ބ.އަތޮޅު އޭދަފުށީގައި ހަލުވިކަމާއެކު ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރެމުން ދަނިކޮށް، އޭދަފުށިން ތުޅާދޫއަށް ދަތުރުކުރި ފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ފަރާތް އޭދަފުށިން ތުޅާދޫއަށް ދަތުރުކޮށްފައި ވަނީ ނިމިދިޔަ އޭޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ.
ތުޅާދޫ އޮންލައިންއަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނީ ކުޑަކުއްޖެކެވެ. ޕޮޒިޓިވްވި ފަރާތާއެކު އެ ގޭގައި ހޯމް ކަރަންޓީނުގައި އިތުރު ދެ ފަރާތެއް ތިބިއިރު އެ ދެފަރާތުގެ ސާމްޕަލް ނަގައި ޓެސްޓް ކުރުމުން ނަތީޖާ ނައްސި ވެފައިވާކަމަށް ތުޅާދޫ ސިއްޙީމަރުކަޒުން މަޢުލޫމާތު ދެއެވެ.
އޭޕްރީލް މަހުގެ 30 ވަނަ ދުވަހު އޭދަފުށިން ތުޅާދޫއަށް ދަތުރުކޮށް ހޯމް ކަރަންޓީނުގައި ހުރި މި މީހާ ޕޮޒިޓިވް ވެފައިވާކަން އެނގިފައިވަނީ ކަރަންޓީންގެ 10 ދުވަސް ހަމަކޮށް ނެގި ސާމްޕަލުންނެވެ. މި މީހާ ޕޮޒިޓިވް ވުމާއެކު، އިތުރު 14 ދުވަހުގެ މުއްދަތަށް އެފަރާތްތަކުގެ ކަރަންޓީނުގެ މުއްދަތު ވަނީ އިތުރުކޮށްފައެވެ.
އޭދަފުށިން ކޮވިޑް-19 ގެ ކޭސްތައް ފެންނަން ފެށުމުން، އޭޕްރީލް 1 ވަނަ ދުވަހުން ފެށިގެން އޭދަފުށިން ތުޅާދޫއަށް ދަތުރު ކުރި 100 އަށްވުރެ ގިނަ ފަރާތްތައް އެވަގުތައް ކަރަންޓީނުކޮށް އެފަރާތްތަކުގެ ސާމްޕަލް ނަގައި ޓެސްޓް ހެދުމުން އެ އެންމެހާ ފަރާތްތައްވެސް ވަނީ ކޮވިޑް-19 އަށް ނައްސިވެފައެވެ.



