި ތަހުނިޔާ ކިޔަމެވެ.

އަޅުގަނޑުމެންނަށް ޢިލްމު އުނގަންނާދޭ ކޮންމެ މީހަކީ މުދައްރިސެކެވެ. އެދުރެކެވެ. މުރައްބީއެކެވެ. ޓީޗަރެކެވެ. އުސްތާޛެކެވެ. މީން ކޮންމެ ނަމެއް އަޅުގަނޑުމެން ކިޔަސް، ޢިލްމު އުނގަންނާދޭ ކޮންމެ މީހަކީ ހަމަ އެއްބަޔެކެވެ.
މިފަދަ ދަނޑިވަޅެއްގައި އަޅުގަނޑަށް މިހާ ހިސާބަށް ކިޔަވާދެއްވާފައިވާ އެންމެހާ ފަރާތްތަކަށް އެކޮށްދެއްވި އަގުހުރި މަސައްކަތުގެ އަގުވަޒަން ކޮށް ޝުކުރު ދަންނަވަމެވެ.

އަޅުގަނޑު އުސްތާޛުން ނުވަތަ މުދައްރިސުން ސިފަކުރަނީ، އެމުޖުތަމަޢުއެއްގެ އެންމެ ޢިއްޒަތްތެރި ފަރާތްތަކުގެ ގޮތުގައެވެ. އަދި އެއީ ގައުމަށާއި މުޖުތަމައުއަށް ވަރަށް ފައިދާހުރި މަސައްކަތެއް ކުރަމުން އަންނަ ބައެއްގެ ގޮތުގައެވެ. މީގެ އިތުރުން ގަޢުމެއް ރަނގަޅު ގޮތުގައި ބިނާކުރުން އޮތީ އުސްތާޛުންގެ އަތްމަތީގައެވެ. ސަބަބަކީ ގަޢުމުގެ ހުންގާނާ ހަވާލުވާ މާލިމީންނާއި، އެމާލިމީގެ ދަށުން މަސައްކަތް ކުރަމުންދާ ފަޅުވެރިންނަށް އެހުނަރާއި ޢިލްމު ދަސްކޮށްދޭ ހަޤީގީ ފަރާތަކީ މުދައްރިސުންނެވެ. ނުވަތަ އުސްތާޛުންނެވެ. ކަންމިހެން ހުރުމާއި އެކު މިފަދަ ދުވަހެއް އަޅުގަނޑުމެންގެ ތެރޭގައި ފާހަގަ ކުރުމަކީ ވަރަށް ބޭނުންތެރިކަމަކެވެ. އަދި އެހުރިހާ ފަރާތްތަކެއްގެ އަގުވަޒަން ކޮށް ޝުކުރު ދަންނަވާލަން ލިބޭ ވަރަށް ރަނގަޅު ފުރުޞަތެކެވެ.

މާތްﷲ ބާވާލެއްވި އެންމެ ފުރަތަމަ އާޔަތުންވެސް ﷲ ވަނީ އުނގެނުމަށް ގޮވާލައްވާފައެވެ. އަދި މާތްވެގެންވާ އިސްލާމްދީންވަނީ، އުނގަންނާ ދިނުމަށްވެސް ބާރުއަޅުއްވާފައެވެ. އިސްލާމްދީން ބާރު އަޅަނީ ހަމައެކަނި އިސްލާމީ ތަޢުލީމު އުނގެނުމަކަށް ނޫނެވެ. އެހެންނަމަވެސް އިންސާނިޔަތަށް ފައިދާހުރި ކޮންމެ ޢިލްމެއް އުނގެނުމަށް ބާރު އަޅުއްވާފައިވެއެވެ. އެހެންކަމުން މިފަދަ ދުވަހެއް ފާހަގަކުރާއިރު، އިންސާނިއްޔަތައް ފައިދާހުރި ކޮންމެ ޢިލްމެއް އުނގަންނާ ދޭ މީހެއްގެ އަގުވަޒަން ކުރުމަކީ ވަރަށް މުހިންމުކަމެވެ.

މިފަދަ ދުވަހެއް ފާހަގަ ކުރަމުންދާއިރު، އަޅުގަނޑުމެންގެ ތެރެއިން ފެންނަމުންދާ ބައެއް ޢަމަލުތަކަކީ ގަބޫލުކުރަން އުނދަގޫ އަމަލުތަކެކެވެ. ހާއްޞަކޮށް ޒުވާނުންގެ ފަރާތުން މިފަދަ ޢަމަލުތަކެއް ފެންނަމުންދާ ކަމީ ވަރަށްވެސް ހިތާމަ ހުރިކަމެކެވެ. އެއީތޯއެވެ. އުސްތާޛުންނަށް ނުވަތަ މުދައްރިސުންނަށް ދޭންޖެހޭ ފުރިހަމަ ޤަދަރުނުދިނުމެވެ. އެމީހުންނަށް ކުރަންވާ އިޙްތިރާމް އަދާނުކުރުމެވެ. މިއީ، އަޅުގަނޑުމެން ފަރުވާތެރިވާންވެއްޖެ ކަމެކެވެ. ތިމާމީހާ ކިތައްމެ މޮޅުވިޔަސް ނުވަތަ ކިތައްމެ މަތީ މަޤާމެއްގައި ހުރިކަމުގައިވިޔަސް، ތިމާ ތިހިސާބަށް ގޮސްފައި ތިވަނީ އެ އެދުރުންގެ އެހީތެރިކަމާއެކުގައެވެ. އިސްލާމްދީންވެސް ވަނީ އެމީހުންނަށް ދޭންވީ ފުރިހަމަ ޤަދަރާއި އިޙްތިރާމް ދިނުމަށް ބާރުއަޅުއްވާފައެވެ.

ހަޤީގަތުގައިވެސް ޒަމާނާއެކު ތަފާތު ކަންތައްތައް އީޖާދުވަމުން ދާނެއެވެ. އެހެންކަމުން އެކަންތައްތަކަށް އަހުލުވެރިވުމުގެ ފުރުޞަތު ނުލިބުމަކީ އެބުރަ މަސައްކަތް ތިމާމެނަށް ޓަކައި އުފިލި އެދުރުން ބާކީކޮށް އެމީހުންގެ އަބުރުނަގައިލާ، އެމީހުންނަށް އިޙްތިރާމް ނުކުރަންވީ ސަބަބެއް ނޫނެވެ. އެމީހުންނަށްވުރެ ތިމާ މޮޅުވުމަކީވެސް އަދި އެމީހުނަށް ދޭންޖެހޭ ގަދަރު ނުދެންވީ ސަބަބެއް ނޫނެވެ.

އަދި ދިވެހިރާއްޖޭގެ ތައުލީމަށް މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް ޓީޗަރުން ދުވަހުގެ މުނާސަބަތުގައި ފަށްފަށުން ޝުކުރު ދަންނަވާ ހާލު މަރުހަބާ އާއި ތަހުނިޔާ ކިޔަމެވެ.  އަޅުގަނޑުގެ ދުޢާއަކީ މުދައްރިސުންނަށް، އަދަށް ވުރެ ފަހި މާދަމައެއް ދެއްކެވުމެވެ. އާމީން!

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.