ބ.ތުޅާދޫން ކޮވިޑް-19 އަށް އިއްޔެ އިތުރު 2 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
އިއްޔެ ތުޅާދޫން ޕޮޒިޓިވްވީ މީހުންގެ ތެރޭގައި ހިމެނެނީ ބަލީގެ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި އަންހެނަކާއި ކުޑަކުއްޖެކެވެ.
މި މަހުގެ 9 ވަނަ ދުވަހު ތުޅާދޫން ކޮވޮޑް-19 އަށް 4 ފަރާތެއް ޕޮޒިޓިވް ވެފައިވަތީ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރިޔަށް ގެންގޮސް އިއްޔެ ވަނީ 75 ސާމްޕަލް ނަގާފައެވެ. މީގެ އިތުރުން އިއްޔެ ވަނީ ފްލޫ ކްލިނިކަށް ދެއްކި 4 ފަރާތެއްގެ ސާމްޕަލްގެ އިތުރުން 4 ރޭންޑަމް ސާމްޕަލް ނަގައިގައެވެ. އިއްޔެ ތުޅަދޫން ޖުމްލަ ނަގާފައި ވަނީ 83 ސާމްޕަލެވެ.

ކޮވިޑް-19 ތުޅާދޫން ފެނިފައި ވުމުގެ ސަބަބުން މިހާތަނަށް ނަގައިފައިވާ 88 ސާމްޕަލްގެ ތެރެއިން 81 ސާމްޕަލްގެ ނަތީޖާ އަދި ވަނީ ނުލިބިއެވެ.
ތުޅާދޫ އޮންލައިނަށް މަޢުލޫމާތު ދެއްވަމުން، ތުޅާދޫ ސިއްޙީމަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި، ކޮމިއުނިޓީހެލްތް އޮފިސަރ މާހީނޫޒް އަބޫބަކުރު ވިދާޅުވީ، ކޮންޓެކްޓްރޭސިންގެ ދަށުން ރޭ ޖުމްލަ 75 ފަރާތެއްގެ ސާމްޕަލް ނަގާފައިވާ ކަމަށާއި، ކުރިޔަށްއޮތް ދުވަސްތަކުގައި ރަށުތެރެއިން ރޭންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މީގެ އިތުރުން ބަލީގެ އަލާމާތެއް ހުރެގެން އެއްވެސް ފަރާތަކުން ރިޕޯޓްކޮށްފިނަމަ އެފަރާތެއްގެ ސާމްޕަލް އިސްކަމެއް ދީގެން ނަގަމުން ދާނެކަމަށްވެސް މާހީނޫޒް ވިދާޅުވިއެވެ. އަދި މިފަދަ ދަތި އުނދަގޫ ވަގުތުތަކުގައި ރައްޔިތުންގެ ކެތްތެރިކަމަށާއި ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް މާހީނޫޒް ވަނީ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައެވެ.
ބ.ތުޅާދޫގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރޯގާގެ އަލާމާތް ފެންނަ ފަރާތްތަކުން ލަސްނުކުރައްވާ ތުޅާދޫ ސިއްޙީމަރުކަޒްގެ ހޮޓްލައިން 6600117 އާ ގުޅައި މަޢުލޫމާތު ޙިއްޞާކުރުމަށް އެމަރުކަޒުން އެދެއެވެ.



