ބ.ތުޅާދޫ ކައުންސިލަށް އަލަށް އިންތިޙާބް ކުރެވުނު ކައުންސިލަރުންގެ ތެރެއިން ނައިބްރައީސަކު އިންތިޙާބްކުރުން 3 ވަނަ ފަހަރަށް އެޖެންޑާ ކޮށްފިއެވެ.
މާދަމާ ބާއްވާ ތުޅާދޫ ކައުންސިލުގެ 4 ވަނަ ދައުރުގެ 11 ވަނަ އާއްމު ޖަލްސާއަށް ނައިބްރައީސް އިންތިޙާބް ކުރުން އެޖެންޑާ ކޮށްފައި ވާއިރު އެ މަޤާމަށް 2 ބޭފުޅަކު ކުރިމަތިލުމަށް ނިންމާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ތުޅާދޫ ކައުންސިލްގެ ނައިބްރައީސް ކަމަށް ކުރިމަތިލުމަށް ނިންމާފައި ވަނީ އެމް.ޑީ.ޕީ ގެ ޓިކެޓްގައި ކައުންސިލް އިންތިޙާބްގައި ވާދަކޮށް އިންތިޙާބް ކާމިޔާބް ކޮށްފައިވާ 2 ކައުންސިލަރުން ކަމުގައިވާ، ކައުންސިލަރ އަޙްމަދު އާދިލް އާއި ކައުންސިލަރ މުޙައްމަދު ޢަލިމަނިކް އެވެ.
ތުޅާދޫ ކައުންސިލުގެ ނައިބް ރައީސްގެ މަޤާމަށް މީގެ ކުރިން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކައުންސިލަރ ސުނާނާ އިދުރީސް މި އިންތިޙާބުގައި ވާދަ ނުކުރުމަށް ވަނީ ނިންމާފައެވެ.
ނައިބްރައީސްގެ މަޤާމަށް އެމް.ޑީ.ޕީގެ 2 ކައުންސިލަރަކު ވާދަކުރަން ނިންމާފައި ވާއިރު އެ ޕާޓީގެ އާންމު މެމްބަރުންގެ މެދުގައި ނައިބްރައީސް އިންތިޙާބްގެ ކެމްޕެއިން ފޯރި ވަނީ ގަދަވެފައެވެ.
މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީން އަންގައިގެން ކައުންސިލް ނައިބްރައީސްގެ މަޤާމަށް އެ ޕާޓީގެ ފަރާތުން އިންތިޙާބްގައި ވާދަކުރާނެ ކައުންސިލަރަކު ކަނޑައެޅުމަށް ތުޅާދޫގައި ބޭއްވި ބައްދަލުވުމުގައި އެ ޕާޓީގެ ފަރާތުން ނައިބްރައީސް ކަމަށް ވާދަ ކުރާނެ ފަރާތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ކައުންސިލަރ އަޙްމަދު އާދިލް އެވެ.
އެމްޑީޕީގެ ޓިކެޓްގައި ވާދަކޮށް ކައުންސިލް އިންތިޙާބް ކާމިޔާބް ކުރެއްވި ކައުންސިލަރ މުޙައްމަދު އަލިމަނިކް ވަނީ އެމް.ޑީ.ޕީގެ އެނިންމުމާ ހިލާފަށް ކައުންސިލް ނައިބްރައީސްގެ މަޤާމަށް ވާދަކުރުމަށް ނިންމާފައެވެ.
ތުޅާދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ރައީސަކަށް އިންތިޙާބް ވެފައި ވަނީ އަމިއްލަ ގޮތުން އިންތިޙާބްގައި ވާދަ ކޮށްފައިވާ ފަރާތެކެވެ. އަދި އެ ކައުންސިލްގައި ހިމެނޭ އިތުރު 6 މެމްބަރުންގެ ތެރެއިން އަމިއްލަ ގޮތުން ވާދަކޮށް އިންތިޙާބްވި މެމްބަރު ފިޔަވައި ދެން އިންތިޙާބް ވެފައިވާ ހުރިހާ މެމްބަރުންނަކީވެސް އެމް.ޑީ.ޕީ ޓިކެޓްގައި ކައުންސިލް އިންތިޙާބްގައި ވާދަކޮށް އިންތިޙާބް ކާމިޔާބް ކުރައްވާފައިވާ މެމްބަރުންނެވެ.




One Response
ކީއްވެގެންބާ އެޖެންޑާ ކޮށްކޮށްފާ ތިކަން ނުވެގެން އުޅެނީ؟ އެދުވަސްކަން އެގޭއިރަށް ބަޔަކު ހީކަރުވަނީތަ؟؟ ތިކަން އެމީހުންނަކަށް ނުވިއެއްނު. އެޖެންޑާ ކުރާއިރަށް އެބަ ބަލިވޭ ކޮންމެސް މީހަކު. މާދަމާ ކިހިނެއްބާ ވާނީ