ބ.ތުޅާދޫ ކައުންސިލް ރައީސް އާއި މެމްބަރުން

ޖަލްސާގެ އެޖެންޑާ ކައުންސިލަރ އާދިލަށް ލިބިފައި ނުވާތީ ނައިބްރައީސް އިންތިޙާބް ކުރުން ފަސްކޮށްފި

ޖަލްސާގެ އެޖެންޑާ ކައުންސިލަރ އާދިލަށް ލިބިފައި ނުވާތީ ނައިބްރައީސް އިންތިޙާބް ކުރުން ފަސްކޮށްފި

Share on twitter
Share on telegram

މިއަދު ބޭއްވި ތުޅާދޫ ކައުންސިލްގެ 4 ވަނަ ދަޢުރުގެ 10 ވަނަ އާއްމު ޖަލްސާގެ އެޖެންޑާ ކައުންސިލަރ އަޙްމަދު އާދިލަށް ލިބިފައި ނުވާތީ ނައިބްރައީސް އިންތިޙާބް ކުރުން އެޖެންޑާއިން އުނިކުރަން ހާޒިރުވި މެމްބަރުންގެ އިއްތިފާގުން ފާސްކޮށްފިއެވެ. މިއީ ކައުންސިލް ނައިބްރައީސް އިންތިޙާބް ކުރުމަށް އެޖެންޑާކޮށް އެ ނަންބަރު އެޖެންޑާއިން އުނިކުރި ދެވަނަ ފަހަރެވެ.

ތުޅާދޫ ކައުންސިލްގައި މިއަދު ކުރިޔަށްދި ޖަލްސާއަށް ކައުންސިލް މެމްބަރު އަޙްމަދު އާދިލް ހާޒިރު ވެފައެއް ނުވެއެވެ.

ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ކައުންސިލަރ އަހްމަދު އާދިލް ވިދާޅުވީ، ބ.ތުޅާދޫ ކައުންސިލްގެ ނައިބްރައީސް އިންތިޙާބް ކުރު އެޖެންޑާ ކޮށްފައި ވީނަމަވެސް އެ އެޖެންޑާ ލިބިވަޑައިގެންފާ ނުވާތީ، އާދިލް ޤާނޫނާއި ޤަވާޢިދު ތަކާއި ޚިލާފަށް އެއްވެސް ކަމެއް ކުރިޔަށް ގެންދަން ބޭނުން ނުވާތީ އެ ޖަލްސާގައި ބައިވެރި ވެފައި ނުވާކަމަށެވެ.

ކައުންސިލަރ އަޙްމަދު އާދިލް އަކީ ތުޅާދޫ ކައުންސިލްގެ 4 ވަނަ ދައުރުގެ ނައިބްރައީސްއަކަށް އެމްޑީޕީގެ ފަރާތުން ކުރިމަތި ލުމަށް ނިންމާފައިވާ ކައުންސިލަރެވެ. އަދި ކައުންސިލްއަށް އެމްޑީޕީގެ ފަރާތުން ކުރިމަތިލައި އިންތިޚާބް ވެފައިވާ ކައުންސިލަރުން، ތުޅާދޫ ކައުންސިލްގެ ނައިބްރައީސް އަކަށް ކައުންސިލަރ އަޙްމަދު އާދިލް އަށް ވޯޓް ދިނުމަށް ނިންމައި އެމްޑީޕީގެ ފަރާތުން ވަނީ ވިޕްލައިން ނެރެފައެވެ.

ޤާނޫނު ނަންބަރު 2020/5ގެ ދަށުން ކައުންސިލްތައް ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލްގެ 19 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައި ވަނީ، ކައުންސިލް ޢާއްމު ބައްދަލުވުން ބޭއްވުމަށް ކަނޑައަޅާ ތަނާއި ގަޑި އަދި އެޖެންޑާ، އެ ބައްދަލުވުން ބޭއްވުމުގެ މަދުވެގެން 02 ދުވަސް (48 ގަޑިއިރު) ކުރިން، ކައުންސިލްގެ ރައީސް ލިޔުމުން ކައުންސިލްގެ މެމްބަރުންނަށް ފޮނުވަން ވާނެކަމަށެވެ. އަދި އެ މާއްދާގައި ބުނާ އެޖެންޑާ، ޗުއްޓީގައި ތިބި ކައުންސިލަރުން ހިމެނޭހެން، ހުރިހާ ކައުންސިލަރުންނަށް ފޮނުވުނުކަން ސެކްރެޓަރީ ޖެނެރަލް ކަށަވަރު ކުރަންވާނެ ކަމަށްވެސް އެ މާއްދާގައި ވެއެވެ.

ކައުންސިލްގެ ނައިބްރައީސް އިންތިޙާބް ކުރުން ފުރަތަމަ ފަހަރަށް އެޖެންޑާ ކޮށްފައި ވަނީ މި މަހުގެ 06 ވީ އާދިއްތަ ދުވަހު ކުރިޔަށް ގެންދިޔަ ކައުންސިލްގެ 4 ވަނަ ދަޢުރުގެ 08 ވަނަ އާއްމު ޖަލްސާއަށެވެ.

ތުޅާދޫ ކައުންސިލްގެ ނައިބްރައީސްގެ މަޤާމަށް މިހާތަނަށް 3 ފަރާތަކުން ޝައުގުވެރިކަން ވަނީ ފާޅު ކޮށްފައެވެ. ނައިބްރައީސްގެ މަޤާމަށް ޝައުގުވެރިކަން ފާޅު ކޮށްފައި ވަނީ ކައުންސިލަރ އަޙްމަދު ޢާދިލް އާއި ކައުންސިލަރ ސުނާނާ އިދުރީސް ގެ އިތުރުން ކައުންސިލަރ މުޙައްމަދު ޢަލިމަނިކުއެވެ.

ކައުންސިލް މެމްބަރު އާދިލް އަކީ އެމްޑީޕީ ޓިކެޓްގައި ކައުންސިލަށް ވާދަކޮށް އިންތިޙާބް ކާމިޔާބްކޮށް ފައިވާ މެމްބަރެކެވެ. އަދި އެމްޑީޕީގެ މައި އިދާރާއިން އަންގާފައިވާ ގޮތަށް ކައުންސިލް ނައިބްރައީސް އަކަށް އެމްޑީޕީގެ ފަރާތުން މެމްބަރަކު ނެރުމަށް ނެގި ވޯޓް ކާމިޔާބް ކޮށްފައި ވަނީ ކައުންސިލަރ އާދިލް އެވެ. މީގެ އިތުރުން ތުޅާދޫ ކައުންސިލްގެ ނައިބްރައީސް އަކަށް އަޙްމަދު އާދިލް ހޮވުމަށް އެމްޑީޕީން ވަނީ ވިޕްލައިން ނެރެފައެވެ.

ކައުންސިލަރ ސުނާނާއަކީ އަމިއްލަ ގޮތުން ކައުންސިލަށް ވާދަކޮށް އިންތިޙާބް ކާމިޔާބް ކޮށްފައިވާ ފަރާތެކެވެ.

ކައުންސިލަރ މުޙައްމަދު އަލިމަނިކު، އެމްޑީޕީ ޓިކެޓްގައި ތުޅާދޫ ކައުންސިލަށް ވާދަކޮށް ހޮވިފައި ވީނަމަވެސް ނައިބް ރައީސްކަމަށް ވާދަ ކުރުމަށް ނިންމާފައި ވަނީ އެމްޑީޕީން ނެރެފައިވާ ވިޕްލައިނާ ޚިލާފަށެވެ.

ތުޅާދޫ ކައުންސިލަށް އަލަށް އިންތިޙާބް ކުރި މެމްބަރުން ހުވާކޮށް މަޤާމުގެ މަޝްޢޫލިއްޔަތާއި ހަވާލުވި ނަމަވެސް ކައުންސިލްގެ ނައިބްރައީސަކު އިންތިޙާބް ކޮށްފައި ނުވަނީ އަދި މިހާތަނަށް ހުރިހާ ކައުންސިލަރުން  ބައިވެރިވެ ބައްދަލުވުމެއް ބޭއްވިފައި ނުވާތީއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published.