ކޮވިޑް-19 ގެ ކޭސްތަކެއް ފެނިގެން މާލެއާއި ތުޅާދޫއާއި ދެމެދު ދަތުރުކުރާ ދެ ބޯޓް ކަރަންޓީން ކޮށްފައިވާތީ މާލެއިން ތުޅާދޫއަށް މުދާ އުފުލުމަށް “ބޮޑުގެ ފައުންޑޭޝަން” ގެ ފަރާތުން ތުޅާދޫ ވިޔަފާރިވެރިންނަށާއި ރައްޔިތުންނަށް ދީލަތި އެހީތެރިކަމެއް ފޯރުކޮށް ދީފިއެވެ.
ތުޅާދޫ މޮނިޓަރިންގ އަށް ލާފައިވާ މި ވަގުތު، މާލެއިން ތުޅާދޫއަށް މުދާ އުފުލާ ދެ ބޯޓް ކަރަންޓީނު ކުރުމުގެ ސަބަބުން، ރައްޔިތުންގެ ޟަރޫރީ ބޭނުންތައް ފުއްދުމުގައި ދަތިތަކެއް ކުރިމަތިވެފައި ވާތީ، އެ ކަމަށް އެހީތެރިކަން ފޯރު ކޮށް ދިނުމަށް، ބޮޑުގެ ފައުންޑޭޝަނުން މަސައްކަތް ކުރަމުން ދާކަމަށް އެ ފައުންޑޭޝަނުން ބުނެއެވެ.
އެގޮތުން މިވަގުތަށް މުޙިއްމު މުދަލާއި އެހެނިހެން ތަކެތި ތުޅާދޫއަށް ފޯރުކޮށް ދިނުމަށްޓަކައި، 2021 މެއި 24 ވާ ހޯމަ ދުވަހު މާލެއިން ތުޅާދޫއަށް ދަތުރެއް ކުރުމުގެ އިންތިޒާމް އެ ފައުންޑޭޝަނުން ވަނީ ހަމަޖައްސާފައެވެ. އަދި މި ދަތުރުގައި ތުޅާދޫގެ ކޮންމެ ގޭބިސީއަކަށާއި ވިޔަފާރިތަކަށް އެއްވެސް ނާލެއް ނެތި ހިލޭ މުދާ އުފުލާދޭނެ ކަމަށްވެސް އެފަރާތުން މަޢުލޫމާތު ދެއެވެ.
ބޮޑުގެ ފައުންޑޭޝަނުން މަޢުލޫމާތު ދޭ ގޮތުގައި މި ދަތުރުގައި ތުޅާދޫގައި ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ ފިހާރަޔަކަށް 15 ފޮށިގަނޑު އަދި ކޮންމެ ގޭ ބިސީއަކަށް 1 ފޮށިގަނޑު މާލެއިން ތުޅާދޫއަށް ގެންގޮސް ދޭނެއެވެ.

މުދާ ހިފައިގެން ތުޅާދޫއަށް މި ދަތުރު ކުރުމަށް ހަމަޖެހިފައި ވަނީ، އަބްހަރީ-1 ގައެވެ. ދޯންޏަށް މުދާ އެރުވުމަށް ހަމަޖެހިފައި ވަނީ މެއި 24 ވަނަ ދުވަހު ހެނދުނު 09:00 އިން 12:00 އަށް ޓީ ޖެޓީ ސަރަޙައްދުންނެވެ.
މި ދަތުރާއި ގުޅޭ މަޢުލޫމާތު ސާފު ކުރުމަށް 799468 އަދި 7783227 އަށް ގުޅުއްވުމަށް އެ ފައުންޑޭޝަނުން އެދެއެވެ.
ރާއްޖެއަށް އެންމެ ފުރަތަމަ ކޮވިޑްގެ ވަބާ ކުރިމަތިވި ވަގުތުވެސް ބޮޑުގެ ފައުންޑޭޝަނުން ވަނީ، ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންކުރާ ބައެއް ތަކެތި ތުޅާދޫ ސިއްޙީމަރުކަޒަށް ހަދިޔާ ކޮށްފައެވެ.
ކޮވިޑްގެ މި ޙާލަތުން އަރައިގަތުމަށް އެ ފައުންޑޭޝަންގެ ފަރާތުން ފޯރުކޮށްދެވެން އޮތް ކޮންމެ އެހީތެރިކަމެއް ފޯރުކޮށް ދޭނެ ކަމުގެ ޔަޤީންކަން ބޮޑުގެ ފައުންޑޭޝަނުން އަރުވައެވެ.



