ބ.ތުޅާދޫ އިން ރެންޑަމް ސާމްޕަލްގެ ގޮތުގައި އިއްޔެ ނަގާފައިވާ 3 ސާމްޕަލްގެ ތެރެއިން އެއް ސާމްޕަލް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ތުޅާދޫ ސިއްޙީމަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި، ކޮމިއުނިޓީހެލްތް އޮފިސަރ މާހީނޫޒް އަބޫބަކުރު ވިދާޅުވީ، މިރޭ ކޮވިޑް-19 އަށް ޕޮޒިޓިވްވި 3 މީހުންގެ ތެރޭގައި ރެންޑަމް ސާމްޕަލެއްގެ ގޮތުގައި ސާމްޕަލް ނަގާފައިވާ ފަރާތެއްވެސް ހިމެނޭކަމަށެވެ.
ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ތުޅާދޫ ސިއްޙީމަރުކަޒުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައިވާ 4 ފަރާތެއް ދިރިއުޅޭ ގެޔަކުން އިއްޔެ ރެންޑަމް ސާމްޕަލެއް ނަގާފައެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޕޮޒިޓިވްވެފައިވާ ފަރާތްތައް ދިރިއުޅޭގޭތަކުގައި ދިރިއުޅޭ އެހެނިހެން ފަރާތްތަކުގެ ސާމްޕަލް ނަގަމުން ދަނީ އެ ގެއެއްގައި ދިރިއުޅޭ ޕޮޒިޓިވްވީ ފަރާތް ޕޮޒިޓިވްވިތާ 14 ދުވަހުގެ މުއްދަތު ހަމަވުމުން ނުވަތަ އެގޭގައި ދިރިއުޅޭ އެހެން މީހެއްގެ ފަރާތުން ބަލީގެ އަލާމާތެއް ފެންނަ ނަމައެވެ. ނަމަވެސް އެފަދަ ހާލަތްތަކުގައި ނަގާ ސާމްޕަލްތައް މިހާތަނަށް ގުނާފައި ވަނީ ކޮންޓެކްޓް ޓްރޭސިންގ ސާމްޕަލްގެ ގޮތުގައެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ފަރާތްތަކެއް ދިރިއުޅޭ ގެޔަކުން، ރެންޑަމް ސާމްޕަލެއްގެ ގޮތުގައި ތުޅާދޫ ސިއްޙީމަރުކަޒުން އިއްޔެ ސާމްޕަލެއް ނަގާ ނަތީޖާ ކަށަވަރު ކޮށްފައި ވާއިރު، ތުޅާދޫގައި މި ނުރައްކާތެރި ބަލި އިތުރަށް ފެތުރޭ މިންވަރު ދެނެގަތުމަށް ރަށުތެރެއިން އާންމު ރައްޔިތުންގެ ރެންޑަމް ސާމްޕަލް ނަގާ މިންވަރު މަދުކަން ފާހަގަ ކުރެވެއެވެ.
ތުޅާދޫ ސިއްޙީމަރުކަޒުން މިރޭ އާންމުކޮށްފައިވާ މަޢުލޫމާތުތަކުން ދައްކާގޮތުގައި މިރޭ ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ ކޮންޓެކްޓް ޓްރޭސިންގްގެ ގޮތުގައި ސާމްޕަލް ނަގާފައިވާ 02 މީހުންނާއި ރެންޑަމް ސާމްޕަލެއްގެ ގޮތުގައި ސާމްޕަލް ނަގާފައިވާ ފަރާތެކެވެ.
ތުޅާދޫ އިން މި އަދު ވަނީ ޖުމްލަ 52 ސާމްޕަލް ނަގާފައެވެ. އޭގެ ތެރޭގައި ފްލޫ ކުލިނިކަށް ދެއްކި 05 ފަރާތެއްގެ ސާމްޕަލާއި ކޮންޓެކްޓް ޓްރޭސިންގްގެ ތެރެއިން ނަގާފައިވާ 42 ސާމްޕަލެއްގެ އިތުރުން ރެންޑަމް ސާމްޕަލްގެ ގޮތުގައި ނަގާފައިވާ 05 ސާމްޕަލް ހިމެނެއެވެ.
ތުޅާދޫން މިހާތަނަށް ޖުމްލަ 550 ސާމްޕަލެއްވަނީ ނަގާފައެވެ. މީގެތެރެއިން 441 މީހުން މިބައްޔަށް ވަނީ ނެގެޓިވް ވެފައެވެ. އަދި މިހާތަނަށް ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 55 ސާމްޕަލްގެ ނަތީޖާ ވަނީ ނުލިބިއެވެ.
ތުޅާދޫން މިބައްޔަށް ޖުމްލަ 54 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މިހާތަނަށް 04 މީހަކު ވަނީ މިބަލިން ފަސޭހަވެފައެވެ. އެހެންކަމުން މި ވަގުތު އެކްޓިވް ކޭސްތަކުގެ އަދަދަކީ 50 އެވެ.
ތުޅާދޫ ކައުންސިލުން މިރޭ އާންމު ކޮށްފައިވާ އިޢުލާންގައިވާ ގޮތުން އަލަށް ކަރަންޓީނަށް ލާފައިވަނީ “ހިތްމަތް” ގެއެވެ.



