ބ.ތުޅާދޫގައި ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެ، އެ ބަލި ޖެހުނު މީހުންގެ އަދަދު 20 އަރައި، އާއްމުންގެ ބިރުވެރިކަން އިތުރުވެއްޖެ އެވެެ.
ތުޅާދޫ ސިއްޙީމަރުކަޒުން ރޭ ދަންވަރު ޢާންމުކުރި ތަފާތު ހިސާބްތަކުން ދައްކާގޮތުގައި ރޭެ ވަނީ އިތުރު 6 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. ރޭ ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ ކޮންޓެކްޓް ޓްރޭސިންގ ދަށުން ސާމްޕަލް ނަގާފައިވާ 5 މީހަކާއި ފުލޫ ކުލިނިކަށް ދެއްކި މީހެކެވެ.
ތުޅާދޫ އޮންލައިންއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރޭ ޕޮޒިޓިވް ވެފައިވާ މީހުންގެ ތެރޭގައި ތުޅާދޫގެ ގިނަބަޔަކު ބޯކޮށުމުގެ ޚިދުމަތް ހޯދަމުންދާ ތަނެއްގެ މުވައްޒަފެއް ހިމެނެއެވެ. މިފަދަ ޢާންމު ޚިދުމަތް ދޭ ތަނެއްގެ މުވައްޒަފަކު ޕޮޒިޓިވް ވެފައި ވާއިރު ވޭތުވެ ދިޔަ 14 ދުވަސް ތެރޭގައި ގިނަ އަދަދެއްގެ ރައްޔިތުން އެ ޚިދުމަތް ހޯދާފައިވާނެ ކަމަށް ބެލެވެއެވެ. އެހެންކަމުން ތުޅާދޫގައި މިބަލި އިތުރަށް ފެތުރުނަ ނުދީ ކޮންޓްރޯލް ކުރުމަށް ވޭތުވެ ދިޔަ 14 ދުވަސް ތެރޭ އެ ޚިދުމަތް ހޯދާފައިވާ ފަރާތްތަކުގެ ފަރުދީ ޒިންމާ ބޮޑެވެ. ލަސް ނުކުރައްވާ އެންމެހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރި ކަމަށް އެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކަށް ހިއްސާކުރުން މުހިންމެވެ. ޢާންމު ޚިދުމަތްދޭ ތަނެއްގެ މުވައްޒަފެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވުމުން ތުޅާދޫ ރައްޔިތުން ވަނީ އިތުރު ބިރުވެރި ކަމެއްގެ ތެރޭގައެވެ.
ތުޅާދޫ ކައުންސިލުން ޢާންމު ކޮށްފައިވާ އިޢުލާނުގައި ވާގޮތުން، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވުމުގެ ސަބަބުން ކުރިން ކަރަންޓީނު ކޮށްފައިވާ ގޭތަކުގެ ތެރެއިން، ދޮންވެލި، ހުދުއަސުރުމާގޭގެ އިތުރުން ދުންފިނިގޭގެ ކަރަންޓީންގެ މުއްދަތު ވަނީ އިތުރު ކޮށްފައެވެ. އަދި ކޮވިޑް-19 ގެ އަށް ޕޮޒިޓިވް ވެގެން އަލަށް ކަރަންޓީނު ކޮށްފައި ވަނީ ފިނިރޯޅި އާއި އަގޯޓާ އެކްސްޕަރެސް އެވެ.

ތުޅާދޫން މިހާތަނަށް ޖުމްލަ 273 ސާމްޕަލެއްވަނީ ނަގާފައެވެ. މީގެތެރެއިން 203 މީހުން މިބައްޔަށް ނެގެޓިވް ވެފައިވާއިރު، 50 ސާމްޕަލްގެ ނަތީޖާ އަދިވަނީ ނުލިބިއެވެ. ތުޅާދޫއިން ކޮވިޑް-19 އަށް މިހާތަނަށް ޕޮޒިޓިވް ވެފައި ވަނީ 20 މީހުންނެވެ.
ތުޅާދޫއަށް މި ބަލި އައީ ކިހިނެއްކަން ސާފެއް ނުވެއެވެ. އެކަމަކު މޮނިޓަރިން އަށް ލުމުގެ ކުރިން ވެސް ރަށުގައި ހުމުގެ ރޯގާ އުޅޭތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް ބައެއް މީހުން ބުނެއެވެ. އެފަދަ އަލާމާތްތަކެއް ފެނުނަސް، އޭރު ފުލޫ ކްލިނިކަށް ދެއްކި ބައެއް ފަރާތްތަކުގެ ސާމްޕަލް ނަގައި ޓެސްޓް ކޮށްފައެއް ނުވެއެވެ. އަދި މިހާތަނަށް ތުޅާދޫން ރެންޑަމް ސާމްޕަލް ނަގަން ފަށާފައެއް ނުވެއެވެ.
ބަލި އިތުރަށް ފެތުރުނަ ނުދޭން އެޅި ފިޔަވަޅުތަކާ އެކު ރަށް އޮތީ މުޅިން ހަމަ ހިމޭންވެފައެވެ. ބޭރުތެރެއަށް އާއްމުން ނުކުމެ ނޫޅެއެވެ. ރަށުގެ ހޮޓާތަކާއި ކެފޭ އަދި ރެސްޓޯރަންޓްތައް ބަންދެވެ. ގިނަ ފިހާރަތައް ހުޅުވާފައި ހުޅުވާފައި ހުންނަނީ ހަމައެކަނި ޑެލިވަރީއަށެވެ.
ބ.ތުޅާދޫގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރޯގާގެ އަލާމާތް ފެންނަ ފަރާތްތަކުން ލަސްނުކުރައްވާ ތުޅާދޫ ސިއްޙީމަރުކަޒްގެ ހޮޓްލައިން 6600117 އާ ގުޅައި މަޢުލޫމާތު ޙިއްޞާކުރުމަށް އެމަރުކަޒުން އެދެއެވެ.



