ބ.ތުޅާދޫ ކައުންސިލަށް އަލަށް އިންތިޙާބް ކުރެވުނު ކައުންސިލަރުންގެ ތެރެއިން ނައިބްރައީސަކު އިންތިޙާބްކުރުން މާދަމާ ކުރިޔަށް ގެންދިއުމަށް ހަމަ ޖެހިފައިވާ 4 ވަނަ ދަޢުރުގެ 08 ވަނަ ޖަލްސާއަށް އެޖެންޑާ ކޮށްފިއެވެ.
ތުޅާދޫ ކައުންސިލްގެ ނައިބްރައީސްގެ މަޤާމަށް މިހާތަނަށް 03 ފަރާތަކުން ޝައުގުވެރިކަން ވަނީ ފާޅު ކޮށްފައެވެ. ނައިބްރައީސްގެ މަޤާމަށް ޝައުގުވެރިކަން ފާޅު ކޮށްފައި ވަނީ ކައުންސިލަރ އަޙްމަދު ޢާދިލް އާއި ކައުންސިލަރ ސުނާނާ އިދުރީސް ގެ އިތުރުން ކައުންސިލަރ މުޙައްމަދު ޢަލިމަނިކުއެވެ.
ކައުންސިލް މެމްބަރު އާދިލް އަކީ އެމްޑީޕީ ޓިކެޓްގައި ކައުންސިލަށް ވާދަކޮށް އިންތިޙާބް ކާމިޔާބްކޮށް ފައިވާ މެމްބަރެކެވެ. އަދި އެމްޑީޕީގެ މައި އިދާރާއިން އަންގާފައިވާ ގޮތަށް ކައުންސިލް ނައިބްރައީސް އަކަށް އެމްޑީޕީގެ ފަރާތުން މެމްބަރަކު ނެރުމަށް ނެގި ވޯޓް ކާމިޔާބް ކޮށްފައި ވަނީ ކައުންސިލަރ އާދިލް އެވެ. މީގެ އިތުރުން ތުޅާދޫ ކައުންސިލްގެ ނައިބްރައީސް އަކަށް އަޙްމަދު އާދިލް ހޮވުމަށް އެމްޑީޕީން ވަނީ ވިޕްލައިން ނެރެފައެވެ.
ކައުންސިލަރ ސުނާނާއަކީ އަމިއްލަ ގޮތުން ކައުންސިލަށް ވާދަކޮށް އިންތިޙާބް ކާމިޔާބް ކޮށްފައިވާ ފަރާތެކެވެ.
ކައުންސިލަރ މުޙައްމަދު އަލިމަނިކު، އެމްޑީޕީ ޓިކެޓްގައި ތުޅާދޫ ކައުންސިލަށް ވާދަކޮށް ހޮވިފައި ވީނަމަވެސް ނައިބް ރައީސްކަމަށް ވާދަ ކުރުމަށް ނިންމާފައި ވަނީ އެމްޑީޕީން ނެރެފައިވާ ވިޕްލައިނާ ޚިލާފަށެވެ.
ތުޅާދޫ ކައުންސިލަށް އަލަށް އިންތިޙާބް ކުރި މެމްބަރުން ހުވާކޮށް މަޤާމުގެ މަޝްޢޫލިއްޔަތާއި ހަވާލުވި ނަމަވެސް ކައުންސިލްގެ ނައިބްރައީސަކު އިންތިޙާބް ކޮށްފައި ނުވަނީ އަދި މިހާތަނަށް ހުރިހާ ކައުންސިލަރުން ބައިވެރިވެ ބައްދަލުވުމެއް ބޭއްވިފައި ނުވާތީއެވެ.
ކައުންސިލްތަކުގެ ނައިބްރައީސް އިންތިޙާބް ކުރާނީ، އެ ކައުންސސިލްގައި ހިމެނޭ މެމްބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ. ނައިބްރައީސް އިންތިޙާބް ކުރުމަށް ބާއްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ ކައުންސިލް ރައީސެވެ.
ނައިބްރައީސް އިންތިޙާބް ކުރަން ނަގާ ވޯޓުގައި ކައުންސިލްގެ ރައީސް ވޯޓް ދޭ ގޮތަށް ހަމަޖައްސާފައިވާއިރު ވޯޓް ނެގުމާއި ވޯޓް ގުނުމުގެ އިދާރީ ކަންތައްތައް ބަލަހައްޓާނީ ކައުންސިލްގެ ވަގުތީ ސެކެޓްރީ ޖެނެރަލެވެ.
ކައުންސިލްތަކުގެ ނައިބްރައީސް އިންތިޙާބް ކުރުމުގެ އެންމެހާ މަސައްކަތުގައި އެހީތެރިވުމަށް 03 ވުވައްޒަފުންގެ ވަގުތީ ކޮމިޓީއެއް ވަގުތީ ސެކްރެޓަރީ ޖެނެރަލް އެކުލަވާލާއިރު އެ ކޮމިޓީގައި ހިމެނޭނީ ވަގުތީ ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ސިވިލް ސަރވިސްގެ 02 މުވައްޒަފުންނެވެ.
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 06 ވަނަ އާއްމު ޖަލްސާއިން، އިދާރީ ވަގުތީ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޑިރެކްޓަރ ޢަބްދުލްމަޖީދު ޙުސައިން ހަމަ ޖެއްސުމަށް ވަނީ ނިންމާފައެވެ.



