އަލަށް ހުވާކުރި ކައުންސިލަރުން ނިކުމެ ޓާފް ދަނޑާއި ދަނޑުގެ ވަށައިގެންވާ ސަރަޙައްދު ސާފު ކޮށްފިއެވެ.
ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން ތުޅާދޫ ކައުންސިލްގެ ރައީސް އިބްރާޙީމް ޢާދިލް ވިދާޅުވީ، ނިމިދިޔަ ދެތިން ދުވަހަކީ މޫސުން ގޯސްވެ ވައިބާރު ދުވަސް ތަކަކަށް ވީތީ ޓާފް ދަނޑުގެ ތެރެއަށް ގިނަ އަދަދެއްގެ ފަތް އެޅި ހަޑިވެފައިވާތީ، އެ ސަރަޙައްދު ސާފް ކުރުމުގެ މަސައްކަތް މިއަދު ކުރިޔަށް ގެންގޮސްފައިވާ ކަމަށާއި، ކުރިޔަށް އޮތް ދުވަސްތަކުގައި އިޖުތިމާޢިީ އެހެނިހެން ސަރަޙައްދުތައްވެސް ސާފު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށްވެސް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.

ރަޢީސް އިތުރަށް ވިދާޅުވީ މިވަގުތަކީ ތުޅާދޫ މޮނިޓަރިންގެ ހާލަތުގައިވާ ވަގުތަކަށް ވުމުން ތަފާތު އެކިއެކި ސަބަބުތަކާހުރެ އިޖުތިމާޢީ ސަރަޙައްދުތައް ސާފުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތްތަކަށް ޑިއުޓީއަށް ނިކުތުމުގައި ތަފާތު ގިނަގުނަ ދަތިތަކާއި ކުރިމަތިވެފައިވާ ވަގުތެއްކަމުން އިޖުތިމާޢީ ސަރަޙައްދުތައް ސާފުކުރުމުގައި ދިމާވެފައިވާ މުވައްޒަފުންގެ ދަތިކަމަށް ހައްލެއް ހޯދުމަށް ކައުންސިލުގައި މަޝްވަރާކޮށްފައިވާ ކަމަށާއި، އެގޮތުން މިވަގުތު ކައުންސިލަރުންގެ ބައިވެރިވުމާއެކު ސާފުކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ.

ސާފު ކުރުމުގެ މި މަސައްކަތުގައި ކައުންސިލަރުންނާއި ކައުންސިލް މުވައްޒަފުންގެ އިތުރުން ފުލުހުން ބައިވެރިވެފައިވާ ކަމަށްވެސް ކައުންސިލް ރަޢީސް ވިދާޅުވިއެވެ.
އަލަށް ހުވާކުރި ކައުންސިލަރުން ޢަމަލީ ގޮތުން ބައިވެރިވެ ސާފު ކުރުމުގެ މަސައްކަތް ކުރިޔަށް ގެންގޮސްފައިވާތީ ތުޅާދޫގެ ގިނަ ރައްޔިތުން ދަނީ ސޯސަލްމީޑިއާގައި އެކަން ފާހަގަކޮށް ކައުންސިލަރުންނަށް ހިއްވަރު ދެމުންނެވެ. ނަމަވެސް ނިމިދިޔަ ކައުންސިލަކީ މުވައްޒަފުން ލައްވައި ސާފުކުރުމުގެ މަސައްކަތްތަކެއް ކުރުވި ކައުންސިލެއް ކަމުގައި ވީނަމަވެސް، ކައުންސިލަރުން އަމަލީގޮތުން ސާފު ކުރުމުގެ މަސައްކަތް ތަކުގައި ބައިވެރިވެފައި ނުވާކަން ތުޅާދޫ ގިނަ ރައްޔިތުން ދަނީ ފާހަގަ ކުރަމުންނެވެ.



