ބ.ތުޅާދޫ ގެއެއްގައި އަލިފާން ރޯވެ އަނދައިފިއެވެ.
މިއަދުގެ 11:30 ހާއިރު، އަލިފާން ރޯވެފައި ވަނީ ތުޅާދޫ “ގުލްޝަނީހިޔާ” ގޭގައެވެ.
ތުޅާދޫ އޮންލައިންއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެގޭގައި ދިރިއުޅެމުންދާ އެއްވެސް ފަރާތެއް އަލިފާނުގެ ހާދިސާ ހިނގި ވަގުތު އެގެޔަކު ނެތެވެ.

އަލިފާން ރޯވެފައި ވާކަން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ އެސަރަޙައްދުގައި ދިރިއުޅޭފަރާތެކެވެ. ގުލްޝަނީހިޔާގައި ރޯވި އަލިފާން 12:00 ހާއިރު ނިއްވާލާފައި ވަނީ ރަށުގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރި މަސައްކަތުންނެވެ.
އަލިފާން ރޯވި ގުލްޝަނީހިޔާގައި ހުރި އައިސްއަލަމާރީގައި އަލިފާން ހިފައި އެއްކޮށް އަނދާފައި ވާއިރު، ގޭގައި ގެންގުޅޭ އެހެނިހެން އާލާތްތަކާއި އެނދު، އަލަމާރި، ގޮދަނޑި ފަދަ ތަކެތި ބޭނުން ނުކުރެވޭ ވަރަށް ވަނީ އަނދާފައެވެ.

އަލިފާން ރޯވުމުގެ ސަބަބުން އެ ގެ ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު، ފާރުތައްވެސް ވަރަށް ބޮޑަށް ވަނީ ހަލާކުވެފައެވެ.
އަލިފާނުގެ މިހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން މިހާރު އަންނަނީ ތަހުގީގު ކުރަމުންނެވެ.



