ބ.ތުޅާދޫ ސްކޫލް ގްރޭޑް 9 ގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށް ދިރާސީ އަހަރުގެ ފަހު އިމްތިޙާން ކުރިޔަށް ގެންގޮސްފައި ވަނީ ހޯދަންޖެހޭ ހުއްދަތައް ނުހޯދާކަމަށް ތުޅާދޫގައި އެކުލަވާލާފައިވާ ކޮވިޑް ޓާސްކް ފޯސް އިން ބުނެފިއެވެ.
ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ކޮވިޑް ޓާސްކްގެ ވައިސް ޗެއަރ އަދި ތުޅާދޫ ކައުންސިލްގެ މެމްބަރު އިސްމާޢީލް ދާޢޫދޫ ވިދާޅުވީ، ތުޅާދޫ މޮނިޓަރިންގ ހާލަތުގައި ވަނިކޮށް ތުޅާދޫ ސްކޫލް ގްރޭޑް 9 ގެ ދަރިވަރުންގެ ފަހު އިމްތިހާން ކުރިޔަށް ގެންދިއުމަށް ތުޅާދޫ ސްކޫލަށް ހާޒިރުކޮށް އިމްތިޙާން ކުރިޔަށް ގެންގޮސްފައިވަނީ އެ ޓާސްކް ފޯސްގެ ހުއްދަ ހޯދުމަކާއި ނުލާކަމަށާއި މި ނާޒުކު ވަގުތުގައި ކޮންމެ މުޢައްސަސާ އަކުންވެސް ހެދިފައިވާ އުސޫލްތަކަށް ފުރި ހަމައަށް ބޯލަބާ އެންމެހާ ރައްޔިތުންގެ ރައްކާތެރިކަން އިސްކޮށް އަމަލުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
ވައިސް ޗެއަރ އިސްމާޢީލް އިތުރަށް ވިދާޅުވީ ތުޅާދޫ ސްކޫލުގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށްގެން ފަހު އިމްތިޙާން ކުރިޔަށް ގެންދިއުމާއި ގުޅޭ ގޮތުން އަދި މިހާތަނަކަށް ޓާސްކް ފޯސްގެ ތެރޭގައި އެއްވެސް މަޝްވަރާއެއް ކުރިޔަށް ގެންގޮސްފައި ނުވާކަމަށެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން މި މަހުގެ 24 ވަނަ ދުވަހު ސްކޫލްތަކަށް ފޮނުވާފައިވާ ސަރކިއުލާގައި ވަނީ ކޮވިޑް-19 ގެ ވޭދަނަތަށް ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އިތުރުވަމުން ދިއުމުގެ ސަބަބުން، ޢާންމު ހާލަތުގައި ގްރޭޑް 9 ގެ ދަރިވަރުންނަށް ދިރާސީ އަހަރުގެ ފަހު އިމްތިޙާން ދެމުން އަންނަ ގޮތަށް، ދަރިވަރުންނަށް އިމްތިޙާން ކުރިއަށް ގެންދިއުމަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
ގްރޭޑް 9 ގެ ދަރިވަރުންނަށް އިމްތިޙާން ބާއްވާނީ އެރަށެއްގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރިފާވާ ހާލަތަށް ރިއާޔަތްކޮށް، އިމްތިޙާން ކުރިޔަށް ގެންދިއުމަށް ދަރިވަރުން ސްކޫލަށް ހާޒިރުކުރެވޭނީ، އެރަށެއްގައި އެކުލަވާލާފައިވާ ޓާސްކް ފޯސް އިން ދަރިވަރުން ސްކޫލަށް ހާޒިރުކުރަން ހުއްދަ ލިބިގެން ކަމަށް އެ ސަރކިއުލާގައި ބަޔާންކޮށްފައި ވެއެވެ.
މިކަމާއި ގުޅިގެން ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ދެއްވި ތުޅާދޫ ސްކޫލްގެ ލީޑިންގ ޓީޗަރ މުޙައްމަދު ރަޝީދު ޔޫސުފް ވިދާޅުވީ އިއްޔެ ގްރޭޑް 9 ގެ ދަރިވަރުން ސްކޫލަށް ހާޒިރުކޮށް އިމްތިޙާން ކުރިޔަށް ގެން ގޮސްފައި ވަނީ ކައުންސިލްގެ ހުއްދަ ލިބިގެން ކަމަށެވެ. ނަމަވެސް އެޑިއުކޭޝަން މިނިސްޓްރީން މިހާލަތުގައި ޓެސްޓް ކުރިޔަށް ގެންދިއުމަށް ހުއްދަ ހޯދުމަށް އަންގާފައި ވަނީ އެރަށެއްގައި އެކުލަވާލާފައިވާ ކޮވިޑް ޓާސްކް ފޯސް ގެ ފަރާތުންނެވެ.
ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އިއްޔެ އިމްތިޙާން ކުރިޔަށް ގެންދިޔަ ނަމަވެސް ބެލެނިވެރިންގެ ޝަކުވާ ބޮޑުވެގެން މިއަދު ކުރިޔަށް ގެންދިއުމަށް ކަނޑައަޅާފައިވާ އިމްތިހާން ވަނީ ކެންސަލް ކޮށްފައެވެ. ނަމަވެސް އިމްތިޙާން މާދަމާއިން ފެށިގެން ތާވަލާއެއްގޮތަށް ކުރިޔަށް ދާނެކަން ތުޅާދޫ ސްކޫލުން ވަނީ މިއަދު 10:00 ހާއިރު ދަރިވަރުންނަށް އަންގާފައެވެ.



