ތުޅާދޫ ކައުންސިލްގެ ވަގުތީ އެސްޖީ، 3 ވަނަ ދައުރުގެ ކައުންސިލްމެމްބަރުންނާއިއެކު - ފޮޓޯ: ތުޅާދޫ ކައުންސިލް

ކައުންސިލްތަކުގެ އެސްޖީއިންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ކައުންސިލްތަކުގެ އެސްޖީއިންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Share on twitter
Share on telegram

ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ސިޓީ ކައުންސިލްގެ އިދާރާތަކަށާއި އަތޮޅު ކައުންސިލްގެ އިދާރާތަކަށް އަދި ރަށު ކައުންސިލްގެ އިދާރާތަކަށް ސެކްރެޓަރީ ޖެނެރަލުން އައްޔަންކުރުމުގެ ގޮތުން، އެ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ސިވިލް ސަރވިސް ކޮމިޝަނުން ޢާންމުކޮށް ހުޅުވާލައިފިއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ޢާންމުކޮށްފައިވާ ގޮތުން، ރަށު ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ބެޗެލަރސް ޑިގްރީއެއް އޮތުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ 4 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ނަމަ، މަޤާމުގެ ޝަރުޠު ހަމަވާނެއެވެ. ނުވަތަ މާސްޓަރސް ޑިގްރީއެއް އޮތުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ 2 އަހަރުދުވަހުގެ ތަޖުރިބާއާއެކު ވެސް މަޤާމުގެ ޝަރުޠު ހަމަވާނެއެވެ.

އަތޮޅު ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ބެޗެލަރސް ޑިގްރީއެއް އޮތުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ 6 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ނަމަ، ނުވަތަ މާސްޓަރސް ޑިގްރީއެއް މަޤާމުގެ މަސައްކަތާގުޅޭ 4 އަހަރުދުވަހުގެ ތަޖުރިބާއާއެކު ޝަރުޠު ހަމަވާނެއެވެ.

ސިޓީ ކައުންސިލްގެ އިދާރާގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ބެޗެލަރސް ޑިގްރީއެއް އޮތުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ 8 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ނަމަ، ނުވަތަ މާސްޓަރސް ޑިގްރީއެއް އޮތުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ 6 އަހަރުދުވަހުގެ ތަޖުރިބާއާއެކު ޝަރުޠު ހަމަވާނެއެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތާގުޅޭ ތަޖުރިބާގެ ގޮތުގައި، “އެޑްމިނިސްޓްރޭޝަން” އާ ގުޅޭ މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ހުށަހަޅާ މަސައްކަތުގެ ތަޖުރިބާގެ ލިޔުމުގައި، އެއްވެސް އިދާރީ މަސައްކަތެއް ކޮށްފައިވާ ކަމުގައި ބަޔާންކޮށްފައިވާ ނަމަ އެ ލިޔުން ގަބޫލުކުރެވޭނެ ކަމަށާއި، އެޑްމިނިސްޓްރޭޝަން މަސައްކަތުގެ ގޮތުގައި، ރިޕޯޓު ހެދުމާއި، ރެކޯޑު ބެލެހެއްޓުމާއި، ސިޓީ ލިޔުން ފަދަ ކަންތައްތައް ހިމެނޭނެ ކަމަށް އެ ކޮމިޝަނުން ހާމަކުރިއެވެ.

މެނޭޖްމަންޓާގުޅޭ މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި ހުށަހަޅާ މަސައްކަތުގެ ތަޖުރިބާގެ ލިޔުމުގައި، ހިންގުމުގެ އެއްވެސް މަސައްކަތެއް ކޮށްފައިވާ ކަމުގައި ބަޔާންކޮށްފައިވާ ނަމަ، އެ ލިޔުން ގަބޫލުކުރެވޭނެ ކަމަށާއި، ހިންގުމުގެ މަސައްކަތުގެ ތަޖުރިބާގެ ގޮތުގައި، އިދާރާއެއް ނުވަތަ އިދާރާއެއްގެ ޑިޕާޓްމަންޓެއް، ޑިވިޜަނެއް، ސެކްޝަނެއް، ޔުނިޓެއް ނުވަތަ އެ ތަނެއްގެ އޮނިގަނޑުގައި ހިމެނޭ އެފަދަ ބައެއް ހިންގާ ބެލެހެއްޓުމާއި، އެ ބައެއްގެ މަސައްކަތާ ގުޅޭ ކަންކަމުގައި ޖަވާބުދާރީވުމުގެ ޒިންމާއާ ވަގުތީ ގޮތުން ނުވަތަ ދާއިމީ ގޮތެއްގައި ޙަވާލުވެ ހުންނަ މުއްދަތުތައް ބަލާނެކަމުގައި ވެސް އެ ކޮމިޝަނުން އާންމުކުރިއެވެ.

މީގެއިތުރުން، ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މުސާރައަށް -/20500 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި -/15000 ރުފިޔާއާއެކު އެކުޖުމުލަ -/35500 ރުފިޔާ ލިބެއެވެ. އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މުސާރައަށް -/12130 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި -/8870 ރުފިޔާއާއެކު އެކުޖުމުލަ -/21000 ރުފިޔާ ލިބެއެވެ. އަދި ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މުސާރައަށް -/9300 ރުފިޔާ އަދި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި -/6800 ރުފިޔާއާއެކު އެކުޖުމުލަ -/16100 ރުފިޔާ ލިބެއެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ފުރިހަމަވާންޖެހޭ ޝަރުޠުތަކާއި، މަޤާމަށް ކަނޑައަޅާފައިވާ މުސާރައާއި އިނާޔަތްތަކާއި، މަޤާމަށް މީހަކު އައްޔަންކުރުމުގައި އަމަލުކުރަންޖެހޭ އުޞޫލުތަކާއި މިންގަނޑުތައް އެ ކޮމިޝަނުގެ ވެބްސައިޓުގައި ލިބެން ހުންނާނެކަމަށް ފާހަގަކުރިއެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމަށް ޝަރުޠު ހަމަވާ ފަރާތްތަކުން އިއްޔެއިން ފެށިގެން މިމަހުގެ 28 ވާ ހޯމަ ދުވަހުގެ 23:59 ގެ ކުރިން މަޤާގާމަށް އެދުމުގެ ފުރުޞަތުވަނީ ހުޅުވާލާފައެވެ.

ކޯވިޑް-19 ގެ މި ދަތި ހާލަތުގައި ވެސް، ފަސޭހަކަމާއެކު މި މަޤާމަށް އެދުމުގެ ފުރުޞަތު ތަނަވަސްކޮށްދިނުމުގެ ގޮތުން، އޮންލައިން ޕްލެޓްފޯމެއް އެ ކޮމިޝަނުންވަނީ ގާއިމުކޮށްފައެވެ. މި ގޮތުން މި މަޤާމަށް ކުރިމަތިލާން އެދޭ ފަރާތްތަކުން މަޤާމަށް އެދެންޖެހޭނީ އޮންލައިންކޮށް ސީ.އެސް. ވިއުގަ އޮންލައިން ޕޯޓަލްގެ ލިންކު މެދުވެރިކޮށްގެންނެވެ. އަދި މި ނޫން ގޮތަކަށް ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ކަމަށް ވެސް ކޮމިޝަނުން އާންމުކުރި އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން މަޤާމަށް އެންމެ ގާބިލް ފަރާތްތައް ހޮވުމަށް އެ ކޮމިޝަނުން ޢާންމުކޮށްފައިވާ ކްރައިޓީރިއާތަކުގެ ތެރެއިން، މަޤާމަށް މީހަކު އައްޔަންކުރެވިގެންދާނީ، ސިވިލް ސަރވިސް ކޮމިޝަން ޤާނޫނުގައިވާ ގޮތުގެ މަތިން އަދި ކައުންސިލްގެ ލަފާގެ މަތިން ކަމުގައި ވެސް އެ ކޮމިޝަނުން ޢާންމުކުރި އުޞޫލުގައި ބަޔާންކޮށްފައިވެއެވެ.

މި މަޤާމަށް ކުރިމަތިލުމަށް ޝައުގުވެރިކަން ހުރި ފަރާތްތަކުން ކޮމިޝަނުގެ މޯބައިލް ނަންބަރު 7207307 އަށް ގުޅުއްވުމުން ނުވަތަ މެސެޖްކުރެއްވުމުން މަޢުލޫމާތު ސާފުކޮށްދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި، ކޮމިޝަނުގެ އީމެއިލް [email protected] އަށް އީމެއިލްކުރެއްވުމުން ވެސް މަޢުލޫމާތު ސާފުކޮށްދިނުމުގެ އިންތިޒާމު ހަމަޖެހިފައިވާކަން ވެސް އެ ކޮމިޝަނުން ވަނީ ހާމަކޮށްފައިވެއެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަޤާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަޤާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.