މަހު މުސާރައަށް 12000 ރުފިޔާ ލިބޭ 5 ވަޒީފާއެއް ބ.ތުޅާދޫ ކައުންސިލުން އިޢުލާން ކޮށްފިއެވެ
މިމަހުގެ 25 ވަނަ ދުވަހު ތުޅާދޫ ކައުންސިލުން ކޮށްފައިވާ އިޢުލާންގައި ވަނީ، އެ ކައުންސިލުން ކުރިޔަށް ގެންދާ ކުނި މެނޭޖުކުރުމުގެ ޕްރޮގްރާމްގައި ޙަރަކާތްތެރިވާ ބިދޭސީން ކަރަންޓީން ކުރަން ޖެހުމާއި ގުޅިގެން، ވަގުތީ ގޮތުން އެ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދަން ބޭނުންވާ ކަމަށާއި ޢަމަލީ ގޮތުން އެ މަސައްކަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ތުޅާދޫ ކައުންސިލަށް ލިޔުމުން ހުށަހެޅުމަށް އެދޭކަމަށެވެ.
12000 ރުފިޔާ ލިބޭ ގޮތަށް ކައުންސިލުން އިޢުލާން ކޮށްފައިވާ މި ވަޒީފާތަކުގެ ޝަރުޠުތަކުގެ ގޮތުތުގައި ހިމަނާފައި ވަނީ، ލިޔަންކިޔަން ދަތުމާއި، ހުކުރު ދުވަސް ފިޔަވާ ކޮންމެ ދުވަހަކު 8 ގަޑިއިރު މަސައްކަތް ކުރުމެވެ.
1 މަސް ދުވަހުގެ މުއްދަތަކަށް ނެގުމަށް ހަމަޖެހިފައިވާ މި 5 ވަޒީފާގެ ދުވަހު މުސާރައަކީ 350 ރުފިޔާއެވެ. މީގެ އިތުރުން މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކު އެޓެންޑެންސް އެލެވެންސެއްގެ ގޮތުގައި 50 ރުފިޔާ ދިނުމަށްވެސް ވަނީ ނިންމާފައެވެ.
މި 5 ވަޒީފާއަށް ހޮވޭ ފަރާތްތަކުން ތުޅާދޫގެ ގޭބިސީތަކުގައި އުފެދޭ ފަނާވާ، އަދި ފަނާ ނުވާ ޒާތުގެ ކުނި ވަކިވަކިން ނަގައިގެން ކުނިކޮށްޓަށް ގޮންގޮސް ރައްކާތެރި ގޮތުގައި ނައްތާލަން ޖެހޭނެއެވެ.
ތުޅާދޫ ކައުންސިލުން އިޢުލާން ކޮށްފައިވާ މި ވަޒީފާތަކަށް އެދި ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 31 ވަނަ ދުވަހުގެ 14:00 އެވެ.



