ކޮވިޑް-19 އިން ރައްކާތެރިވުމަށް އަތޮޅުތެރޭގައި މޮނިޓަރިންއަށް ލާފައިވާ ރަށް ތަކުގައި، ރަށްރަށުގެ މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ވަގުތު ކަނޑައަޅައި ރޭގަނޑު 09:00ން ފަތިހު 04:00ށް ކާފިއު އިއުލާނުކޮށްފިއެވެ.
ބ.ތުޅާދޫ އަކީ މި މެއި މަހުގެ 09 ވަނަ ދުވަހު ރަށުތެރެއިން ކޮވިޑް-19ގެ ކޭސްތަކެއް ފެނިގެން މޮނިޓަރިންގ އަށް ލާފައިވާ ރަށެކެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަކި ގޮތެއް އަންގަންދެން ކޮވިޑްގެ ސަބަބުން މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގައި ފިޔަވަޅުތައް ވަރުގަދަކޮށްފައިވާ ކަމަށެވެ.
އެގޮތުން މެއި 26 ވަނަ ދުވަހުން ފެށިގެން ވަކިގޮތެއް އަންގަންދެން، މޮނިޓަރިންގެ ހާލަތަށް ގެނެވޭ ރަށްރަށުގައި ރޭގަނޑު 09:00ން ފެށިގެން ފަތިހު 04:00ށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވަނީ މަނާކޮށްފައެވެ. ރަށުގައި ބަލިފެތުރިފައިވާ ހާލަތަށް ބަލައި މި ފިޔަވަޅު އަޅައިފައިވާ ވަގުތަށް ބަދަލުގެނެވޭނެކަމަށް އެޗްޕީއޭ އިން ބުނެއެވެ.
މޮނިޓަރިންގ ހާލަތުގައިވާ ރަށްރަށުގައި ކާފިއު އިއުލާން ކޮށްފައިވާ ވަގުތުތަކުގައި ޕޮލިހުންގެ ހުއްދައާއެކު ޑެލިވަރީގެ ޚިދުމަތް ދެވޭނެކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި މި ރަށްރަށުގައި ކާފިއު އިއުލާނުކޮށްފައިވާ ވަގުތު ސިފައިންނާއި ފުލުހުން އަދި ޞިއްޙީ ޚިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރުތަކާއި އެމްބިއުލަންސް އަދި ރަށްރަށުގެ ޓާސްކުފޯހުގެ ފާސް ލިބިފައިވާ ފަރާތްތަކުގެ އިތުރުން އެމެޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތައް އިސްތިސްނާވާނެ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.
އޭގެ އިތުރުން ޒަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުނިކުމެވޭނެ ކަމަށް ބުނެފައިވާއިރު، ފިހާރަތަކުން ޚިދުމަތް ދޭއިރު، ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޚިދުމަތް ދިނުމަށާއި ހޮޓާ، ކެފޭ، ރެސްޓޯރަންޓުތަކާއި، ކާބޯތަކެތީގެ ޚިދުމަތް ދޭ އެހެނިހެން ތަންތަނުން ދެމުންގެންދާ ޚިދުމަތްތަކުގެ ތެރެއިން ޓޭކްއަވޭއާއި ޑެލިވަރީގެ ޚިދުމަތްތައް ފިޔަވައި އެހެން ހުރިހާ ޚިދުމަތެއް ހުއްޓައިލުމަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ.



