ތުޅާދޫ ކައުންސިލް އިދާރާގެ ތެރެއިން ތައްޔާރުކޮށް އެޗްޕީއޭއަށް ފޮނުވާފައިވާ ކަމަށްބުނާ ފޯޖް ޑޮކިއުމަންޓް

ފޯޖް ޑޮކިއުމަންޓްގައި ބޭނުން ކޮށްފައިވާ ސޮއިއާއި ސްޓޭމްޕް އެއްގޮތް ޑޮކިއުމަންޓެއް ފެނިއްޖެ

ފޯޖް ޑޮކިއުމަންޓްގައި ބޭނުން ކޮށްފައިވާ ސޮއިއާއި ސްޓޭމްޕް އެއްގޮތް ޑޮކިއުމަންޓެއް ފެނިއްޖެ

Share on twitter
Share on telegram

ކަރަންޓީންވާން ނުޖެހޭ ގޮތަށް ރ. އަތޮޅު އިނގުރައިދޫން ބ.ތުޅާދޫއަށް ދަތުރު ކުރުމުގެ ހުއްދަ ހޯދުމަށް އެޗްޕީއޭ އަށް ފޮނުވާފައިވާ ފޯޖް ޑޮކިއުމަންޓްގައި ބޭނުން ކޮށްފައިވާ ސޮއިއާއި ސްޓޭމްޕް އެއްގޮތް ޑޮކިއުމަންޓެއް ކައުންސިލް އިދާރާގެ ތެރެއިން ފެނިފައިވާ ކަމަށް އެ މައްސަލަ ބެލުމަށް އެކުލަވާލި ކޮމިޓީގައި ހިމެނޭ މެމްބަރުން ވިދާޅު ވެއްޖެއެވެ.

ނަން ހާމަ ނުކުރުމަށް އެދި ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ހިއްސާކުރި މެމްބަރަކު ވިދާޅުވީ، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބެލުމަށް އެކުލަވާލި ކޮމިޓީން ހޯދިހޯދުންތަކަށް ބަލާއިރު، ފޯޖް ޑޮކިއުމަންޓްގައި ބޭނުންކޮށްފައިވާ ސޮއިއާއި ސްޓޭމްޕް އެ ކައުންސިލް އިދާރާގެ 67 ނަންބަރު ސިޓީގައި ބޭނުންކޮށްފައިވާ ސޮއިއާއި ސްޓޭމްޕާ އެއްވެސް ތަފާތެއް ނެތެވެ. އަދި ފޯޖް ކުރި ޑޮކިއުމަންޓްގައި ބޭނުންކޮށްފައިވާ ނަންބަރަކީ، ކައުންސިލް އިދާރާގައި ނަންބަރު ނަކަލުކުރުމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި ޚިލާފަށް ޖަހާފައިވާ ނަންބަރެއް ކަމަށްވެސް މެމްބަރު ފާހަގަ ކުރެއްވެވިއެވެ.

އިތުރަށް އެ މެމްބަރު ވިދާާޅުވީ، ދެ ޑޮކިއުމަންޓް އަޅާ ކިޔާއިރު، ތުޅާދޫ ކައުންސިލުގެ 67 ނަންބަރު ސިޓީގެ ޚިޖުރީ ތާރީހާއި މީލާދީ ތާރީޙާއި ސޮއިގެ އިތުރުން ނަމާއި މަގާމާއި ތުޅާދޫ ކައުންސިލުގެ ސްޓޭމްޕް އާއި، 68 ވަނަ ނަންބަރުގެ ގޮތުގައި ތައްޔާރު ކޮށްފައިވާ “ކަމާބެހޭ ފަރާތްތަކަށް” ފޮނުވާ ސިޓީގެ ޚިޖުރީ ތާރީހާއި މީލާދީ ތާރީޙާއި ސޮއިގެ އިތުރުން ނަމާއި މަގާމާއި ތުޅާދޫ ކައުންސިލުގެ ސްޓޭމްޕް އަތުރާލެވިފާ ހުރިއިރު އެންމެ މިލިމީޓަރެއްވެސް ފަރަގުވެފައި ނުވާކަމަށެވެ.

މި މައްސަލަ ބެލުމަށް އެކުލަވާލި ކޮމިޓީގައި ހިމެނޭ އިތުރު މެމްބަރަކު ވިދާޅުވީ، ބޮޑަށް ބެލެވޭ ގޮތުގައި މިއީ ޕީޑީއެފް އެޑިޓް ކުރާ ސޮފްޓްވެއަރ އެއްގެ ބޭނުންކޮށްގެން ތައްޔާރު ކޮށްފައިވާ ފޯޖް ޑޮކިއުމެންޓެއް ކަމަށެވެ. އަދި އެ ޑޮކިއުމަންޓް ތައްޔާރު ކުރި ފަރާތުން ހާރޑް ކޮޕީ ނައްތާލައި ސޮފްޓް ކޮޕީ ނައްތާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށްވެސް އެ މެމްބަރު ވިދާޅުވިއެވެ.

ތުޅާދޫ ކައުންސިލްގެ ލެޓަރހެޑްގައި ކައުންސިލް ރައީސްގެ ސޮއި ހިމަނައި ފޯޖް ޑޮކިއުމަންޓެއް ތައްޔާރުކޮށްފައިވާތީ، އެ މައްސަލަ ބަލައިދިނުމަށް އެދި ތުޅާދޫ ކައުންސިލްގެ ފަރާތުން ވަނީ ދިވެހި ފުލުހުންނަށް ހުށަހަޅާފައެވެ.

ބ.ތުޅާދޫގައި ފުލުހުންގެ ޚިދުމަތް ދެމުންދިޔަ ނަމަވެސް ތުޅާދޫ ކައުންސިލްގެ ފަރާތުން މި މައްސަލަ ހުށަހަޅާފައި ވަނީ ބ.އަތޮޅު އޭދަފުށީ ޕޮލިސް ސްޓޭޝަނަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.