ތުޅާދޫން މިރޭ އިތުރު ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިރޭ ޕޮޒިޓިވްވީ މީހަކީ ކޮންޓެކްޓް ޓްރޭސިންގްގެ ދަށުން ސާމްޕަލް ނަގާފައިވާ މީހެކެވެ.
ތުޅާދޫ ކައުންސިލުން ޢާންމު ކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން ކަރަންޓީނުގެ މުއްދަތު މިރޭ އިތުރު ކޮށްފައި ވަނީ “މާފުނަ” އެވެ. މި ރޭ ޕޮޒިޓިވްވި މީހަކީ މިވަގުތު ޕޮޒިޓިވް ކޭސްއެއް ދިރިއުޅޭ ގެއެއްގައި ދިރިއުޅެމުންދާ މީހެކެވެ.
މިއަދު ތުޅާދޫން ޖުމްލަ 13 މީހެއްގެ ސާމްޕަލް ނަގާފައި ވެއެވެ. މި 13 ސާމްޕަލަކީވެސް ކޮންޓެކްޓް ޓްރޭސިންގްގެ ދަށުން ނަގާފައިވާ ސާމްޕަލެވެ. މިއަދާ މިރޭ ތުޅާދޫން އެއްވެސް ރެންޑަމް ސާމްޕަލެއް ނަގާފައެއް ނުވެއެވެ.
ތުޅާދޫން މިހާތަނަށް ޖުމްލަ 625 ސާމްޕަލެއްވަނީ ނަގާފައެވެ. މީގެތެރެއިން 553 މީހުން މިބައްޔަށް ވަނީ ނެގެޓިވް ވެފައެވެ. އަދި މިހާތަނަށް ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 15 ސާމްޕަލްގެ ނަތީޖާ ވަނީ ނުލިބިއެވެ.
ތުޅާދޫން މިބައްޔަށް ޖުމްލަ 57 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މިހާތަނަށް 16 މީހަކު ވަނީ މިބަލިން ފަސޭހަވެފައެވެ. އެހެންކަމުން މި ވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 41 އެވެ.



