ބ.ތުޅާދޫގެ ގޭތަކުން ކުނި ނަގާ އުކާލުމުގެ މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން ރޭ ވަނީ ކަރަންޓީނު ކޮށްފައެވެ. މި ހުރިހާ މުވައްޒަފުން ކަރަންޓީން ކޮށްފައި ވަނީ، އެ މުވައްޒަފުންނާއެކު ކުނި ނެގުމުގައި ޢަމަލީގޮތުން މަސައްކަތް ކުރާ މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާއި ގުޅިގެންނެވެ.
ތުޅާދޫ ގޭތަކުން ކުނި ނެގުމަށް ބޮޑެތި ގޮން ޖެހުން ތަކެއް ކުރިމަތިވެފައިވާ މިވަގުތުވެސް ތުޅާދޫ ކައުންސިލްގެ ހިކުމަތްތެރި ރޭވުން ތެރިކަމުގެ ސަބަބުން މި މަސައްކަތް ހުއްޓުމެއް ނެތި ކުރިޔަށް ގެންދާނެ ގޮތްތަކެއް ރޭ ވަނީ ތުޅާދޫ ކައުންސިލުން ހަމަޖައްސާފައެވެ.
ކުނި ނެގުމުގެ މަސައްކަތް ހުއްޓުމެއް ނެތި މިއަދުވެސް ކުރިޔަށް ދާއިރު، މިއަދު ކުނި ނެގުމުގައި ހަރަކާތްތެރިވަމުން ދަނީ ކައުންސިލް މުވައްޒަފަކާއި ޢާންމު 2 ރައްޔިތުންގެ އިތުރުން 728 އިންވެސްޓްމަންޓްގެ މުވައްޒަފެކެވެ.

ތުޅާދޫން ރޭ ކޮވިޑް-19 އަށް ޕޮޒިވްވި 9 މީހުންގެ ތެރޭގައި 6 ބިދޭސީއަކު ހިމެނެއެވެ. ޕޮޒިޓިވްވި ބިދޭސީންގެ ތެރޭގައި ތުޅާދޫ ގޭތަކުން ކުނި ނެގުމުގެ މަސައްކަތް ކުރާ މުވައްޒަފަކާއި، ބެސްޓް ޑީލް ފަހާތަނުގައި މަސައްކަތް ކުރާ މުވައްޒަފަކާއި، ވެހި ޓެއިލާސްގައި މަސައްކަތް ކުރާ މުވައްޒަފެއްގެ އިތުރުން ކެފޭ ނޯތުގެ ކައްކާއެއް ހިމެނޭ ކަމަށް އިތުބާރުހުރި މަސްދަރަކުން ތުޅާދޫ އޮންލައިންއަށް ވަނީ ކަށަވަރު ކޮށްދީފައެވެ.
މީގެ އިތުރުން ފުލޫ ކްލިނިކަށް ދެއްކި މީހުންގެ ތެރެއިން 3 ދިވެއްސަކުވެސް ވަނީ ރޭ ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. މި މީހުންގެ ތެރޭގައި ހިމެނެނީ ޝަބްނަމް ގޭގައި ދިރިއުޅޭ 2 ކުއްޖަކާއި ބިނާކުގައި ދިރިއުޅޭ މީހެކެވެ.
ތުޅާދޫން މިހާތަނަށް ޖުމްލަ 360 ސާމްޕަލެއްވަނީ ނަގާފައެވެ. މީގެތެރެއިން 272 މީހުން މިބައްޔަށް ނެގެޓިވް ވެފައިވާއިރު، ޖުމްލަ 31 މީހުން ވަނީ ތުޅާދޫއިން ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވް ވެފައެވެ. އަދި މިހާތަނަށް ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން 57 ސާމްޕަލްގެ ނަތީޖާ ވަނީ ނުލިބިއެވެ.



