ތުޅާދޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ބެލުމަށް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މިއަދު ކުރިޔަށް ގެންގޮސްފިއެވެ.
ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ތުޅާދޫ ސިއްޙީމަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި، ކޮމިއުނިޓީ ހެލްތް އޮފިސަރ މާހީނޫޒް އަބޫބަކުރު ވިދާޅުވީ، ރަށުތެރެއިން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް މިއަދު ކުރިޔަށް ގެން ގޮސްފައިވާ ކަމަށާއި މިއަދު އިރު އޮއްސި 6 ޖެހުމާއި ހަމައަށް 20 ރެންޑަމް ސާމްޕަލަށްވުރެ ގިނަ ސާމްޕަލް ނަގާފައިވާ ކަމަށެވެ. މާހީނޫޒް އިތުރަށް ވިދާޅުވީ ކުރިޔަށް އޮތް ދުވަސް ތަކުގައިވެސް ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ތުޅާދޫ ސިއްޙީމަރުކަޒުގެ މުވައްޒަފުން ވަނީ ބަނދަރު ސަރަޙައްދުގެ އިތުރުން ރަށުގެ އެކި ސަރަޙައްދުތަކުން އެކިއެކި މީހުންގެ ސާމްޕަލްތައް މިއަދު ނަގާފައެވެ.
ތުޅާދޫން ކޮވިޑްގެ ކޭސްތަކެއް ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަންނަނީ ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ތުޅާދޫ ސްކޫލާއި ޕްރީ ސްކޫލްތަކުގެ ކިޔެވުން ވަނީ ބަންދުކޮށްފަ އެވެ. އަދި އެމެޖެންސީ ހާލަތުގައި ނޫންގޮތަކަށް ޑޮކްޓަރަށް ދެއްކުމަށް ނުދިއުމަށާއި އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުމަށް ތުޅާދޫ ސިއްޙީމަރުކަޒުން އެދެއެވެ. އަދި ގެއިން ބޭރަށް ޒަރޫރީ ބޭނުމެއްގައި ނޫނީ ދިއުން ވަނީ މަނާކޮށްފަ އެވެ. މީގެ އިތުރުން މި މަހުގެ 26 ވަނަ ދުވަހުގެ ރެއިން ފެށިގެން ކޮންމެ ރެޔަކު 09:00 އިން ފަތިހު 04:00 އަށް ތުޅާދޫގައި ވަނީ ކާފިއު އިޢުލާން ކޮށްފައެވެ.
ތުޅާދޫގެ އާބާދީގެ ބޮޑު ބަޔަކަށް ކޮވިޑް-19ގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު، ކޮވިޑް-19ގެ ދެވަނަ ޑޯޒްގެ ވެކްސިން ވެސް ތުޅާދޫގައި ވަނީ ދޭން ފަށާފައެވެ. ނަމަވެސް މިރަށް މޮނިޓަރިން ލާފައިފައިވާތީ ވެކްސިން ޕްރޮގްރާމް ވަނީ މެދުކަނޑާލައިފައެވެ.

ކޮވިޑް-19 ގެ ކޭސްތައް ތުޅާދޫން ފެނިފައިވާތީ އެކަން ކޮންޓްރޯލް ކުރުމުގެ ގޮތުން ތުޅާދޫ ކައުންސިލުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ގިނަބަޔަކު އެއްވެ އުޅޭގޮތަށް މަގުފަހިވާ ކަންކަން މުޅިން ހުއްޓާލަން ވަނީ އަންގައިފަ އެވެ. އޭގެތެރޭގައި ސައިހޮޓާ / ރެސްޓޯރެންޓް ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ވަކި މުއްދަތެއް ނެތްގޮތަށް ޚިދުމަތް ދިނުން މެދުކަނޑާލައި ޑެލިވަރީ ކުރުން ނޫން ގޮތަކަށް އެތަންތަނުން ޚިދުމަތް ދިނުމަކީ މަނާ ކަމެކެވެ.
އަދި ފިރާހަތަކުން ހިދުމަތް ހޯދާއިރު ޑެލިވަރީގެ ޚިދުމަތް ހޯދުމަށް އިސްކަން ދިނުމާއި އެނޫން ގޮތަކަށް ފިހާތަކުން ހިދުމަތް ހޯދާނަމަ، ތިން މީހުންނަށްވުރެ އިތުރަށް އެއްފަހަރާ ފިހާރަ ތެރެއަށް ނުވަނުމަށާއި ގައިދުރުކަން އިސްކުރުމަށް ވަނީ އަންގައިފަ އެވެ.
ތުޅާދޫ ކައުންސިލުން ބުނީ އާއްމުން ބޭރަށް ނުކުތުމުގައިވެސް ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ އެކަން ނުކުރުމަށާއި، އަދި ބޭރަށް ނުކުންނަން ވާނީ ޒަރޫރީ ބޭނުމެއް އޮވެގެން ނުކުންނަން ޖެހޭ މީހާ އެކަނި ކަމަށެވެ.
ކުޅިވަރުކުޅޭ މައިޒާން ތަކުގައި ކުޅިވަރުކުޅުން ވެސް މުޅިން ހުއްޓާލަން ވެސް ވަނީ އަންގައިފަ އެވެ. ތުޅާދޫގައި މި ފިޔަވަޅުތައް އަޅާފައިވަނީ ވަކި މުއްދަތެއް ނެތް ގޮތަށެވެ.



