މާލެއާއި ބ.ތުޅާދޫއާއި ދެމެދު ދަތުރުކުރާ ނިޔާމަ ބޯޓުން މިއަދު ޕޮޒިޓިވްވި ފަޅުވެރިޔާ މާފުނައަށް ބަދަލުކޮށް ނިޔާމަ ބޯޓް ކަރަންޓީނުން ދޫކޮށްލައިފިއެވެ.
ތުޅާދޫ އޮންލައިންނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ބޯޓުން މިއަދު ޕޮޒިޓިވްވީ މީހާއާއި ޑައިރެކްޓް ކޮންޓެކްޓްވި އެހެން ފަޅުވެރިން ވަނީ ބޯޓުން ބާލައި ބ.ތުޅާދޫ “ނިކަ” އަށް ބަދަލު ކޮށްފައެވެ.
ތުޅާދޫ ސިއްޙީމަރުކަޒުން ރޭ އާންމުކުރި ތަފާސް ހިސާބުގައި ވާ ގޮތުން ރޭގެ 23:55 އާއި ހަމައަށް އެއްވެސް ސާމްޕަލެއްގެ ނަތީޖާ ލިބިފައެއް ނުވެއެވެ. ނަމަވެސް މިއަދު ސާމްޕަލް ތަކެއްގެ ނަތީޖާތައް ލިބި އެކިއެކި ފިޔަވަޅުތައް އަޅަމުން ދިޔަ ނަމަވެސް އަދި މިއަދުގެ މިހާތަނަށް އެއްވެސް ތަފާސް ހިސާބެއް މަރުކަޒުން އާންމު ކޮށްފައެއް ނުވެއެވެ.
ބޮޑެތި ބަދަލުތަކެއް ގެނެސް ނިޔާމަ ބޯޓު ކަރަންޓީނުން ދޫކޮށްލި އިރު އަގޯޓާ ބޯޓް ވެސް ވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ކަރަންޓީނުން ދޫކޮށްލާފައެވެ.



